ޚަބަރު

އީޔޫއާއި އިނގިރޭސިވިލާތުން ރާއްޖޭގެ އެއްވެސް ކުންފުންޏެއް ބްލެކްލިސްޓެއް ނުކުރޭ: ވަޒީރު ޝިޔާމް


  • އިނގިރޭސި ކުންފުންޏަކުން މިފްކޯއާއެކު ވިޔަފާރީގެ މަޝްވަރާތައް ބޭއްވުމަށް ވަނީ ނިންމާފައި

ވިލާތުގެ އިއްތިހާދު، އީޔޫ އަދި އިނގިރޭސިވިލާތުން ރާއްޖޭގެ އެއްވެސް މަސްވެރި ކުންފުންޏެއް ބްލެކްލިސްޓް ކޮށްފައި ނުވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އިނގިރޭސިވިލާތާއި ޔޫރަޕުގެ ޤައުމުތަކުން ސަރުކާރުގެ މަސް ކުންފުނި، މިފްކޯއާއެކު ވިޔަފާރިކުރުން މަނާކޮށްފައިވާކަމަށް ބުނެ ރާއްޖޭގެ މީޑިއާއަކުން ދޮގު ވާހަކަތަކެއް ފެތުރުމާއި ގުޅިގެނެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ އިނގިރޭސިވިލާތާއި ޔޫރަޕުގެ ޤައުމުތަކުން ސަރުކާރުގެ މަސްކުންފުނި ބްލެކްލިސްޓްކޮށްފައިވާކަމަށް ބުނެ ދައްކާ ވާހަކައަކީ ކަނޑައެޅިގެން ދޮގު ވާހަކަތެއްކަމަށެވެ. އަދި މިފްކޯގެ އިތުރުން ރާއްޖޭގެ އެއްވެސް ކުންފުންޏެއް ވިލާތުގެ އިއްތިހާދާއިއިނގިރޭސިވިލާތުންވެސްބްލެކްލިސްޓް ކޮށްފައިނުވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ކުރިއަށް އޮތް ހަފުތާގައި އިނގިރޭސިވިލާތުގެ ބޮޑު ވިޔަފާރިއަކުން މިފްކޯއާއެކު ވިޔަފާރި އެއްބަސްވުމެއްގެ މަޝްވަރާ ކުރުމަށް ރާއްޖެ އައުމަށް ހަމަޖެހިފައިވާކަމަށެވެ.

މަސްވެރިކަމަކީ ދިވެހީންގެ ލޭނާރުކަމަށާއި އަދި އެތައް އާއިލާއެއް ދިރިއުޅުން ބަރޯސާވެފައިވާ ސިނާއަތަކަށްވާއިރު، އެފަދަ ސިނާޢަތެއްގައި މަސައްކަތްކުރާ އާއިލާތަކަށް އަދި މުޅި ޤައުމަށް ނިކަމެތިކަން އަންނާނެފަދަ ގޮތްގޮތަށް ހަގީގަތާ ޚިލާފު މައުލޫމާތު ފެތުރުމަކީ ނޫސްވެރިކަމުގެ ޒިންމާދާރުކުޑަ އަމަލެއްކަމަށްވެސް ވަޒީރު ޝިޔާމް ފާހަގަކުރެއްވިއެވެ.

މިފްކޯ އަދި ރާއްޖޭގެ އެއްވެސް މަސް ކުންފުންޏެއް ބްލެކްލިސްޓް ކޮށްފައި ނުވާކަމަށް ވަޒީރު ވިދާޅުވެފައިވާއިރު މިފްކޯއިންވެސް ވަނީ އިނގިރޭސިވިލާތާއި ވިލާތުގެ އިއްތިހާދުންވެސް އެ ކުންފުނި ބްލެކްލިސްޓް ކޮށްފައި ނުވާކަން ކަށަވަރުކޮށްދީފައެވެ. މިފްކޯއިން ވިދާޅުވީ އެ ކުންފުންޏާ ގުޅޭގޮތުން ފަތުރާ ޚަބަރާ ގުޅިގެން ކަމާގުޅުންހުރި އިދާރާތަކުން އެ މައުލޫމާތުގެ ތެދުދޮގު ބަލާފައިވާ ކަމަށާއި އެފަދަ އެއްވެސް ފިޔަވަޅެއް އެ ކުންފުންޏާމެދު އަޅާފައި ނުވާ ކަމަށެވެ.