ދެމެހެއްޓެނިވި ތަރައްޤީގައި ދުޅަހެޔޮ ކަނޑުތަކެއް ނުހަނު މުހިއްމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ، ފައިނޭންސިންގ ފޯރ ޑިވެލޮޕްމަންޓްގެ 4 ވަނަ ކޮންފަރެންސްގެ ހަވާސާގައި ރާއްޖެއިން އިސްނަގައިގެން ބޭއްވި އިވެންޓެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
"ބްލެންޑެޑް ފައިނޭންސް އޮޕޮރޗުނިޓީސް ފޯރ މެރިން ބަޔޯޑައިވަރސިޓީ: ކޭސް ސްޓަޑީސް އޮން ކޮރަލް ރީފް އިންޝުއަރެންސް އެންޑް ބްލޫ އިކޮނޮމީ ފައިނޭންސިންގ."ގެ ނަމުގައި ފައިނޭންސިންގ ފޯރ ޑިވެލޮޕްމަންޓްގެ 4 ވަނަ ކޮންފަރެންސްގެ ހަވާސާގައި ރާއްޖެއިން އިސްނަގައިގެން ބޭއްވި އިވެންޓުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވީ، ކަނޑުތަކަކީ ރާއްޖޭގެ ދެމިއޮތުމާއި ގުޅިފައިވާކަމެއްކަމަށެވެ.
އެގޮތުން ދިވެހީންގެ ކާނާގެ ޔަގީންކަމާއި، ދިވެހީންގެ އާމްދަނީ ވަރަށް ބޮޑަށް ބަރޯސާވެފައިވާ ވަޞީލަތެއްގެ ގޮތުގައި ކަނޑުތައްވެފައިވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައިވަނީ މުރަކަ ނުވަތަ ގައު ހުދުވުމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ހަމައެއާއެކު ދެމެހެއްޓެނިވި ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ 14 ވަނަ ލަނޑުދަނޑިކަމުގައިވާ ކަނޑު އަޑީގެ ދިރުންތައް ރައްކާތެރިކޮށް ޙިމާޔަތްކުރުމަށް އެކަށީގެންވާ ހޭދައެއް ނުކުރެވޭކަމުގެ ކަންބޮޑުވުންވެސްވަނީ ފާޅުކުރައްވާފައެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައިވަނީ ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކުރުމަށް ކަނޑުތަކުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ޔަގީންކުރަންޖެހޭކަމަށްވަނީ ވިދާޅުވެފައެވެ.
Maldives hosts side event entitled “Blended Finance Opportunities for Marine Biodiversity” at the 4th International Conference on Financing for Development (FfD4)
— Ministry of Foreign Affairs 🇲🇻 (@MoFAmv) July 2, 2025
📃 Press Release | https://t.co/rcHE6qiLyp pic.twitter.com/iRHbJCu1ac
ދިވެހި ސަރުކާރުން އދ.ގެ ތަރައްޤީގެ ޕްރޮގްރާމްކަމުގައިވާ ޔޫއެންޑީޕީއާއި ގުޅިގެން ބޭއްވި މި ސައިޑު އިވެންޓުގެ ތެރެއިންވަނީ ރާއްޖެއިން ކުރިއަށްގެންދާ ދެމަޝްރޫޢެއްގެ މަޢުލޫމާތު ހާމަކޮށްފައެވެ.
އެގޮތުން މުރަކަތައް އިންޝުއަރކުރުމުގެ މަޝްރޫޢަކާއި އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް ޚާއްސަ ފަންޑެއް ހިމެނެއެވެ. އިވެންޓުގެ ތެރެއިން ކުރިއަށްގެންދިޔަ މިޕެނަލް ޑިސްކަޝަންގައި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓްގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރވަނީ ބައިނަލްއަޤުވާމީ ތަޖުރިބާކާރުންނާއެކު ބައިވެރިވެވަޑައިގަންނަވާފައެވެ. މިޕެނަލް ޑިސްކަޝަންގައިވަނީ ތަފާތު ގޮތްގޮތުން ދެމެހެއްޓެނިވިގޮތުގައި ތިމާވެށީގެ ދައިރާއިން ހޭދަކުރުމަށް ފަންޑު ޤާއިމުކުރުމާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
ފައިނޭންސިންގ ފޯރ ޑިވެލޮޕްމަންޓްގެ 4 ވަނަ ކޮންފަރެންސްކުރިއަށްދަނީ ޖޫން މަހުގެ 30 އިން ޖުލައި މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ސްޕެއިންގެ ސެވީލްގައެވެ.