ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލްގެ ޚިދުމަތަށް ފެރީ ބަނުމަށް އިންޑިއާއިން 100 މިލިޔަން ރުފިޔާގެ ހިލޭ އެހީއެއް ދީފައިވާކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ސަރުކާރުން މިހާތަނަށް ވަނީ ރާއްޖޭގެ 11 އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފަށާފައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި އާރްޓީއެލް ޚިދުމަތާ ގުޅޭ މަޢުލޫމާތު ޙިއްސާކުރައްވަމުން ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އިބްރާޙިމް ޔާސިރް ވިދާޅުވީ، އިތުރު އަތޮޅުތަކަށް ޚިދުމަތް ފުޅާކުރުމަށް، ފެރީ ބަނުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން މިވަގުތުވެސް 4 ފެރީއެއް ބަނުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، މި ފެރީތައް ބޭނުންކުރުމަށް ހަމަޖެހިފަވަނީ، ބެކަޕް ފެރީތަކެއްގެ ގޮތުގައެވެ.
ޔާސިރް ވިދާޅުވީ އިތުރު ފެރީތައް ބަނުމަށް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. މި މަސައްކަތަށް އިންޑިއާ ސަރުކާރުގެ ހިލޭ އެހީއެއް ލިބިފަވާކަމަށާއި، މި އެހީގެދަށުން 12 ފެރީއާއި އަދި 1 ޒޯން ފެރީ ޓަރމިނަލް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ނިންމާފަވާކަމަށް ޔާސިރް ވިދާޅުވިއެވެ.
"100 މިލިޔަން ރުފިޔާގެ ހިލޭ އެހީއެއް އިންޑިއާ ސަރުކާރުން ވަނީ ލިބިފަ. އެއީ 12 ފެރީ ބަނުމުގެ މަސައްކަތަށް. އަދި ޒޯން 2ގެ މައި ފެރީ ޓަރމިނަލް، އުނގޫފާރުގެ ފެރީ ހަބް އަޅާނީ މި އެހީގަ. މި މަސައްކަތްތައް ވަރަށް އަވަހަށް ފަށާނަން." ޑެޕިއުޓީ މިނިސްޓަރ އިބްރާޙިމް ޔާސިރް ވިދާޅުވިއެވެ.
ޔާސިރް ވިދާޅުވީ ޒޯން ފެރީ ޓަރމިނަލްތަކަކީ، އެ ޒޯނެއްގެ ހުރިހާ އަތޮޅުތަކާއި ރަށްތަކުގެ ޚިދުމަތް ބަލަހައްޓާ މައި ޓަރމިނަލް ހަބް ކަމަށެވެ. އިންޑިއާގެ ހިލޭ އެހީގައި އުނގޫފާރުގައި ތަރައްޤީކުރާ ފެރީ ޓަރމިނަލް މަސައްކަތަށް ބޭނުންވާ ސާމާނު އެރަށަށް ގެންދިއުމާ ގުޅޭ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ. ޓަރމިނަލްގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ޔާސިރް ވިދާޅުވިއެވެ.
މި ޓަރމިނަލްތަކުގައި މަޑުކޮށްލައިގެން ތިބޭ ސަރަޙައްދާއި، ފިހާރައަކާއި ފާޚަނަކުރުމުގެ އިންތިޒާމްތައްވެސް ހުންނާނެއެވެ. އަދި މިއީ ޖާގަ ތަނަވަސް ޓަރމިނަލްތަކެކެވެ.
އެންމެ ފަހުން އާރްޓީލްގެ ޚިދުމަތް ފެށީ، މިދިޔަ ޖުލައި މަގު ފަހު ހަފްތާގައި ބ.އަތޮޅުގައެވެ. މިހާރު ތައްޔާރުވަމުންދަނީ ޒޯން 4ގައި ހިމެނޭ މ، ފ، ދ، ތ އަދި ލ އަތޮޅުގައި ޚިދުމަތް ފެށުމަށެވެ.
ސަރުކާރުގެ ޢަމާޒަކީ އަހަރު ނިމޭއިރު، ރާއްޖޭގެ ހުރިހާ ޚިސާބެއްގައި ޚިދުމަތް ފެށުމެވެ.