ޚަބަރު

ނައިފަރު އޯޕަން: ނިބާލް ބަލިކޮށް ޒަޔާން ޗެމްޕިއަންކަން ހޯދައިފި


ރޯޔަލް އެމްބަސީ އޮފް ސައުދީ އަރަބިއްޔާ ނައިފަރު އޯޕަން 25 ބެޑްމިންޓަން މުބާރާތުގެ ނެޝަނަލްސް ކެޓެގަރީގެ ސިންގަލްސް ޗެމްޕިއަންކަން ހުސެއިން ޒަޔާން ޝަހީދު ޒަކީ ހޯދައިފިއެވެ.

ޒަޔާން ޗެމްޕިއަންކަން ހޯދީ ޑަބަލްސް އިވެންޓުގައި ޒަޔާން އާއެކު ރަން މެޑަލް ހޯދި ނިބާލް އަހުމަދު ފައިނަލްގައި ތިން ގޭމުން ބަލިކޮށްގެންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ގޭމް ކާމިޔާބުކުރީ ނިބާލްއެވެ. އެއީ 16-21 ނެވެ.

ދެވަނަ ގޭމްގައިވެސް ފަށައިގެން ލީޑްގައި ކުޅެމުންދިޔައީ ނިބާލްއެވެ. އެހެންނަމަވެސް މި ގޭމްގެ މެދަކާ ހިސާބުން ނިބާލްގެ ފަރާތުން ވަރުބަލިކަން ފެންނަން ފެށުމާއެކު ޒަޔާން ވަނީ މަޑުމަޑުން ނިބާލްގެ ލީޑު ކުޑަކޮށް ފަހަތުން އަރާ މެދުގެ އޮއެވަރު އަނބުރާލާފައެވެ. މި ގޭމް ޒަޔާން ކާމިޔާބުކުރީ 22-20 ގެ ވާދަވެރި ސްކޯއަކުންނެވެ.

ތިން ވަނަ ގޭމް ފަށައިގެންވެސް ރަނގަޅަށް ކުޅެމުންދިޔައީ ޒަޔާންއެވެ. އަދި މި ގޭމް ފަށައިގެން ނެގި ލީޑު ގެއްލުނަނުދީ ހިފަހައްޓާލާ މެޗު ޒަޔާން ކާމިޔާބުކުރީ ފަހު ގޭމް 20-15ގެ ފަރަގަކުން ކާމިޔާބުކޮށްގެންނެވެ.

ނައިފަރު އޯޕަން ބެޑްމިންޓަން މުބާރާތުގައި މިއަދު ހަވީރު ވަނީ ސޯޝަލް ކެޓަގަރީގެ ޑަބަލްސް ފައިނަލް ދެ މެޗުވެސް ކުޅެފައެވެ.

މިގޮތުން ސޯޝަލް ކެޓަގަރީގެ އަންހެން ޑަބަލްސް ފައިނަލް ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ އައިޝަތު ޔޫހާ އަހުމަދާއި ޝުބާ މުހައްމަދު ޝަރީފްގެ ޕެއާއެވެ.

އައިޝަތު ޒޯޔާ ހުސެއިން އާއި ލައިބާ އަހުމަދު މަޙްލޫފްގެ ޕެއާ އާއި ބައްދަލުކުރި މިމެޗު ޝުބާ އާއި ޔޫހާ ކާމިޔާބުކުރީ 23-21 21-15 އިންނެވެ.

ސޯޝަލް ކެޓަގަރީގެ މެންސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ ޝިފާއު އަބްދުﷲ އާއި އަހުމަދު ޒިޔާދުﷲ ގެ ޕެއާއެވެ. ޒިޔާދާއި ޝިފާއުގެ ޕެއާ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ހުސެއިން މައާޝް މުހައްމަދާއި ހުސެއިން އަތޫފްގެ ޕެއާ ދެ ގޭމުން ބަލިކޮށްގެންނެވެ. އެއީ 21-13 21-19 އިންނެވެ.