ޚަބަރު

ސްޓޫޑެންޓް ލޯނުގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 982 މިލިޔަން ރުފިޔާ ދޫކޮށްފި


  • 2024 ވަނަ އަހަރުން މިއަހަރުގެ މިހާތަނަށް 1،151 ދަރިވަރުންނަށް ލޯނު ދޫކުރި

  • މިއަހަރުގެ މިހާތަނަށް 274 ދަރިވަރުންނަށް ލޯނު ދޫކުރި

ސްޓޫޑެންޓް ލޯނުގެ ގޮތުގައި މިއަހަރުގެ މިހާތަނަށް ޖުމްލަ 982.7 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވަނީ 2024 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް ސްޓޫޑެންޓް ލޯނުގެ ގޮތުގައި ޚަރަދުކޮށްފައިވާގޮތުގެ ތަފާސްހިސާބުތައް އާންމުކުރައްވާފައެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން އާންމުކުރައްވާފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ދަރިވަރުންނަށް ދޫކޮށްފައިވާ ލޯނު ފައިސާގެ އަދަދު ޖުމްލަ އެއްބިލިޔަން ރުފިޔާއާ ގާތްކުރާއިރު، މިއަހަރުގެ މިހާތަނަށް އެކަނިވެސް 282 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވެއެވެ.

މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް 1،151 ދަރިވަރުންނަށް ލޯނު ދޫކޮށްފައިވާއިރު އޭގެ ތެރޭގައި 543 ފިރިހެން ދަރިވަރުންނާއި 608 އަންހެން ދަރިވަރުން ހިމެނެއެވެ. މި ދަރިވަރުންގެ ތެރެއިން މިހާތަނަށް 863 ދަރިވަރުން ވަނީ ކިޔެވުން ފުރިހަމަކޮށްފައެވެ. އެއީ 500 ފިރިހެން ދަރިވަރުންނާއި 363 އަންހެން ދަރިވަރުންނެވެ.

މި އަހަރުގެ މިހާތަނަށް 274 ދަރިވަރުންނަށް ލޯނު ދޫކޮށްފައިވާއިރު އެއީ 112 ފިރިހެން ދަރިވަރުންނާއި 162 އަންހެން ދަރިވަރުންނެވެ. މިއަހަރުގެ މިހާތަނަށް 281 ދަރިވަރަކު ވަނީ ކިޔަވާ ނިންމާފައެވެ. އެއީ 112 އަންހެން ދަރިވަރުންނާއި 169 ފިރިހެން ދަރިވަރުންނެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާރު 1642 ދަރިވަރުން އަންނަނީ މަތީ ތަޢުލީމަށް ކިޔަވަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 664 ފިރެހެން ދަރިވަރުންނާއި 978 އަންހެން ދަރިވަރުންއެވެ.


ސްޓޫޑެންޓް ލޯނުގެ އިތުރުން އެ ވުޒާރާއިން ވަނީ ފުރަތަމަ ޑިގްރީއަށް ކިޔެވުމަށް ޚަރަދުކޮށްފައިވާ ތަފާސްހިސާބުތައްވެސް އާންމު ކުރައްވާފައެވެ.

އެގޮތުން 2024 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް 4214 ދަރިވަރަކަށް 242 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި މިއަހަރުގެ މިހާތަނަށް 1329 ދަރިވަރަކަށް 92 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.


2024 ވަނަ އަހަރުން ފެށިގެން މިހާތަނަށް ފުރަތަމަ ޑިގްރީއަށް 2634 އަންހެން ދަރިވަރުން ކިޔެވުމަށް ރަޖިސްޓްރީކޮސްފައިވެއެވެ. އަދި 1580 ފިރިހެން ދަރިވަރުންވެސް ވަނީ ރަޖިސްޓްރީކޮށްފައެވެ.

މިހާތަނަށް 5520 ދަރިވަރުން ދަސްވެނިވެފައިވާއިރު މިއަހަރުގެ މިހާތަނަށް އެކަނިވެސް 2180 ދަރިވަރަކުވެސް ވަނީ ދަސްވެނިވެފައެވެ. މީގެ އިތުރުން މިހާރުވެސް 8360 ދަރިވަރުން ފުރަތަމަ ޑިގްރީއަށް ކިޔަވަމުން އަންނަކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.