ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ގަހެއް އިންދަވައިފިއެވެ.
ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ގަހެއް އިންދަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ރާއްޖެއަށް ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ. އެމަނިކުފާނު މި ގަސް އިންދަވައިދެއްވާފައިވަނީ އެކަމަށްޓަކާ މިއަދު ހަވީރު ސަލްޓަން ޕާކުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތުގައި ލަންކާގެ ރައީސްގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ދައުލަތުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގަތެވެ.
ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ޕްރޮގުރާމެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ވަނީ ސަލްޓަން ޕާކްގައި މޫނިމާ ގަހެއް އިންދަވާފައެވެ.
ކުރިއަށް އޮތް 5 އަހަރު ތެރޭގައި 5 މިލިޔަން ގަސް އިންދެވުމުގެ ޕްރޮގްރާމެއް ހިންގެވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވީ ތިމާވެށީގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ އެންމެ ބޮޑު ބައްދަލުވުންކަމުގައިވާ "ކޮޕް28"ގައެވެ. މި ޕްރޮގްރާމް ރަސްމީކޮށް ފަށްޓަވާފައި ވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެންނެވެ.
ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖޭގައި މިހާތަނަށް ހިންގާ ގަސް އިންދުމުގެ އެންމެ ބޮޑު ޕްރޮގްރާމެވެ. މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 595000 ގަސް ވަނީ އިންދާފައިވާކަމަށް ސަރުކާރުން ހާމަކުރައްވައެވެ. މިއީ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމެއް ނަމަވެސް މި ޕްރޮގްރާމުގެ ދަށުން 6.3 މިލިޔަން ގަސް އިންދުމަށް އެކި މުޢައްސަސާތަކާއި އަމިއްލަ ފަރާތްތަކުން ވަނީ ކަނޑައަޅާފައެވެ. އަދި މިއަހަރުގެ ނިޔަލަށް 2 މިލިޔަން ގަސް އިންދުމަކީ ސަރުކާރުގެ އަމާޒެކެވެ.
މީގެ އިތުރުން މި ޕްރޮގްރާމްގައި އިސްކަން ދެއްވާފައިވަނީ ރާއްޖެއިން ނެތެމުންދާ ބާވަތްތަކުގެ ގަސް އިންދާ އާލާކުރުމަށެވެ. އެގޮތުން ރާއްޖެއިން ނެތެމުންދާކަމަށް 90 ބާވަތެއްގެ ގަސް ވަނީ ލިސްޓުކޮށް، މި ޕްރޮގްރާމްގައި އިންދުމަށް ވަނީ ހަމަޖެހިފައެވެ.