ޚަބަރު

މެސީގެ މޮޅު ކުޅުމާއިއެކު އިންޓަރ މަޔާމީ މޮޅުވެއްޖެ


ފީފާ ކްލަވް ވޯލްޑް ކަޕްގައި ރޭ ޕޯޓޯ އާއި ދެކޮޅަށް އިންޓަރ މަޔާމީ ކުޅުނު މެޗުގައި ލިއޮނެލް މެސީ ދެއްކި މޮޅު ކުޅުމާއިއެކު އެ ޓީމު 2-1 ގެ ނަތީޖާއަކުން މޮޅުވެއްޖެ އެވެ.

ގްރޫޕް އޭ ގައި ކުޅުނު މި މެޗުން އިންޓަރ މަޔާމީ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ދެވަނަ މަގާމް ލިބިފަ އެވެ. އެއްވަނައިގައި އޮތް ޕަލްމޭރާސްއަށްވެސް ހަތަރު ޕޮއިންޓް ލިބިފައިވާއިރު އެ ޓީމަށް ކުރި ލިބިފައިވަނީ ފައިދާ ގޯލުންނެވެ.

އެޓްލާންޓާގެ މާސެޑޭޒް ބެންޒް އެރީނާގައި އެއްތިރީސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ އަށްވަނަ މިނިޓުގައި ޕޯޓޯ އަށް ލިބުނު ޕެނަލްޓީ އަކުން އެ ޓީމުގެ ސަމޫ އަގެހޯވާ ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ.

މެޗުގެ ދެވަނަ ހާފަށް ނިކުތްއިރު 1-0 ގެ ނަތީޖާއަކުން ޕޯޓޯ ކުރީގައި އޮތް ނަމަވެސް ދެވަނަ ހާފުގެ ކުޅޫން ފެށުނުތާ ދެވަނަ މިނިޓުގައި ޓެލަސްކޯ ސެގޯވިއާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި މެޗުން އިންޓަރ މަޔާމީ މޮޅުވި ލަނޑު މެޗުގެ 54 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން ކެޕްޓަން ލިއޮނެލް މެސީ އެވެ. މިއީ އޭނާ އިންޓަރ މަޔާމީއަށް ކުޅެދިން 61 ވަނަ މެޗުގައި އެ ކްލަބަށް ޖަހައިދިން 50 ވަނަ ލަނޑެވެ.

މި މެޗުގައި މެސީ ޖެހި ލަނޑާއެކު އޭނާ ފީފާ ކްލަބް ވޯލްޑް ކަޕްގައި ޖެހި ލަނޑުގެ އަދަދު ވަނީ ހަޔަކަށް އަރާފަ އެވެ. މި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ ހަތް ލަނޑު ޖަހާފައިވާއިރު ކަރީމް ބެންޒޭމާ އާއި ގެރެތް ބޭލް ވަނީ ހަ ލަނޑު ޖަހާފަ އެވެ.