ޚަބަރު

ޅ. އަދި ލ. އަތޮޅުގައި ބަޔޯސްފިއަރ ރިޒާވްތައް ކަނޑައެޅުމަށް ދަނީ ތައްޔާރުވަމުން: ވަޒީރު ޠާރިޤު


  • ޅ. އަތޮޅުގައި ބަޔޯސްފިއަރ ރިޒާވް ކަނޑައަޅަން ބޭނުންވާ ދިރާސާތައް ދަނީ ކުރިއަށް

  • އަންނަ އަހަރުތެރޭ ތިން ވަނަ ބަޔޯސްފިއަރ ރިޒާވް ކަނޑައަޅަން ޕްރޮޕޯސަލްތައް ހުށަހަޅާނެ

ޅ އަތޮޅާއި ލ އަތޮޅުގައި ބަޔޯސްފިއަރ ރިޒާވްތައް ކަނޑައެޅުމަށް ތައްޔާރުވަމުންދާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ލ. ގަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ބަޔޯސްފިއަރ ރިޒާވް ހެދުމަށް ކަނޑައަޅާފައިވާ 3 އަތޮޅުގެ ތެރެއިން ލ. އަތޮޅާއި ޅ. އަތޮޅުގައި ބަޔޯސްފިއަރ ރިޒާވްތައް ކަނޑައެޅުމުގެ މަސައްކަތް އެ ވުޒާރާއިން ކުރަމުންދާ ކަމަށެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު ވިދާޅުވީ، ޅ. އަތޮޅުގައި ބަޔޯސްފިއަރ ރިސާވް ކަނޑައަޅަން، ބޭނުންވާ ހުރިހާ ދިރާސާއެއް މިހާރު ކުރިއަށްދާކަމަށެވެ. އަދި ލ އަތޮޅުގައި ބަޔޯސްފިއަރ ރިޒާވް ކަނޑައެޅުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

2028 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މިހާރު އޮތް 3 ބަޔޯސްފެއަރ ރިޒާވްއާއި ހިމާޔަތްކުރެވިފައިވާ 92 ސަރަޙައްދުގެ އިތުރުން، އިތުރު 3 ސަރަޙައްދެއްގައި ބަޔޯސްފެއަރ ރިޒާވް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެގޮތުން، އަންނަ އަހަރުތެރޭ ތިން ވަނަ ބަޔޯސްފިއަރ ރިސާވް ކަނޑައެޅުމަށް ޕްރޮޕޯސަލްތައް ހުށަހަޅާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން ވަޒީރު ޠާރިޤު އިބްރާހީމް ވަނީ ތިމާވެށި ހިމާޔަތްކުރުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.

"ތިމާވެށި ހިމާޔަތް ކޮށްގެން ކުރިއަށްއޮތް ތަނަށްވެސް ގެންދަން ބަލަހައްޓަން އެބަޖެހޭ. އެއީ ތިމާވެށި ހަލާކުވެގެން ގޮއްސިކަމަށް ވަންޏާމު މީގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރުން، އަދި އޭގެ ސަބަބުން އިޤްތިސާދަށްވެސް ބުރޫ އަރާނެ. އަދި އޭގެއިތުރަށް ކުރިއަށްއޮތް ޖީލުތަކަށް ރައްކާތެރި ނާޒުކު ތިމާވެއްޓެއް ފޯރުކޮށްދިނުމަކީވެސް އަޅުގަނޑުމެންގެ ވާޖިބެއް. މި ދެކަމަށްޓަކައި ތިމާވެށި ހިމާޔަތްކޮށް ކުރިއަށް އޮތް ޖީލުތަކާ ހިސާބަށް ރައްކާތެރި ތިމާވެއްޓެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަން އެބަޖެހޭ" ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވިއެވެ.

ތިމާވެށި ހިމާޔަތްކޮށް ރައްކާތެރި ކުރުމަށްޓަކައި ވުޒާރާއިން އިސްނަގައިގެން ރަށްރަށުގެ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް ގުޅިގެން ޢާންމު ރައްޔިތުންނަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމަށާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރާވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ވުޒާރާއިން ކުރައްވާ އެ މަސައްކަތުގައި ސްކޫލްތަކުގެ ދައުރުވެސް ވަރަށް ބޮޑުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވާ ޤައުމެއްކަން ފާހަގަކުރައްވާ ވަޒީރު ތާރިޤް އިބްރާހީމް ވިދާޅުވީ، ރާއްޖެ ޒިޔާރަތްކުރާ 80 އިންސައްތަ ފަތުރުވެރިންނަކީ ރާއްޖޭގެ ގުދުރަތީ ރީތިކަން ބަލާލާ، އެމަންޒަރުތަކުން ހިތް އުފާކޮށްލުމަށް އަންނަ ފަތުރުވެރިން ކަމަށެވެ.