ގަލޮޅު މޯޗަރީ ހުޅުމާލެއަށް ބަދަލުކުރުމަށް ނިންމާ، އެކަމުގެ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
ގަލޮޅު ސަހަރާގައި 1975 ވަނަ އަހަރު ހިންގަން ފެށި މޯޗަރީއަކީ 50 އަހަރު ވެފައިވާ ތަނެކެވެ. އެތަން ފުރަތަމަ ހުޅުވީ ދެ މީހުންގެ ހަށިގަނޑު ބޭއްވޭ ޖާގައާއެކުގައެވެ. ގަލޮޅު މޯޗަރީގައި މިހާރު 6 މީހުންގެ ހަށިގަނޑު ބޭއްވެއެވެ.
ދުވަސްވީ އެ އިމާރާތް، އައު އިމާރާތެއްގެ ގޮތުގައި ހުޅުމާލެއަށް ބަދަލުކުރުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. ސިޓީ ކައުންސިލުން ވިދާޅުވީ އެ އިމާރާތް އަޅާނީ ހުޅުމާލޭގައި މިހާރު ހިނަވާގެ ހުރި ސަރަޙައްދުގައިކަމަށެވެ. އެ އިމާރަތައް މިހާރު ބޭނުންކުރާ މޯޗުރީގައި ހުރި ސިސްޓަމްތަކުގެ އިތުރުން، އިތުރު 4 ސިސްޓަމް އިތުކޮށް، ކެޕޭސިޓީ 10އަކަށް އިތުރުކުރާނެއެވެ.
އަދި 2 ސްޓާފުންނަށް ތިބެވޭގޮތަށް އެކަމަޑޭޝަންވެސް ހަދާނެއެވެ.
ސިޓީ ކައުންސިލުން ވިދާޅުވީ، މޯޗުރީ ހުޅުމާލެއަށް ބަދަލުކުރާ އިމާރާތުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށެވެ. އަދި އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން މުޅި ޚިދުމަތް ހުލުމާލެއަށް ބަދަލުކުރުންކަމަށެވެ.
މިހާރު ބޭނުންކުރާ އިމާރާތް ވަނީ ވަރަށް ބޮޑަށް ބާވެ ހަލާކުވެފައެވެ. ދުވަސްވީ ވަސީލަތްތައް އެތަނުގައި ބޭނުންކުރަމުންދާއިރު، އެތަނުގެ ވަސީލަތްތައްވެސް މަރާމާތުކުރަންޖެހިފައިވާކަމަށް ސިޓީ ކައުންސިލުން ފާހަގަކުރެއެވެ. ސިޓީ ކައުންސިލުން ވިދާޅުވީ، ހުޅުމާލެއަށް މޯޗަރީ ބަދަލުކުރަން ނިންމިނަމަވެސް، މިހާރުވެސް އިމާރާތުގައި މަރާމާތުކޮށް ރަނގަޅުކުރަން ހުރި ކަންކަންވެސް ރަނގަޅުކުރާނެކަމަށެވެ.
ރާއްޖޭގެ ދެ ރަށަކާ އަދި ބައެއް ހޮސްޕިޓަލްތަކުގައި މޯޗަރީގެ ޚިދުމަތް ޤާއިމުކޮށްފަހުރިނަމަވެސް، ގަލޮޅު މޯޗަރީއަކީ ރާއްޖޭގައި އެންމެ ކެޕޭސިޓީ ބޮޑު މޯޗަރީއެވެ.