ޚަބަރު

ކައުންސިލްތަކުގެ މާލީ ޚަރަދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް ޤާނޫނަށް މުހިންމު އިސްލާޙުތަކެއް


  • ބިލުގެ ފުރަތަމަ ކިޔުން މާދަމާގެ ޖަލްސާއަށްވަނީ އެޖެންޑާކޮށްފައި

  • ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ޝަރުތުތައް ވަނީ ބަޔާންކޮށްފައި

  • ކައުންސިލްތަކުގެ އުމުރުގެ ފަހުކޮޅު މާލީ ކަންކަން ނިންމުމުގައި ޢަމަލުކުރަންޖެހޭ އުޞޫލުތައްވެސް ބަޔާންކޮށްފައިވޭ

ކައުންސިލްތަކުގެ މާލީ ޚަރަދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް މުހިންމު އިސްލާޙުތަކެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިނެވެ.

ސަރުކާރުން ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުންތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވިޔަފާރީގެ ހަރަކާތްތައް ހިންގުމުގެ ދާއިރާ ޤާނޫނުގައި ކަނޑައެޅުމަށާއި، ހިލޭ އެހީގެ ގޮތުގައި ދައުލަތުން ކައުންސިލްތަކަށް ފައިސާ ދިނުމުގައި އަމަލުކުރަންޖެހޭ ބައެއް އުޞޫލުތައް މުރާޖަޢާކުރުން ހިމެނެއެވެ. އަދި ކައުންސިލްތަކުގެ ޢުމުރުގެ ފަހު އަހަރުގެ ތެރޭގައި ކައުންސިލްތަކުން މުހިންމު މާލީ ކަންކަން ނިންމުމުގައި ޢަމަލުކުރަންޖެހޭ އުޞޫލުތައް ބަޔާންކުރުމަކީވެސް މި އިސްލާޙު ހުށަހެޅުމުގެ ބޭނުމެކެވެ.

އަލަށް ހުށަހެޅި އިސްލާޙުތަކުގެ ތެރޭގައި ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ވަނީ ހިމަނާފައެވެ. އެގޮތުން ހިމަނާފައިވާ ކަންކަމުގެ ތެރޭގައި:

• އެ މަސައްކަތަކީ ލޯކަލް އޮތޯރިޓީ ކުންފުނި ނިސްބަތްވާ ރަށުގައި ނުވަތަ ރަށްތަކުގައި އަމިއްލަ ފަރާތްތަކުން ކުރަމުންދާ އިޤްތިޞާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއްކަމުގައި ނުވުން.

• އެ މަސައްކަތަކީ ރަށުގެ ނުވަތަ ރަށްތަކުގެ ޢުމްރާނީ ތަރައްޤީއަށް ކޮންމެހެން ކުރަންޖެހިފައިވާ މަސައްކަތެއް ކަމުގައިވުން.

• އެ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސުލްމާލުގެ ޢަދަދު 10 މިލިޔަން ރުފިޔާއަށްވުރެ ބޮޑުވުން.

މި ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުން ހިންގަމުންދާ ވިޔަފާރީގެ ހަރަކާތްތައް މި ޝަރުތުތަކާ ތަޢާރުޒުވާނަމަ، މި އިސްލާޙަށް އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި އެފަދަ ވިޔަފާރީގެ ހަރަކާތްތައް ހުއްޓާލަންވާނެކަމަށްވެސް މި އިސްލާޙުގައި ވަނީ ބަޔާންކޮށްފައެވެ.

މި ބިލްގައިވާ ގޮތުން ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުއްޔެއްވެސް ނުނެގޭނެ އެވެ. ހަމައެހެންމެ ކައުންސިލްތަކަށް އާމްދަނީ ދޫކުރަންވާނީ އެއްވެސް ޤާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ އެ ޓެކުހަކަށްވާ ފައިސާއާއި، އާންމު ޚިދުމަތްތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ 6 މަސްދުވަހަށްވުރެ ގިނަ ދުވަސްވެފައިވާނަމަ އެ ފައިސާއެއް އުނިކުރުމަށްފަހު ބާކީވާ ޢަދަދުކަމަށްވެސް އިސްލާޙުގައި ހިމަނާފައިވެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިތުރު އިސްލާޙުތަކުގެ ތެރޭގައި ކައުންސިލްތަކުން ހުޅުވާފައިވާ ބޭންކް އެކައުންޓްތައް ކައުންސިލްތަކުން ބަލަހައްޓަންވާނީ މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއިން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ކައުންސިލްތަކުން ހުޅުވާފައިވާ ބޭންކް އެކައުންޓްތަކުގެ ސްޓޭޓްމަންޓެއް ހޯދުމަށް މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއިން އެދިއްޖެ ޙާލަތެއްގައި އެ މަޢުލޫމާތު ކައުންސިލްތަކުން އެ ވުޒާރާއަށް ފޯރުކޮށްދޭންޖެހޭނެކަމަށްވެސް މި އިސްލާޙުގައިވެއެވެ.

ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާފައިވާ އަނެއް އިސްލާޙަކީ ކައުންސިލްތަކުގެ ޢުމުރު ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހަމަވުމާ ދެމެދު 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލް.ޖީ.އޭއިން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ނޫނީ ކައުންސިލްތަކަށް ބައެއް ކަންކަން ނުނިންމޭގޮތަށް ކަނޑައެޅުމެވެ. މީގެ ތެރޭގައި:

• ކައުންސިލްގެ އިދާރާއަށް ނުވަތަ ކައުންސިލްގެ އޮފީހަކަށް ދާއިމީ މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުޞޫލުން މުވައްޒަފުން ނެގުން.

• ކައުންސިލްގެ އިޚްތިޞާޞްގެ ދަށުގައި ހުރި ބިމާއި، ފަޅާއި، ފަރުގެ ސަރަޙައްދުތައް ކުއްޔަށްދޫކުރުމާއި ދިނުން.

• ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްޤީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އައު ތަރައްޤީގެ މަޝްރޫޢުތައް ފެށުން.

މި އިސްލާޙުގައިވާގޮތުން ޤާނޫނަށް ގެނެވޭ އިސްލާޙުތަކާ ގުޅިގެން އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާއި އުޞޫލުތަކަށް ގެންނަންޖެހޭ އިސްލާޙުތަކާއި، އަލަށް އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އުޞޫލުތައް، މި ބިލު ފާސްވެ، ތަޞްދީޤުކޮށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެކުލަވާލާ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމަށް ބުނެފައިވެއެވެ.