ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ދޫކުރަން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.
ރަޖިސްޓްރީ ދޫކުރަން ފަށާފައިވަނީ މިއަދު ހެނދުނު 09:30 ހުގައި ކުރީގެ ހައުސިންގ މިނިސްޓްރީ ހުރި ސަރަޙައްދުގައެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، ރަޖިސްޓްރޭޝަންގެ މަސައްކަތް އަލުން ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއި ގުޅިގެން، ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް އަލުން ގުރުއަތު ނަގާފައިވާތީކަމަށެވެ.
މީގެ ސަބަބުން، ކުރިން ގޯތި ލިބި ރަޖިސްޓްރީ ދޫކުރި ޕްލޮޓްތައްވަނީ ބަދަލުވެފައެވެ.ގޯތި ލިބޭ ފައިނަލް ޕްލޮޓް ކަނޑައަޅާފައިވަނީ މޭއިމަހުގެ 30ވަނަ ދުވަހު އުސްފަސްގަނޑު ސަރަޙައްދުގައި ބޭއްވި ގުރުއަތުނެގުމުގައެވެ.
އައު ރަޖިސްޓްރީގައި ސޮއިކުރުން ކުރިއަށްދަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. ސޮއިކޮށް ރަޖިސްޓްރީ ހަވާލުވާން ދިއުމަށް އެޕޮއިންޓްމަންޓް ހެއްދުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށެވެ. ރަޖިސްޓްރީ ބަލައިގަތުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް، ހުށައަޅަންޖެހޭ ލިޔެކިޔުމުގެ ތަފްސީލްތައް ޕޯޓަލްގައި ހިމަނާފައިވާކަމަށް ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ރަޖިސްޓްރީއާއި ހަވާލުވުމަށް އަންނައިރު ގޯތި ލިބިފައިވާ ފަރާތް ނުވަތަ ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންޖެހެއެވެ. އަދި ބަދަލުގައި އެހެން ފަރާތެއް އަންނަނަމަ، ޕަވަރ އޮފް އެޓަރނީގެ އަސްލު އަދި ޕަވަރ އޮފް އެޓަރނީ ލިބިފައިވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލު ގެންދަންޖެހެއެވެ.
މީގެއިތުރުން މިނިސްޓްރީއާއި، ގޯތި ލިބޭ ފަރާތާ ދެމެދު ކުރިން ސޮއިކޮށްފައިވާ "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމާއި، ކުރިން ދޫކޮށްފައިވާ "ބަންޑާރަ ގޯތީގެ ރަޖިސްޓަރީ"ގެ އަސްލު ގެނައުމަށް ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ، އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑީގެ 5 މިނެޓް ފަހުން ހާޒިރުވާ ފަރާތްތަކާއި އަދި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުކޮށް ހާޒިރުވާ ފަރާތްތަކަށް އެދުވަހު ހަމަޖައްސާފައިވާ އެޕޮއިންޓްމަންޓް ކެންސަލްވާނެކަމަށެވެ. އެހާލަތުގައި އެފަރާތަށް އަލުން އެހެން ތާރީޚަކާއި ގަޑިއަކަށް އެޕޮއިންޓްމަންޓަށް އެދުމުގެ ފުރުޞަތު ލިބޭނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ. ރަޖިސްޓްރީއާއި ހަވާލުވުމަށް އެދި އެޕޮއިންޓްމަންޓް ހަމަޖެހޭ ފަރާތްތަކަށް، "ހިޔާވެހި ޕޯޓަލް" އަދި އެސްއެމްއެސް މެދުވެރިކޮށް ހާޟިރުވާންޖެހޭ ގަޑި އަދި ތަން އަންގާނެކަމަށް ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.