ޚަބަރު

ޤައުމީ ކަންކަންމުގައި ޕީއެސްއެމް ނަމޫނާއަކަށް ބަލައިގެން މީޑިއާތަކުން މަސައްކަތްކުރަންޖެހޭ: ޚާރިޖީ ވަޒީރު


  • ޤައުމުގެ ތާރީޚާއި ގުޅުންހުރި ޑޮކިއުމަންޓްރީތަކަކީ ވަރަށް މުހިންމު މަސައްކަތެއްކަން ފާހަގަކުރެއްވި

ޤައުމީ ކަންކަންމުގައި ޕީއެސްއެމް ނަމޫނާއަކަށް ބަލައިގެން ރާއްޖޭގެ އެހެން މީޑިއާތަކުން މަސައްކަތްކުރަންޖެހޭކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މިއަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން ޕީއެސްއެމް ނިއުސް އިން ގެނެސްދޭ "މިނިވަން ދިވެހިރާއްޖެ" ޑޮކިއުމަންޓްރީ ލޯންޗުކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ ޕީއެސްއެމް ނިއުސްގެ "މިނިވަން ދިވެހިރާއްޖެ" ޑޮކިއުމަންޓްރީފަދަ ޤައުމުގެ ތާރީޚާ ގުޅުންހުރި ޑޮކިއުމަންޓްރީތަކަކީ ވަރަށް މުހިންމު މަސައްކަތެއްކަމަށެވެ. އަދި އެހެން ޤައުމުތަކުގައި އެ ޤައުމުތަކުގެ ތާރީޚު ދައްކުވައިދިނުމަށް ދާރުލްއާސާރުތަކުގައި ވަކި ތަނެއް މިފަދަ ޑޮކިއުމަންޓްރީތައް ބަލާލެވޭނެގޮތަށް ޤާއިމުކޮށްފައި ހުންނަ ކަަމަށާއި މީގެ ސަބަބުން ޤައުމުގެ ތާރީޚު ޖީލުތަކަށް ބުނެދެވޭކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޕީއެސްއެމް ނިއުސްގެ މި މަސައްކަތަކީ ރާއްޖޭގެ އެހެން މީޑިއާތަކުންވެސް ނަކަލު ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ.

"މިކަންކަމުގެ ޒަރީއާއިން އަޅުގަނޑުމެންގެ ދަރީންނަށް، އަޅުގަނޑުމެން މިބުނެދެނީ ވާހަކަތަކެއް، އެ ވާހަކަތައް އަޅުގަނޑުމެންގެ ދަރިން އެކުދިންގެ ކުދިންނާ ހިސާބަށް ގެނެސްދޭނެ. އަދި އޭގެ އިތުރުން ދިވެހިންނަކީ ކޮންގޮތަކަށް ދިރިއުޅޭ، ދިވެހީންގެ މިނިވަންކަން ޚާއްސަގޮތެއްގައި ހިމާޔަތްކޮށް މިހާ ހިސާބަށް ގެނެސްދިނުމުގައި އަދާކުރި ދައުރު އަޅުގަނޑުމެންނަށް ޒިޔާރަތްކުރާ އެކިއެކި ބޭފުޅުންނާ ހިސާބަށް އަޅުގަނޑުމެންނަށް ގެނެސްދެވޭނެ،" ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރު ވިދާޅުވީ މީޑިއާތަކުން ވާހަކަތައް ގެންނައިރު ޚާއްސަ ސަމާލުކަން ދޭންޖެހޭ ކަންކަން އެބަހުރި ކަމަށާއި ރާއްޖޭގެ ސިޔާދަތީ ކަންކަމަށް ބުރޫ އަރާ ކަމެއްނަމަ ޤައުމަށްޓަކައި އެކަން ދޫކޮށްލަންޖެހޭ ކަމަށެވެ. ރަނގަޅު ނޫން މައުލޫމާތު ފޯރުކޮށްދިނުމަކީ އޭގެ ސަބަބުން ރާއްޖެއަށް ގެއްލުން ލިބޭ ކަމެއް ކަމަށާއި ޤައުމިއްޔަތު ދިރުވަންޖެހޭނީ ދިވެހީން އަމިއްލައަށް ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖެ ކަހަލަ ކުދި ޤައުމުތަކުގައި މިނިވަންކަމުގެ ފުރަތަމަ އައްޑަނައަކީ ޤައުމުގެ ޚާރިޖީ ސިޔާސަތުކަން ފާހަގަކުރައްވައި ޚާރިޖީ ވަޒީރު ވިދާޅުވީ އެހެން ޤައުމުތަކަށް ރާއްޖެ ސިފަވެފައިވަނީ ހަރުދަނާ ސިޔާސަތުތައް ހިފަހައްޓާ ޤައުމެއްގެ ގޮތުގައި ކަމަށެވެ. އަދި މީގެ ސަބަބުން އެކި ޤައުމުތަކާއި ރާއްޖެއާ ދެމެދު ގާތް ގުޅުމެއް އުފެދިފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ ދިވެހިންނަކީ ވަރަށް ފަޚުރުވެރި ތާރީޚެއް އޮތް ޤައުމެއް ކަމަށާއި އެންމެ ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި ދިވެހި ދައުލަތް ހިނގަމުންދާތާ 4000 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އަދި ޤައުމެއް މިޒަމާނުގެ އޮއެވަރުގެ ތެރޭގައި ދެމެހެއްޓުމަށްޓަކައި އެއް ޖީލުން އަނެއް ޖީލަށް ކުރިން ތޮބީޢީ ގޮތުން ހިނގަމުން އައި ކަންކަން ރަސްމީ ސިފައެއްގައި ކިޔައިދޭންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ޑޮކިއުމަންޓްރީތަކަކީ މުހިންމު މަސައްކަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ޖެހޭނީ ވިސްނުމާއި އިޙްސާސްގެ ތެރެއަށް އަލުން މިކަންކަން ގެންނަން. އެކަމަށް ކުރެވޭ މަސައްކަތެއް ހަގީގަތުގައި މިބާވަތުގެ ޑޮކިއުމަންޓްރީތައް އުފެއްދުމާއި ފިލްމުތައް އުފެއްދުމާއި މިދެންނެވި މަސައްކަތް ކުރުން، ޙަގީގަތުގައި މި މަސައްކަތަކީ، މިފަދަ އުފެއްދުންތައް އުފެއްދުމަކީ ދިވެހީންގެ ދެމިތިބުމައްޓަކައި ކުރަންޖެހޭ ވަރަށް މުހިންމު މަސައްކަތެކޭ،" ވަޒީރު އާދަމް ނަސީރު ވިދާޅުވިއެވެ.

ޤައުމީ ފެންވަރުގައި ފާހަގަކުރާ ޚާއްސަ މުނާސަބާތަކާއި ދުވަސްތަކާ ދިމާކޮށް ޚާއްސަ ޕްރޮގްރާމްތަކާއި ޑޮކިއުމެންޓްރީތައް ޕީއެސްއެމް ނިއުސްއިން މީގެކުރިންވެސް ވާނީ ބެލުންތެރިންނާ ހަމައަށް ގެނެސްދީފައެވެ. އެހެންނަމަވެސް މިއަހަރުގެ މިނިވަން ދުވަހާ ދިމާކޮށް ޕީއެސްއެމް ނިއުސްއިން ގެނެސްދޭ "މިނިވަން ދިވެހިރާއްޖެ" ޑޮކިއުމެންޓްރީއަކީ މިގޮތުން ގެނެސްދެވޭ އެންމެ ތަފާތު އެއް ޑޮކިއުމެންޓްރީއެވެ.