ޚަބަރު

މިމަހުގެ ތެރޭގައި އައިޖީއެމްއެޗްގައި އައިނު ފިހާރަ ހުޅުވަނީ


  • ކުރިއަށް އޮތްތަނުގައި ހުޅުމާލޭ ހޮސްޕިޓަލުގައިވެސް އައިނު ފިހާރައެއް ޤާއިމުކުރާނެ

  • އަތޮޅުތަކުގެ ރީޖަނަލް ހޮސްޕިޓަލްތަކުގައިވެސް އައިނު ފިހާރަ ހުޅުވަންދަނީ މަސައްކަތްކުރަމުން

  • އައިނު ހެއްދުމަށް އާސަންދައިން ދެމުންދިޔަ 1000 ރުފިޔާ 2000 ރުފިޔާއަށްވަނީ ބޮޑުކުރައްވާފައި

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްގައި މިމަހުގެ ތެރޭގައި އައިނު ފިހާރަ ހުޅުވައި ޚިދުމަތް ދޭން ފަށާނެކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.

އައިނު ހެއްދުމުގެ ބުރަ ބޮޑުވެފައިވުމަކީ ގިނަ ރައްޔިތުންގެ އޮތް ކަންބޮޑުވުމެކެވެ.

އައިނު ހެއްދުމުގެ ޚިދުމަތް ސަރުކާރުގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުން މިހާތަނަށް ފޯރުކޮށްދީފައިނުވެއެވެ. ހެލްތު އިންޝުއަރެންސްގެ ތެރެއިން ރައްޔިތުންނަށް އައިނު ހެއްދުމަށް ދެމުންދިޔައީ ކޮންމެ ދެއަހަރުން އެއްއަހަރަކު 1000 ރުފިޔާގެ އެހީތެރިކަމެކެވެ. އާންމު ދިރިއުޅުމަށް މުހިންމު އެއްޗަކަށް އައިނުވެފައިވާއިރު އައިނު ހެއްދުން ވެފައިވަނީ ރާއްޖޭގައި ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަކަށެވެ.

އާންމުންގެ ޒަމާންވީ ކަންބޮޑުވުމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުވަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން އައިނު ހެއްދުމުގެ ޚިދުމަތް ފައްޓަވާނެކަން މިދިޔަ މެއިމަހު ޢިއުލާންކުރައްވާފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، ރައީސްގެ ނިންމެވުމާ އެއްގޮތަށް މިމަހުގެ ތެރޭގައި އައިނުގެ ޚިދުމަތް މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ދޭން ފަށާނެކަމަށެވެ. މިއާއެކު ނަމްބަރު ނެގުމާއި އަދި އެހެން ތަނަކުން ނަގައިންގެން އަންނަ ނަމްބަރަކަށްވެސް އައިޖީއެމްއެޗްގެ އައިނު ފިހާރައިން އައިނު ހެއްދޭނެކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ މިމަހުގެ ތެރޭގައި އައިޖީއެމްއެޗްގައި އައިނު ފިހާރައެއް ހުޅުވުމަށް. އަދި ކުރިއަށް އޮތްތަނުގައި ހުޅުމާލޭ ހޮސްޕިޓަލުގައިވެސް އައިނު ފިހާރައެއް ހުޅުވިގެންދާނެ." މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ވިދާޅުވިއެވެ.

ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، އައިނުގެ ވިޔަފާރި މީގެކުރިން ސަރުކާރުގެ ތެރެއިން ފޯރުކޮށް ދެމުން ގޮސްފައިނުވާތީ އޭގެ ފަސޭހަ މީގެކުރިން ލިބިގެން ގޮސްފައިނުވާކަމަށެވެ. ސަރުކާރުން އާސަންދައިން އައިނު ހެއްދުމަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދިންނަމަވެސް އޭގެ ނަފާ އެއްކޮށް ނުލިބޭކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން އާސަންދައިން ކަނޑައަޅާފައިވާ ރޭންޖުގެ ތެރޭގައި ފެންވަރު ރަނގަޅު އައިނެއް ހެއްދޭނެ އިންތިޒާމު ސަރުކާރުގެ މައި ހޮސްޕިޓަލުގެ ތެރެއިން ހަމަޖެހޭނެކަމަށް ޢަބްދުއްރައްޒާޤު ހަލީމް ވިދާޅުވިއެވެ.

އަދި މިޚިދުމަތް ކުރިއަށް އޮތްތަނުގައި އަތޮޅުތަކުގެ ރީޖަނަލް ހޮސްޕިޓަލުތަކާއި ހަމައަށް ގެންދިޔުމަށް މަސައްކަތް ކުރައްވަމުން އަންނަކަމަށްވެސް ވިދާޅުވިއެވެ. އެއާއެކު އަތޮޅުތަކުން އައިނު ހެއްދުމަށް މާލެ އަންނަން ކުރަންޖެހޭ ހޭދަ ނުކޮށްވާނެކަން ސީއީއޯ ފާހަގަކުރެއްވިއެވެ.

އައިނު ހެއްދުމަށް ސަރުކާރުގެ ހެލްތު އިންޝުއަރެންސްގެ ތެރެއިން ދެމުންދިޔަ 1000 ރުފިޔާ 2000 ރުފިޔާއަށް ސަރުކާރުންވަނީ އިތުރުކުރައްވާފައެވެ. އާސަންދައިގެ ތަފާސްހިސާބުތަކަށް ބަލާއިރު ނިމިދިޔަ 2024 ވަނަ އަހަރުގެ ތެރޭގައި އައިނު ހެއްދުމަށް 36000 އަށްވުރެ ގިނަ މީހުންނަށް އާސަންދައިގެ ތެރެއިން 36 މިލިއަނަށްވުރެ ގިނަ ރުފިޔާވަނީ ދޫކޮށްފައެވެ.