ޚަބަރު

ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު އިންޑިއާގެ ބޮޑުވަޒީރު ފުރައިވަޑައިގެންފި


  • އެމަނިކުފާނު ފުރާވަޑައިގަތީ މިއަދު ހަވީރު

  • މި ދަތުރުފުޅުގެ ތެރެއިން ގިނަ މަޝްވަރާތަކެއް ބޭއްވެވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ފުރާވަޑައިގެންފިއެވެ.

ބޮޑުވަޒީރުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަތީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް އެއާޕޯޓުން އަލްވަދާޢު ވިދާޅުވީ ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލާއި ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން، ދާޚީލީ ސަލަމާތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާންގެ އިތުރުން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރެވެ.

ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅަކީ ދެ ދުވަހުގެ ދަތުރުފުޅެކެވެ. މިމަހުގެ 25 ވަނަ ދުވަހު ހެނދުނު ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް މަރުޚާބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިއާގެ ބޮޑުވަޒީރު ވަނީ ދެ ޤައުމުގެ ދޭދޭ ގުޅުމާއި ސަރަހައްދީ މަސްލަހަތުތަކާ ގުޅޭ މަތީފަންތީގެ މަޝްވަރާތަކެއް ބާއްވަވާފައެވެ. އަދި ރާއްޖެއާއި އިންޑިއާއާއި ދެމެދު އެކިދާއިރާތަކުން 4 ފަހުމުނާމާއަކާއި 3 އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. މީގެ އިތުރުން އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގާފައިވާ ބައެއް މަޝްރޫއުތައް ވަނީ ބޮޑުވަޒީރު މޯދީވަނީ އިފްތިތާހްކޮށްދެއްވާފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ރާއްޖެއާއި އިންޑިއާގެ ގުޅުމަށް 60 އަހަރުވުމުގެ މުނާސަބަތުގައި ވަނީ ހާއްސަ ސްޓޭމްޕެއްވެސް އިފްތިތާހުކޮށްފައެވެ. މީގެއިތުރުން 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ދިފާއީ ވުޒާރާގެ އައު އިމާރާތް ދޮށިމޭނާ ބިލްޑިންގ ވަނީ ހުޅުވައިދެއްވިއެވެ.

ބޮޑުވަޒީރު ނަރެންދްރަ މޯދީ ގެ ފުރަމަނާ ދަތުރުފުޅާއި ގުޅިގެން ރައީސްގެ ދެކަނބަލުންގެ ފަރާތުން
ދެއްވި ފުރަމާނަ ޖާފަތެއްގައި އިންޑިއާގެ ބޮޑުވަޒީރު ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.