ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލް ފެރީ ޚިދުމަތުގައި ބޭނުންކުރާ 12 ފެރީ ސްޓޮޕަކާއި 6 ޓާމިނަލެއް، އެތަންތަން ނިސްބަތްވާ ރަށު ކައުންސިލްތަކާއި ހަވާލުކޮށްފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވީ، މިއަހަރުގެ މެއި މަހުގެ 14 ވަނަ ދުވަހުން ފެށިގެން މިމަހުގެ 8ވަނަ ދުވަހާ ހަމައަށް ޖުމްލަ 18 ކައުންސިލަކާއި ފެރީ ޓާމިނަލްތަކާއި، ފެރީ ސްޓޮޕްތައް ޙަވާލުކުރެވިފައިވާކަމަށެވެ.
އޭގެތެރެއިން، 6 ރަށެއްގެ ކައުންސިލާ ފެރީ ޓާމިނަލް ޙަވާލުކޮށްފައިވާއިރު، 12 ރަށެއްގެ ކައުންސިލާ ވަނީ ފެރީ ސްޓޮޕްތައް ޙަވާލުކޮށްފައެވެ. މިހުރިހާ ފެރީ ސްޓޮޕްތަކާއި ޓާމިނަލްތަކަކީވެސް ރާއްޖޭގެ އެންމެ އުތުރުގެ 3 އަތޮޅަށް ނިސްބަތްވާ ރަށްތަޖުގައި ހަފާދައިވާ ތަންތަނެވެ.
ހދ. ހަނިމާދޫ ކައުންސިލް
ހއ. ހޯރަފުށީ ކައުންސިލް
ހއ. އިހަވަންދޫ ކައުންސިލް
ށ. ބިލެތްފަހި ކައުންސިލް
ށ. ފުނަދޫ ކައުންސިލް
ހއ. ދިއްދޫ ކައުންސިލް
ހދ. ފިނޭ ކައުންސިލް
ހއ. މުރައިދޫ ކައުންސިލް
ހހއ. މޮޅަދޫ ކައުންސިލް
ހއ. މާރަންދޫ ކައުންސިލް
ހއ. ތުރާކުނު ކައުންސިލް
ހއ. އުލިގަމު ކައުންސިލް
ށ. ފޭދޫ ކައުންސިލް
ށ. ކޮމަންޑޫ ކައުންސިލް
ހދ. ވައިކަރަދޫ ކައުންސިލް
ހދ. ކުމުންދޫ ކައުންސިލް
ށ. ގޮއިދޫ ކައުންސިލް
ހއ. ބާރަށު ކައުންސިލް
އެމްޓީސީސީން ވިދާޅުވީ، ފެރީ ސްޓޮޕްތަކާއި ޓާމިންލްތައް އެކުންފުނިން އިމާރާތްކޮށްދީފައި ވަނީ އާރްޓީއެލް ފެރީގެ ޚިދުމަތް ބޭނުންކުރައްވާ ކަސްޓަމަރުންގެ ލުއިފަސޭހައަށްޓަކައިކަމަށެވެ. އެގޮތުން، ދަތުރަށް ތައްޔާރުވެެގެން ވަޑައިގަންނަވާ ދަތުރުވެރިންނަށް މަޑުކޮށްލައްވައިގެން ތިއްބެވޭނެ އިންތިޒާމު އެފެރީ ސްޓޮޕްތަކާއި ފެރީ ޓާމިނަލްތަކުގައި ހަމަޖެހިފައި ހުންނާނެކަމަށެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރް.ޓީ.އެލްގެ ޚިދުމަތް ސަރުކާރުން ދެމުންދަނީ އަތޮޅުތެރޭގެ ދަތުރުތަކުގެ އިތުރުން، ކައިރި އަތޮޅުތަކަށްވެސް މި ނިޒާމުގެ ތެރެއިން ހައި ސްޕީޑް ފެރީގައި ދަތުރުކުރެވޭގޮތަށެވެ. އަދި މި ޚިދުމަތް ދެމުން އަންނަނީވެސް ނިސްބަތުން ކުޑަ އަގެއްގައެވެ.