ހުޅުމާލެ ފޭސް ދޭއްގެ މައި ޕާކު އޭރިއާއެއްގެ ގޮތުގައި ފަރުކޮޅުފުށި ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. މިއީ ބަދަލުތައް ގެނެސް، މި އަހަރު އިފްތިތާހުކުރި ހުޅުމާލޭގެ މާސްޓަރ ޕްލޭންގައި ހިމެނޭ މުހިންމު އެއް މަސައްކަތެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކާ އެތަނުގައި މީހުން ދިރިއުޅޭތާ 5 އަހަރެއްހާ މުއްދަތު ވެގެންދިޔައިރުވެސް އެތަނުގައި، އާއްމުން އެއްވެލާ ކުޑަކުދިން ގޮވައިގެން އުޅެލެވޭނެ މާ ގިނަ ސަރަޙައްދެއް ނެތެވެ. އެއްވުންތަކަށް ބޭނުންކުރާ މައި ސަރަޙައްދަކީ ބީޗް އޭރިއާއެވެ. މިހާތަނަށްވެސް، އެކަށީގެންވާ ޕާކެއް ނުވަތަ ގްރީން ސްޕޭސްއެއް ތަރައްޤީކޮށްފައެއް ނެތެވެ.
އެހެންކަމުން، ބަދަލުތައް ގެނެސް ހުޅުމާލޭގެ މާސްޓަރ ޕްލޭން އިފްތިތާޙުކުރިއިރު، އެންމެ މުހިންމު ކަމެއް ދީފަ އޮތީ ފޭސް 2 ގައި ގްރީން ސްޕޭސްތައް އިތުރުކޮށް، އެތަނަކީ މީހުން ހިތްހަމަޖެހިލައިގެން ދިރިއުޅެން އެކަށީގެންވާ ތަނެއްގެ ގޮތުގައި ތަރައްޤީކުރުމަށެވެ.
އެ ޕްލޭންގައި ހިމެނޭ އެންމެ މުހިންމު އެއް މަސައްކަތަކީ، ފޭސް 2ގެ ފަރުކޮޅުފުށި ސަރަޙައްދު އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ތަރައްޤީކުރުމެވެ. އެ ސަރަޙައްދު ވެގެންދާނީ ފޭސް 2ގައި މީހުން އާއިލާތަކާއެކު އެއްވެ އުޅެލުމަށް ޕާކުތަކާއި އަދި އެކި ހަރަކާތްތައް ހިންގޭ ވަސީލަތްތަކާއެކު ތަރައްޤީކުރާ ތަނަކަށެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވީ ފަރުކޮޅުފުށީގައި ދުވަސްވީ "އެސްޖެހި ގެ" އިމާރާތް އެގޮތުގައި ދެމެހެއްޓުމުގެގޮތުން ބައެއް މަރާމާތުގެ މަސައްކަތްތައްވެސް ކުރިއަށްގެންގޮސްފަވާކަމަށެވެ. އެތަން ބޭނުންކުރާނީ ކެފޭ/ރެސްޓޯރެއްގެ ގޮތުގައެވެ.
މީގެއިތުރުން ފަރުކޮޅުފުށި ޕާކުގައި ރެކްރިއޭޝަނަލް ގިނަ ހަރަކާތްތަކެއް ގެންދެވޭގޮތަށް ތަރައްޤިކުރާނެއެވެ. އެޗްޑީސީން ވިދާޅުވީ އެތަނުގައި އައުޓް ޑޯރ ޖިމަކާއި ފުޓްބޯޅަ ޕިޗް އަދި އެކިކަހަލަ ކުޅިވަރު ކުޅެވޭނެ ފެސިލިޓީތައް ހުންނާނެކަމަށެވެ. އަދި ބާބަކިއު އޭރިއާއަކާ ކާބޯތަކެތި ވިއްކާ ތަންތަނާއި އިތުރު ހަރަކާތްތައް ކުރިއަށްގެންދެވޭނެ ވަސީލަތްތައްވެސް ހުންނާނެއެވެ. އެޗްޑީސީން ވިދާޅުވީ އެތަން ވެގެންދާނީ ކޮމިއުނިޓީ ހަބަކަށްކަމަށެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އާބާދީ މި ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އާބާދީ މިހާރުވެސް ލައްކައަކާ ގާތްކުރާނެކަމަށް ބެލެވެއެވެ. އަދި މިހާރު ތަރައްޤީކޮށް ނިމެމުންދާ 4000 ހައުސިން ޔުނިޓްގައި މީހުން ދިރިއުޅެއް ފެށުމަށް، މި އަދަދު ބޮޑުތަނުން އިތުރުވާނެއެވެ.
އެހެންކަމުން މި މަޝްރޫޢުވެގެންދަނީ ހުޅުމާލޭގެ އިތުރުވަމުންދާ އާބާދީއަށް ބޭނުންވާ ޚިދުމަތްތައް ޤާއިމުކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢުއަކަށްކަމަށް އެޗްޑީސީން ފާހަގަކުރެއެވެ.
މީގެއިތުރުންވެސް، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިތުރު ސަރަޙައްދުތަކުގައި ގްރީން ސްޕޭސްތައް ތަރައްޤީކުރުމަށް މާސްޓަރ ޕްލޭންގައި ހިމަނާފަވެއެވެ.