ކުޅިވަރުގެ ދާއިރާއިން ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
އެމަނިކުފާނު މިޔަގީންކަން ދެއްވާފައިވަނީ މިލަދުންމަޑުލު ދެކުނުބުރިއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކެނދިކުޅުދޫއަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވެފައި ވަނީ ކުޅިވަރުގެ ދާއިރާއިން ގިނަގުނަ މަސައްކަތްތަކެއްކޮށްދެއްވާނެކަމަށާ، އޭގެ ތެރޭގައި ފިޓްނެސް ރެކްރިއޭޝަން ސެންޓަރުތައް ހެދުމާއި، ފުޓްސަލް ދަނޑުތައް މަރާމާތުކުރުމުގެ އިތުރުން ކުޅުންތެރިންނަށް ބޭނުންވާ އެންމެހާ ވަޞީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތްކުރަމުންދާކަމަށެވެ.
"ކުޅިވަރުގެ ދާއިރާއިންވެސް މަސައްކަތްތަކެއް ކުރެވިގެންދާނެ. ކުޅިވަރުގެ ދާއިރާއިންވެސް އަޅުގަނޑުވާނީ ހަމަ ގިނަ ކަންތައްތަކެއް ކުރާނެކަމަށް ދަންނަވާފަ. ފިޓްނެސް ރެކްރިއޭޝަން ސެންޓަރުތައް ހެދުމާ، އަދި އޭގެ އިތުރަށް ހަލާކުވެފަ އޮތް ފުޓްސަލް ދަނޑު ހަދާދިނުމާ. ޖުމްލަކޮށް ޒުވާނުންނަށް، ޖުމްލަކޮށް ކުޅިވަރު ކުޅޭ ހުރިހާ ފަރާތްތަކަށް ކުޅިވަރުގެ ވަސީލަތްތައް މިއަހަރު ފެށެންހުރި މަސައްކަތްތައް އޭގެ ތެރޭގައި ފިޓްނެސް ސެންޓަރުގެ މަސައްކަތް އަދި ކުރިއަށް އޮތްތަނުގައި އިރާދަކުރެއްވިއްޔާ މިދެންނެވި ފަދައިން ފުޓްސެލް ދަނޑު އަލުން ހަދައިދިނުމާ މިފަދަ ކަންތައްތައް އަޅުގަނޑުމެން ކުރާނަން" ރައީސްގެ ވާހަކަފުޅުގައި ވިދާޅުވެފަވެއެވެ.
ހުއްޓިފައިވާ ކުޅިވަރު މަޝްރޫޢުތައް ނިންމާ ރައްޔިތުންނާ ހަވާލުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެގޮތުން މި މަޝްރޫއުތައް ނިންމުމުގެ މަސައްކަތް ސަރުކާރުން މިދިޔަ އަހަރު ފަށާފަވާއިރު، މި މަޝްރޫއުތަކުގެ ބޮޑުބައެއް މިހާރުވަނީ ނިންމާ ހަވާލުކޮށްފައެވެ.
މި މަސައްކަތްތައް ވީހާވެސް އަވަހަށް ހަރުދަނާ ގޮތެއްގައި ނިންމުމަށްޓަކައި މިއަހަރުގެ މޭމަހުގެ ތެރޭގައި ހުއްޓިފައިހުރި ބައެއް ކުޅިވަރު މަޝްރޫއުތައް ނިންމުމަށް ސަރުކާރުގެ ފަރާތުން ފެނަކަ ކޯޕަރޭޝަނާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީއާ) އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާވެސް ވަނީ ހަވާލުކޮށްފައެވެ.
މިއަހަރުގެ މޭމަހުގެ ތެރޭގައި ތަޞްދީޤުކުރެވުނު ކުޅިވަރު ޤާނޫނުގެ ދަށުން ދިވެހި ކުޅުންތެރިން އިތުރުކޮށް، ކުޅިވަރު ކުރިއަރުވާ ތަރައްޤީކުރުމާއެކު، ދިވެހި ކުޅިވަރު ޢާއިލާ ބާރުވެރިކުރުވުމުގެ މަޤްޞަދުގައި "ޤައުމީ ކުޅިވަރު ފަންޑު"ގެ ނަމުގައި ފަންޑެއް ގާއިމުކުރެއްވުމަށްވެސް ރައީސް ޑރ. މުހަންމަދު މުޢިއްޒު ނިންމަވާފައިވެއެވެ.