ޚަބަރު

"ޒަމާނީ ވަސީލަތްތަކަށް އިންވެސްޓްކޮށް، ހަކަތައިގެ އާދަތަކަށް ފަރުވާތެރިވާންޖެހޭ"


  • "އިޓްސް ކޫލް އެޓް 25" މިހާރުވަނީ ރަސްމީކޮށް އިފުތިތާހުކޮށްފައި

ވިޔަފާރިވެރިން ޒަމާނީ ވަސީލަތްތަކަށް އިންވެސްޓްކުރުމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ހަކަތަ އިގްތިސާދު ކުރުމަށް ބާރުއެޅުމުގެ ގޮތުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ގައުމީ ކެމްޕޭން "އިޓްސް ކޫލް އެޓް 25" ރަސްމީކޮށް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެެވެ. މި ރަސްމިއްޔާތުގައި ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުގެ އިތުރުން ތިމާވެއްޓާއި ބެހޭ ވުޒާރާގެ އިސްބޭފުޅުން ވަނީ ބައިވެރިވެފަައެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވީ އިފްތިތާޙުކުރެވުނު ކެމްޕޭނުގެ ބޭނުމަކީ ހަކަތަ ބޭނުންކުރުމުގައި ހެޔޮ ގޮތްތައް އިޚްތިޔާރުކުރުމާއި ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމުގެ އިތުރުން އަންނާން އޮތް ޖީލުތަކަށް ފާގަތ،ި ދެމެހެއްޓެނިވި މުސްތަގުބަލެއް ކަށަވަރުކޮށްދިނުން ކަމަށެވެ. ވަޒީރު ވިދާޅުވީ ރާއްޖެއަކީ ތެލުގެ ގުދުރަތީ ވަޞީލަތައް ހޯދިފައިވާ ގައުމެއްނޫންކަމަށެވެ. އެހެންކަމުން ހަކަތައިގެ ސިނާއަތު މުޅިން ބަރޯސާވެފައި ވަނީ އިމްޕޯޓުކުރާ ތެލަށްކަަމަށާއި އެހެންކަމުން ހަކަތަ އުފެއްދުމަށް ވަރަށްބޮޑު ހޭދައެއް ކުރަންޖެހޭކަމަށެވެ. މިދިޔަ އަހަރު އެކަނިވެސް ތެޔޮ އެތެރެކުރުމަށް ޤައުމީ އުފެއްދުންތެރިކަމުގެ 10 އިންސައްތަ ޚަރަދުކުރަން ޖެހުންކަމަށް ވަޒީރު ފާހަގަ ކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ މިއީ ހަމައެކަނި ސަރުކާރުން ކޮށްގެން ފަރުޖައްސާލެވެން އޮތް މަސައްކަތެއް ނޫންކަމަށާއި މީގައި އެންމެންގެ އެއްބާރުލުން ބޭނުންވާކަަމަށެވެ. މުއައްސަސާތަކުން ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމަށާއ،ި އަދި މުޅި މުޖުތަމައު ހަކަތަ ބޭނުންކުރުމުގައި ޒިންމާދާރުވުމަށް ވަޒީރު ވަނީ ގޮވާލައްވާފައިއެވެ. ވަކިން ޚާއްޞަކޮށް ވިޔަފާރިވެރިން ޒަމާނީ ވަސީލަތްތަކަށް އިންވެސްޓްކުރުމަށާއި ހަކަތަ ބޭނުންކުރާ އާދަތަކަށް ފަރުވާތެރިވުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި ހަކަތައަކީ އަޅުގަނޑުމެންގެ މުޅި ދިރިއުޅުމާ ހުރިހާ ގޮތަކުން ގުޅިލާމެހިފައިވާ އެއްޗެއް . ދަތުރުފަތުރ،ާ ސިއްހީ ޚިދުމަތްދޭ ތަންތަނާއި ސްކޫލްތަކާއި ސިނާއީ މަސައްކަތާއި އިމާރާތްކުރުމުގެ ދާއިރާ ހިނގުންވެސް ބިނާވެފައިވަނީ ހަކަތައިގެ މައްޗަށް . ވީމާ މިއަދު އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަމަކ،ީ އަޅުގަނޑުމެން ބޭނުންކުރާ ކަރަންޓުގެ ބޮޑު ބައެއް އުފައްދަނީ ބޭރުން އިމްޕޯޓްކުރާ ޑީސަލުން ކަމަށް ވާއިރު ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ކޮންމެ ބަދަލެއްގެ އަސަރު އަޅުގަނޑުމެންނަށް ސީދާގޮތެއްގައި ވަރަށް ބޮޑަށް ކުރާކަން. މި ހަގީގަތަށް ބަލާއިރ،ު ހަކަތަ އިސްރާފުކުރުން މަދުކުރުން ހަމައެކަނި މުހިންމީއަކީ ނޫން؛ އެއީ އަޅުގަނޑުމެންގެ ސަލާމަތާއި ރައްކާތެރިކަމަށާއި އިޤްތިޞާދީ ކުރިއެރުމަށްޓަކައި ކޮންމެހެން ކުރަން މަޖުބޫރުވެފައިވާ ކަމެއް" ވަޒީރު ވިދާޅުވިއެވެ.

