ޚަބަރު

މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5000 ރުފިޔާގެ މަގުން ބަހައިފި


  • މިދިޔަ އަހަރު މުދަލު ޒަކާތް ބަހާފައިވަނީ ބޮލަކަށް 4000 ރުފިޔާގެ މަގުން

  • ފަޤީރުންގެ ދަފްތަރުގައި މިހާތަނަށް 2852 ފަޤީރުން ވަނީ ދަފްތަރުވެފައި

ބޮލަކަށް 5000 ރުފިޔާގެ ރޭޓުން މިއަހަރުގެ މުދަލު ޒަކާތް ބަހައިފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ޒަކާތު ފަންޑުގެ ފަޤީރުންގެ ދަފްތަރުގައި މިހާތަނަށް 2852 ފަޤީރުން ވަނީ ދަފްތަރުވެފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިދިޔަ އަހަރު މުދަލު ޒަކާތް ބަހާފައިވަނީ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންގެ ބޮލަކަށް 4000 ރުފިޔާގެ މަގުން ކަމަށެވެ. އެހެންނަމަވެސް މި އަހަރު ބަހާފައިވާނީ ބޮލަކަށް 5000 ރުފިޔާގެ ރޭޓުންކަމަށެވެ. މިއަހަރުގެ މުދަލު ޒަކާތް ބަހާފައިވަނީ އިއްޔެއެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ.

ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައަޅަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިންނެވެ. އެވުޒާރާއިން އެންމެފަހުން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލުގެންނަވާފައިވަނީ މިއަހަރުގެ މެއިމަހުގެ ތެރޭގައެވެ. މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ އަދަދަކީ 9،353.4 ރުފިޔާއެވެ.

މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައެޅުމުގައި ރާއްޖޭގައި ބަލަނީ ރަންރިހީގެ އަގުންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބަށް ދަނީ ބަދަލު ގެންނަމުންދެއެވެ. އެމީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ ޢަދަދަށް އަތުގައި ނުވަތަ ބޭންކްގައި ފައިސާ ހުރިނަމަ ހިޖުރީ ގޮތުން އަހަރެއްވުމުން އޭގެ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ.