ޚަބަރު

ޔަމަން ކައިރިއަށް ބޯޓެއް ބަންޑުންޖަހައިލައި 65 ހިޖްރަވެރިން މަރުވެއްޖެ


ޔަމަންގެ އައްސޭރިފަށަށް ބޯޓެއް ބަންޑުންޖަހައިލައި 65 ހިޖްރަވެރިން މަރުވެއްޖެއެވެ. 150އެއްހާ މީހުން ތިބި ބޯޓު ބަންޑުންޖަހައިލާފައި ވަނީ ޔަމަންގެ ދެކުނުގައި އޮތް އަބްޔަނު ޕުރޮވިންސުގެ އައްސޭރިފަށުން ޢަރަބި ކަނޑަށެވެ. ޔަމަންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ، އެ ބޯޓުން ދަތުރު ކުރި ގިނަ އަދަދެއްގެ ބަޔަކު ކަނޑުވެފައިވާ ކަމަށާއި، އޭގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ގެއްލިފައިވާ ކަމުގައެވެ.

އެ ބޯޓުގައި ތިބީ، ގަލްފުގެ ޤައުމުތަކަށް ހިޖުރަ ކުރުމަށް މަސައްކަތް ކުރި ބަޔެކެވެ. ޔަމަންގެ ޞިއްޙީ ދާއިރާގެ އިސް އޮފިޝަލެއް ކަމުގައިވާ ޢަބްދު އަލް-ޤާދިރު ބާޖިމީލީ ވިދާޅުވީ ކަނޑުވި މީހުންގެ ތެރެއިން ދިރިތިއްބާ ސަލާމަތް ކުރެވިފައި ވަނީ އެންމެ 12 މީހުން ކަމުގައެވެ. އެއީ، ޔަމަންގެ ރައްޔިތަކާއި އިތިއޯޕިޔާގެ ނުވަ މީހުންނެވެ. ބޯޓުން ކަނޑުވި އެހެން މީހުން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ޔަމަންގެ މަޞްދަރުތަކުން ހާމަކުރިއެވެ.

އެކުވެރި ދައުލަތްތައް (އދ)ގެ ހިޖުރަ ކުރާ މީހުންނާ ބެހޭ އިދާރާ، އައިއޯއެމުން ބުނީ، އެފްރިކާ ބައްރުގެ ޤައުމުތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބަޔަކު ގަލްފުގެ ޤައުމުތަކަށް ޤައުމުތަކަށް ހިޖުރަ ކުރުމަށް ކުރާ ދަތުރުގައި ޔަމަނަށް ދަތުރު ކުރަމުންދާ ކަމުގައެވެ. އަދި، ފަހަކަށް އައިސް، އެ އަދަދު އެތަކެއް ގުނައަކުން އިތުރުވެފައިވާ ކަމުގައެވެ. ބާބް އަލް-މަންދަބީ ކަނޑު ހުރަސްކޮށް އެ މީހުން ދަތުރު ކުރަނީ ސަޢޫދީ ޢަރަބިއްޔާއާއި ގަލްފުގެ އެހެން ޤައުމުތަކަށެވެ.

އައިއޯއެމުން ބުނީ، ބާބް އަލް-މަންދަބީ ކަނޑު ހުރަސްކޮށް ހިޖުރަ ކުރާ ރެފިއުޖީން ކުރަނީ ދުނިޔޭގައި މި ވަގުތު އޮތް އެންމެ ނުރައްކާތެރި ދަތުރު ކަމުގައެވެ. ހުސްވި އަހަރުގެ ތެރޭގައި ގަލްފުގެ ޤައުމުތަކަށް ހިޖުރަ ކުރުމުގެ ބޭނުމުގައި 60,000އެއްހާ މީހުން ޔަމަނަށް ދަތުރު ކޮށްފައިވާ ކަން ރެކޯޑު ކުރެވިފައިވާ ކަމުގައި ވެސް އެ އިދާރާއިން ބުންޏެވެ.