ރެއާލް މެޑްރިޑުގެ ޒުވާން ފޯވަޑް ގޮންޒާލޯ ގާސިއާ ކުރި އަށް ސީޒަނުގައި އެ ކުލަބުގައި ބަހައްޓަން ނިންމައިފި އެވެ.
ރެއާލްއިން މި ގޮތަށް ނިންމީ އުމުރުން 21 އަހަރުގެ ފޯވަޑް ގަތުމަށާއި ލޯނު އުސޫލުން އޭނާ ލައްވައި ކުޅުވަން ބައެއް ކުލަބުތަކުން ހުށަހަޅުންދާތީ އެވެ.
އޭނާ އަށް ޝައުގުވެރިވާ ކުލަބުތަކުން އުއްމީދު ކުރަނީ ރެއާލް މެޑްރިޑުގައި ވާދަވެރި މޮޅު ފޯވަޑުންތަކެއް ތިބުމުން ކުޅުމުގެ ފުރުސަތު މަދުވެދާނެތީވެ ގާސިއާ އެހެން ކުލަބަކަށް ކުޅެން ބޭނުންވެދާނެ ކަމަށެވެ.
ނަމަވެސް ކުލަބު ވޯލްޑް ކަޕުގައި އޭނާ ދެއްކި ރަނގަޅު ކުޅުމާއި ޖަހަމުންދާ ގޯލުތަކުގެ ސަބަބުން އޭނާ ދޫކޮށްލަން ކޯޗު ޒަބީ އަލޮންސޯގެ ވިސްނުމެއް ނެތެވެ. އޭނާ ވަނީ ކުލަބު ވޯލްޑް ކަޕުގެ އެންމެ ގިނަ ގޯލު ޖަހައި ރަންބޫޓު ހާސިލްކޮށްފަ އެވެ.
"އޭނާ ހުންނާނީ ރެއާލް މެޑްރިޑުގައި. އަހަރުމެން އެއްވެސް އުސޫލަކުން އޭނާ ދޫކޮށްލަން ބޭނުމެއް ނުވޭ. ކުރި އަށް އޮތް ސީޒަނުގައި އޭނާ ކުޅޭނީ ރެއާލްގައި. ކޮންމެ ކުޅުންތެރިއަކަށް ކުޅުމުގެ ފުރުސަތު ލިބޭނީ އެ މީހަކު ކުރާ މަސައްކަތަކުން. ގާސިއާ ވެސް ހުރީ އަހަރުމެންނާއެކު ޓީމުގެ ފުރަތަމަ 11 އަށް ވާދަކުރާ ގޮތަށް،" ކޯޗު އަލޮންސޯ ބުންޏެވެ.
ގާސިއާ ރެއާލްގެ ފުރަތަމަ 11ގައި ހިމަނަން ފެށީ އަލޮންސޯ ޓީމާ ހަވާލުވުމަށް ފަހު އެވެ. އެއީ އެއްވަނަ ފޯވަޑް ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އާއި ބްރެޒިލްގެ ދެ ފޯވަޑުން ކަމަށްވާ ރޮޑްރީގޯ އާއި އެންޑްރިކް މުޅިން ފިޓް ނުވުމުންނެވެ. ނަމަވެސް މިހާރު އެމްބާޕޭ ވަނީ ކުޅެން ފަށައިފަ އެވެ.
ގާސިއާ ވަނީ އޭނާ އަށް އަލޮންސޯ މިހާތަނަށް ފުރުސަތުދިން ފަސް މެޗުގައި 379 މިނިޓް ކުޅެފަ ހަތަރު ގޯލު ޖަހައިފަ އެވެ.