ޚަބަރު

މޯލްޑިވްސް 2.0: ސިއްޙީ ޚިދުމަތްދޭ ހުރިހާ މަރުކަޒެއް އެއް ވިއުގައަކުން ގުޅާލަނީ


  • އަހަރެއްގެ ތެރޭގައި މާލެ ސަރަޙައްދުގެ ހުރިހާ ހޮސްޕިޓަލެއް އެއް ވިއުގައަކުން ގުޅާލާނެ

  • މާލެއާއި ރިޖަނަލް ހޮސްޕިޓަލުތައްވެސް ގުޅާލާނެ

  • ޓެސްޓުތަކުގެ ނަތީޖާ ކޮންމެ ތަނެއްގައި ހުރެގެންވެސް ބެލޭނެ

ރާއްޖެ ޑިޖިޓަލައިޒްކޮށް ޚިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ފައްޓަވާފައިވާ އެންމެ މުހިއްމު މަޝްރޫޢަކީ "މޯލްޑިވްސް 2.0"އެވެ. މި މަޝްރޫޢުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ސަރުކާރުން ދެއްވާ އެއް ދާއިރާއަކީ ސިއްޙީ ދާއިރާއެވެ. ކުރިއަށް އޮތް އަހަރެއް ނުވަތަ ދޮޅު އަހަރެއްގެ ތެރޭގައި މި މަޝްރޫޢުގެ ބޮޑު މަންޒަރު ރައްޔިތުންނަށް ފެނިގެންދާނެއެވެ.

ގުދުރަތީގޮތުން ރާއްޖެ އެތުރިފައިވާގޮތަކީ ރާއްޖޭގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް އޮތް އެންމެ ބޮޑު މައްސަލައެވެ. އޭގެ ސަބަބުން ރާއްޖޭގައި ޚިދުމަތް ދިނުމަށް ބޮޑު ޚަރަދުތަކެއް ކުރަން ސަރުކާރުތަކަށް ޖެހެއެވެ. މިކަމަށް ހައްލެއް ގެނައުމަށް ނިންމަވާ، ޑިޖިޓަލް އަދި ޒަމާނީ އީޖާދުތަކުގެ ބޭނުންކޮށްގެން ތަރައްޤީ ގެނައުމަށް ސަރުކާރުން މިހާރުވަނި ޚާއްސަ މަސައްކަތްތަކެއް ފައްޓަވާފައެވެ.

މިގޮތުން ސިއްޙީ ނިޒާމު ޑިޖިޓަލައިޒްކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއާއި ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާއިރު ސަރުކާރުގެ ޑިޖިޓަލައިޒޭޝަންގެ މާސްޓަރ ޕްލޭންގެ ދަށުން އެންމެ އިސްކަމެއްދޭ އެއް ދާއިރާއަކީ ސިއްޙީ ދާއިރާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ވިދާޅުވެފައެވެ.

ސިއްޙީ ދާއިރާ ޑިޖިޓަލައިޒްކުރުމަށް ކުރަމުންދާ މަސައްކަތާއެކު މާލެ ސިޓީގެ ހުރިހާ ހޮސްޕިޓަލްތަކެއް އެއް ސިސްޓަމަކުން ގުޅާލުމުގެ މަސައްކަތް ކުރަމުންދާކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމްވަނީ ވިދާޅުވެފައެވެ. އަދި އެއަށްފަހު މި ނިޒާމަށް ރީޖަނަލް ހޮސްޕިޓަލުތައްވެސް ގުޅާލާނެކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު ސެންޓްރަލް ހެލްތު ރިކޯޑްސް އެކްސްޗޭންޖް ނިޒާމެއް ޤާއިމުކޮށް އޭގެ ތެރެއިން ހުރިހާ ހޮސްޕިޓަލެއްގެ މެޑިކަލް ތަފްސީލުތައް ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް މަސައްކަތް ކުރައްވަމުންދާކަމަށް ސީއީއޯ ވިދާޅުވިއެވެ.

އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، މިހާރު ބޭނުންކުރާގޮތް ބަދަލުކޮށް ސަރުކާރުގެ ހުރިހާ ހޮސްޕިޓަލުތަކެއްގައިވެސް އެއްބާވަތެއްގެ ހޮސްޕިޓަލް މެނޭޖްމަންޓް ސިސްޓަމްތަކެއް ޤާއިމުކުރުމުން ހުރިހާ ހޮސްޕިޓަލެއްގައިވެސް ބަލި މީހުން ހަދާ ޓެސްޓުތަކާއި އޭގެ ނަތީޖާ ފެންނަން ހުންނާނެކަމަށެވެ. މީގެ ސަބަބުން ޓެސްޓުތައް ތަކުރާރުވުމުގެ މައްސަލަ ހައްލުވެ ޚިދުމަތް އަވަސް ވެގެންދާނެކަން ފާހަގަކުރެއްވިއެވެ.

ސިއްޙީ ނިޒާމު ހަރުދަނާކޮށް ޑިޖިޓަލައިޒްކުރުމަށް ކުރަމުންދާ މަސައްކަތް ކުރިއަށް އޮތް އަހަރެއް ނުވަތަ ދޮޅު އަހަރެއްގެ ތެރޭގައި ޤާއިމުކުރުމުގެ މަސައްކަތްކުރަމުންދާކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްއިން ވިދާޅުވެއެވެ. މި ޚިދުމަތް ފުޅާކުރެވިގެންދިޔުމާއެކު ސަރުކާރުން މިހާރު ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކުޅުދުއްފުށީގައި ފައްޓަވާފައިވާ ޓެލެމެޑިސިންގެ ޚިދުމަތްވެސް އިތުރަށް ފުޅާކުރެވިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އޭގެ ސަބަބުން ރަށުގައި ހުރެގެން އެހެން ސަރަޙައްދުތަކުގައި ތިއްބަވާ ޑޮކްޓަރުންނަށް ދެއްކޭނެއެވެ.

މިއީ މިވަގުތު ވަކި ވަކި ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ ރާއްޖޭގެ ސިއްޙީ ނިޒާމުގައި އޮތް އެންމެ ބޮޑު މައްސަލައެވެ. ޑޮކްޓަރަށް ދެއްކުމަށް މާލެއަށް ބަރޯސާވުމުގެ މައްސަލައެވެ. އެހެންކަމުން ސަރުކާރުގެ ޑިޖިޓަލައިޒޭޝަން މަސައްކަތާއެކު މިކަމަށް ހައްލެއް އަންނާނެއެވެ. އަދި ޑިޖިޓަލައިޒްކުރުމުގެ ސަބަބުން އެމީހެއްގެ ހެލްތު ރިކޯޑު އެމީހަކަށް ބަލާލެވޭނެ އިންތިޒާމުވެސް ހަމަޖެހިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.