ތައިލޭންޑާއި ކެމްބޯޑިޔާއާ ދެމެދު ސުލްޙައިގެ އެއްބަސްވުން ދެމެހެއްޓުމާ ގުޅޭގޮތުން ދެ ޤައުމުގެ މެދުގައި އިބްތިދާޢީ މަޝްވަރާތައް ފަށައިފިއެވެ.
ކެމްބޯޑިޔާއާއި ތައިލެންޑާ ދެމެދު ބަދަލުކުރަމުންދިޔަ ވަރުގަދަ ޙަމަލާތައް ހުއްޓައިލުމަށް ދެ ފަރާތުން އެއްބަސްވީ ޖުލައި މަހުގެ 28 ދުވަހުއެވެ.
އެ އެއްބަސްވުން ދެމެހެއްޓުމާމެދު ދެ ޤައުމުގެ ދިފާޢީ އޮފިޝަލުން މެދުގައި އިބްތިދާޢީ މަޝްވަރާތައް ފަށާފައިވަނީ، އަންނަ ބުރާސްފަތި ދުވަހު ދެ ޤައުމުގެ ދިފާޢީ ވަޒީރުންގެ ބައްދަލުވުމެއް މެލޭޝިޔާގައި ބޭއްވުމާ ދިމާކޮށެވެ.
އެ ބައްދަލުވުމުގައި، ސުލްޙައިގެ އެއްބަސްވުން ދެމެހެއްޓުމާމެދު ދެ ޤައުމުގެ ދިފާޢީ އިސް އޮފިޝަލުން މަޝްވަރާކުރައްވާނެކަމަށް ވަނީ ބުނެފައެވެ.
ތައިލެންޑާއި ކެމްބޯޑިޔާއާ ދެމެެދު ޙަމަލާ ބަދަލުކުރަން ފެށީ ޖުލައި މަހުގެ މެދުތެރޭގައި، ސަރަޙައްދީ ރޮނގު ކައިރިން ތައިލެންޑުގެ ސިފައިންގެ މީހަކަށް ޒަޚަމްވުމާ ގުޅިގެންނެވެ. ތައިލެންޑުން ވަނީ ސަރަޙައްދީ ރޮނގު ކައިރީގައި ކެމްބޮޑިޔާއިން މައިން ވަޅުލާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް ކެމްބޯޑިޔާއިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.
އެ މައްސަލަ އިތުރަށް ގޯސްވެ ދެ ފަރާތުގެ ސިފައިން ވަނީ ބަރު ހަތިޔާރު ބޭނުންކޮށްގެން ސަރަޙައްދީ ރޮނގު ކައިރީގައި ޙަމަލާ ބަދަލުކޮށްފައެވެ. މިއީ، ސަރަޙައްދީ ރޮނގުގެ މިލްކުވެރިކަމާމެދު އެތައް ޒަމާނެއް ވަންދެން ދެބަސްވަމުންދާ މި ދެ ޤައުމުގެ ދެމެދުގައި ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ބަދަލުކުރި އެންމެ ވަރުގަދަ ޙަމަލާތަކެވެ. މި ޙަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 36އަށް އަރައިފައެވެ. އޭގެތެރޭގައި ގިނައީ އާންމުންގެ މީހުންނެވެ.
މެލޭޝިިޔާއިން އިސްނަގައިގެން، އެމެރިކާއާއި ޗައިނާގެ އެހީތެރިކަމާއެކު ބޭއްވި މަޝްވަރާތަކެއްގެ ނަތީޖާއެއްގެ ގޮތުން، ޙަމަލާތައް މެދުކަނޑައިލަން އެއްބަސްވި ފަހުން، އެ އެއްބަސްވުމާ ޚިލާފުވަމުންދާކަމަށް ދެފަރާތުން ވެސް ދަނީ ތުހުމަތުކުރަމުންނެވެ.
މިގޮތުން، ތައިލޭންޑުން ހައިމާކު ބޭނުންކޮށްގެން، ކެމްބޯޑިޔާގެ ސަރަޙައްދީ ރޮނގުގައި ކަށިނަރު ޖަހައި، އިތުރު ސިފައިން ޖަމާކުރަމުންދާކަމުގެ ތުހުމަތު ވަނީ ކޮށްފައެވެ.
މީގެއިތުރުން، ތައިލޭންޑުގެ ބެލުމުގައި ދަށުގައި ތިބި 18 ސިފައިންގެ މީހުން ދޫކޮށްލުމަށް ކެމްބޯޑިޔާއިން ދަނީ ގޮވާލަމުންނެވެ. ނަމަވެސް، އެ މީހުން ދޫކޮށްލާނީ، ސުލްޙައިގެ ދާއިމީ އެއްބަސްވުމެއް އެކުލަވާލައި، އެއަށް ޢަމަލުކުރަން ފެށުމުން ކަމަށް ތައިލޭންޑުން ވަނީ ބުނެފައެވެ.