މި ކެމްޕޭން އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، ތަޢުލީމީ ނިޒާމުގެ ތެރެއިން ކުރާ މަސައްކަތަކީ ހަމައެކަނި ވަކި މަންހަޖަކަށް ކިޔަވައިދިނުން އެކަނި ނޫންކަމަށެވެ. މަންހަޖާއެކު، ދަރިވަރުންގެ ކިބައިގައި ރިވެތި އާދަތަކާއި ހުނަރުތަކާއި، މީހުންނަށް އިޙްތިރާމްކުރުމާއި، އިޤްތިޞާދުކުރުމާއި ކުލުނުވެރި މުޖުތަމަޢުއެއް ބިނާކުުރުމަށް ޕްރިންސިޕަލުންނާއި މުދައްރިސުން އަގުހުރި މަސައްކަތްތަކެއް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ސްކޫލްތައް އޭސީކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކަރަންޓު ޚަރަދު ކުޑަކުރުމާއި، އޭސީތަކުގެ މެއިންޓެނެންސް ކަންކަން ބެލެހެއްޓުމުގައި ސަމާލުވާންވީ ކަންކަމާގުޅޭ މަޢުލޫމާތުތައް ފޯރުކޮށްދެމުންދާކަން ވަޒީރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. ވަޒީރު ވަނީ މިއީ މަދަރުސީ ދައުރުން ފެށިގެން ހޭލުންތެރިކަން އިތުރުކުރަންޖެހޭ ކަންތައްތަކެއްކަން ފާހަގަކުރައްވާ އެކަމަށް އަދިވެސް އިތުރަށް މަސައްކަތް ކޮށްދެއްވުމަށް ވަޒީރު ވަނީ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި މުދައްރިސުންގެ ކިބައިން އެދިވަޑައިގެންފައެވެ.

"ޕްރިންސިޕަލުންނާއި މުދައްރިސުންގެ ކިބައިން ދަންނަވާލަން ބޭނުން ކުލުނުވެރިކަމާއި ލޯތްބާއެކުގައި އަޅުގަނޑުމެންގެ ދަރިވަރުންނަށް ކިޔައިދޭން އެބަޖެހޭ އިޤްތިޞާދުކުރުމުގެ މުހިންމުކަމުގެ ވާހަކަ. އަޅުގަނޑުމެންގެ ޤައުމުގެ އިޤްތީޞާދާއި މިކަން ގުޅިފަައި އޮތް މިންވަރުގެ ވާހަކަ. އަދި ގޭތެރެއާއި ސްކޫލްތަކުގައްޔާއި އަދި އެކުދިން އަމަލީ މައިދާނަށް ނިކުމެގެން އޮފީސްގެ މާހައުލުގައިވެސް އެކުދިންގެ ކިބައިގައި މި އާދަތައް ހަރުލައްވާ އެކުދިންގެ ފަރާތުން ރިވެތި ނަމޫނާ ފެނުމަށް އަޅުގަނޑުމެން ބޭނުންވާތީވެ، އެކުދިންގެ ކިބައިގައި މި ކަންތައްތައް ހަރުލެއްވުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް އަޅުގަނޑު ދަންނަވާލަން ބޭނުން." ވަޒީރު ވިދާޅުވިއެވެ.

ހަކަތަ އިގްތިސާދު ކުރުމަށް ބާރުއެޅުމުގެ ގޮތުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ގައުމީ ކެމްޕޭން "އިޓްސް ކޫލް އެޓް 25" ކެމްޕޭނަކީ ގޭބިސީތަކާއި ވިޔަފާރިތަކާއި ދައުލަތުގެ އިދާރާތަކުގައި ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުމަށް ހިތްވަރުދީ، ތިމާވެއްޓާ ރައްޓެހި ޓެކްނޯލޮޖީއަށް އާންމުން އަހުލުވެރިކުރުވުމަށް ފަރުމާކޮށްފައިވާ މުހިންމު ކެމްޕޭނެކެވެ. މީގެ އިތުރުން، ރާއްޖޭގައި ހަކަތަ ސަމަކާރަ މިންގަނޑުތައް ކަނޑައެޅުމަށް ކުރިއަށްގެންދާ "ހަކަތަރި" ޕްރޮގްރާމުގެ މައުލޫމާތު ފޯރުކޮށްދިނުންވެސް މި ކެމްޕޭނުގެ ތެރޭގައި ހިމެނެއެވެ. މި ޕްރޮގްރާމުގެ "ސްޓާ ރޭޓިންގ" ނިޒާމުގެ ސަބަބުން، ކަރަންޓު ސާމާނު ބައްލަވައިގަންނަވާއިރު، ކަރަންޓު އެންމެ މަދުން ބޭނުންކުރާ ސާމާނު ދެނެގަތުމަށް ކަސްޓަމަރުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.