ޚަބަރު

މަރަދޫ ބޮނޑޮގެ - އަނެއްކާވެސް ސިނަމާއަކަށް


އައްޑޫ ސިޓީ މަރަދޫ ބޮޑުމަގުގައި ހުންނަ ބޮޑޮގެ ނުވަތަ އައްޑޫ ބަހުރުވައިންނަމަ، ބޮނޑޮގެއަކީ، ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އިނގިރޭސީން ޢިމާރާތްކުރި ތަނެކެވެ. އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ، ބޮނޑުގެއަކީ ހަނގުރާމައިގެ ބަންކަރެއްގެ ގޮތުގައި ނުވަތަ ޞިއްޙީ ޚިދުމަތްދޭ ތަނެއްގެ ގޮތުގައި ބޭނުންކުރި ތަނެއްކަމަށްވެސް ވާހަކަދެކެވޭކަމުގައެވެ. ރަށުގެ ބައެއް ޢާންމު ފަރާތްތަކާ ވާހަކަދެއްކުމުންވެސް އެނގުނީ މިއީ އަނިޔާވާ މީހުންނަށް ފަރުވާދޭން ހަދާފައިވާ ހަނގުރާމާއިގެ ބޭހެއްކަމަށެވެ. ނަމަވެސް މިތަން ހަދައި ނިމުނުއިރު ދެވަނަ ބޮޑު ހަނގުރާމަ ނިމިފައިވުމުން އެތަނުގައި އެއްވެސް ބޭނުމެއް ނުކުރާކަމަށް މަރަދޫގެ ޢާންމު މީހަކު ބުންޏެވެ.

ބޮނޑޮގޭގެ ތާރީޚަށް ބަލާއިރު، ދިވެހިން އެކި ދުވަސްމަތިން ތަފާތު ޚިދުމަތްތަކެއް އެތަނުން ދީފައިވެއެވެ. އެގޮތުން މަރަދޫ ސްކޫލާއި، މަރަދޫ އޮފީހާއި ޤުރުއާން ކުލާސްތައް ހިންގުމާއި ކާޑު ގުދަނެއްގެ ގޮތުގައި ބޭނުންކުރުންވެސް ހިމެނެއެވެ. ބޮނޑޮގެ އެންމެ ފަހުން ބޭނުންކުރީ، 1980 ގެ އަހަރުތަކުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ސިނަމާތައް ހެދިގެން ދިޔަ ދުވަސްވަރު މަރަދޫ ސިނަމާގެ ގޮތުގައެވެ. އޭގެ ފަހުން މިޢިމާރާތުގެ ބޭނުން އެއްވެސް ވަރަކަށް ހިފާފައެއް ނުވެއެވެ.

ގާތްގަނޑަކަށް ފަންސަވީހަކަށް އަހަރު ފަޅުތަނެއްގެ ގޮތުގައި ބެހެއްޓުމަށްފަހު އަނެއްކާވެސް ބޮނޑޮގެ ސިނަމާއަކަށް ހެދުމުގެ މަސަކަތް އައްޑޫ ސިޓީ ކައުންސިލުން މިހާރު ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން އަމިއްލަ ކުންފުންޏަކާ ޙަވާލުކުރައްވައިގެން ބޮނޑޮގެ މަރާމާތުކުރައްވައި، ސިނަމާއަކަށް ހައްދަވައި، އަންނަ ނޮވެންބަރު 11 އަށް ހުޅުއްވޭ ވަރުވާނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.  

އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރ އަބްދުﷲ ތައްޔިބު ވިދާޅުވީ، އައްޑޫގައި ހުރި ތާރީޚީ މިފަދަ ތަންތަން ވީރާނާ ވަމުންދާތީ އެތަންތަން އަންނަން އޮތް ޖީލުތަކަށް ނުވަތަ ކިޔަވާކުދިންނަށް ތާރީޚު ބުނެދިނުމަށް ބޮނޑޮގެ މަރާމާތުކުރުމުގެ މަސަކަތް ކުރިއަށް ގެންދަވާކަމަށާއި، އެތަން ފެނުމުން އެއީ ކޮންތަނެއްތޯ މީހުން ސުވާލު އުފެދޭވަރު ކުރައްވާނެކަމަށެވެ.

ފެންނަ ފެނުމަށް ވަރަށް ވަރުގަދަކޮށް، މިހާރުވެސް ފެންނަންހުރި ބޮނޑުގެ މަރާމާތުކޮށް ނިމި ހުޅުވޭއިރު، އެތަނުގެ ތާރީޚު އަންގައިދޭ ބޯޑެއް ހުންނާނެކަމަށާއި، އެތަނަށް ޒިޔާރަތްކުރާ މީހުންނަށް ގެންދެވޭގޮތަށް ލީފްލެޓްވެސް ހުންނާނެކަމަށް އައްޑޫ ސިޓީ ކައުންސިލުން މަޢުލޫމާތުދެއެވެ.