ޕޯސްޓް އޮފީހުގެ ތިރީބައި ބޮޑެތި ޕާރުސަލްތަކަށް ޚާއްސަކޮށް، އަލުން ހުޅުވައިފިއެވެ.
މިޕިކްޕޯސްޓް ހުޅުއްވައިދެއްވީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަޙްމަދެވެ.
ޕޯސްޓް އޮފީހުން ވިދާޅުވީ މިބަދަލާއެކު، މޯލްޑިވްސް ޕޯސްޓްގެ ޑެލިވަރީ ނިޒާމު ވަރަށްބޮޑަށް ކުރިއަރައި ހަރުދަނާވާނެކަމަށެވެ. އަދި ބޮޑެތި ޕާރުސަލްތައް ދޫކުރުމުގައި ޚިދުމަތް ހޯދާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއްވާނެކަމަށެވެ.
ޕޯސްޓުން އިތުރަށް ވިދާޅުވީ އެއޮފީހުގެ ތިރީ ބައި ބޮޑެތި ޕާރުސަލްތައް ބަލާ އަންނަ ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ޚާއްސަކުރީ، ހެޑް އޮފީހުގެ ޕިކްޕޯސްޓް ސްޓޭޝަން އީ-ކޮމާސްގެ ސަބަބުން މެއިލް ލޭންޑްސްކޭޕަށް އަންނަމުންދާ ބަދަލުތަކާގުޅިގެންކަމަށެވެ.
މިއީ، ޕޯސްޓްގެ އޮޕަރޭޝަނަލް އިންފްރާސްޓްރަކްޗަރ ހަރުދަނާކޮށް ތަރައްގީކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ބައެއްކަމަށް ވެސް ޕޯސްޓް އޮފީހުން ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް ޑެލިވަރީ ނިޒާމް ޒަމާނީކޮށް ފުޅާކުރުމަށް ކުރެވޭ މަސައްކަތަށް މި ބަދަލުގެ ސަބަބުން ފައިދާ ވާނެކަމަށް ޕޯސްޓުން ޤަބޫލުކުރައްވައެވެ.
ޕޯސްޓްގެ އޮޕަރޭޝަނާއި، ޑެލިވަރީ ނިޒާމް ހަރުދަނާކޮށް ތަރައްގީކުރުމަށް ކުރެވޭ މިފަދަ މަސައްކަތްތަކުގެ ސަބަބުން، ލީޑިން ޓްރޭޑް ފެސިލިޓޭޓަރެއްގެ ގޮތުން މޯލްޑިވްސް ޕޯސްޓުން އަދާކުރަމުންދާ ދައުރު އިތުރަށް ފުޅާވާނެކަމަށް އެ އޮފީހުން ފާހަގަކުރައްވައެވެ. އަދި ޚިދުމަތްތައް ޒަމާނީކޮށް ކޮންމެ ޚިދުމަތެއްވެސް ރައްޔިތުންނާ ވީހާވެސް ކައިރިން، ފަސޭހަކޮށް ފޯރުކޮށްދިނުމަށްޓަކައި ކުރެވޭ މަސައްކަތްތައް އިތުރުހަރުފަތަކަށް ގެންދާނެކަމަށްވެސްވަނީ ވިދާޅުވެފައެވެ.