ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އެކްސްޓްރާ ކޮންގްރެސް މާދަމާ ހަވީރަށް ތާވަލުކޮށްފައިވާއިރު، އެ އެސޯސިއޭޝަނުގެ އަސާސީ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތަކާއެކު އައު އިންތިޚާބު އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ޑްރާފްޓުކޮށްފިއެވެ.
އެފްއޭއެމްއިން ނެރެފަވާ ބަޔާނެއްގައި ބުނެފައި ވަނީ ހުކުރުދުވަހު ބާއްވާ ކޮންގްރެސްއަށް ފަހު އިންތިހާބުގެ މަސައްކަތް ފަށާނެކަމަށާ، މާދަމާ ކުރިއަށްދާ ކޮންގްރެސްގެ އެޖެންޑާގައި އެންމެ އިސްކަމެއްދީފައި ވާނީ އެފްއޭއެމްގެ އަސާސީ ގަވާއިދަށް ވޯޓަށް އެހުންކަމަށެވެ.
އެފްއޭއެމްއިން ކުލަބްތަކަށް ފޮނުވާފައިވާ ޑުރާފްޓު، އަސާސީ ގަވާއިދާއި އެއްގޮތަށް ފާސްވެއްޖެނަމަ އިންތިޚާބު ބާއްވާނެ ތާރީޚަކަށް ވާނީ އަންނަ ޖުލައިމަހުގެ 26 ވަނަ ދުވަހެވެ. އެފްއޭއެމްގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަންނަ ހޮނިހިރު ދުވަހު ހުޅުވާލާއިރު، އިންތިޚާބަށް ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ ސުން ގަޑިއަކީ އަންނަ ޖުލައިމަހުގެ 6 ވަނަ ދުވަހެވެ.
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކޮންގްރެސް އަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމިއްޔާ (ފީފާ) އާއި އޭޝިއަން ފުޓްބޯޅަ ކޮންފެޑަރޭޝަން (އޭއެފްސީ)ގެ އޮފިޝަލުންވެސް މިހާރުވަނީ މާލެ ވަޑައިގަންނަވާފައެވެ. މި ޓީމުގައި އިސްކޮށް ހުންނެވި އެއް ބޭފުޅަކީ ފީފާގެ މެންބަރު އެސޯސިއޭޝަންގެ ސީނިއާ މެނޭޖަރު އަހްމަދު ހައްރާޒެވެ. އޭނާ ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެފްއޭއެމްގެ މައްސަލަތައް ހައްލުކުރުމަށް މާލެ ވަޑައިގަންނަވާފައެވެ.
އެފްއޭއެމުގައި މިހާރު އަމަލު ކުރަމުން އަންނަނީ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އިސްކޮށް ހުންނަވައިގެން ތައްޔާރުކޮށްފައިވާ އަސާސީ ގަވާއިދަށެވެ. މި ގަވާއިދު އިސްލާހު ކުރަން ފީފާއިން އާއި އޭއެފްސީން ބޭނުންވަނީ ކުލަބުތަކާއި ފުޓްބޯޅަ ހިންގަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހަނިކޮށްފައިވާތީއެވެ.