މަޝްހޫރު ކުރެހުންތެރިޔާ ޢަބްދުﷲ ފާއިޒްގެ ދެވަނަ އަރޓް އެގްޒިބިޝަން "އިހުސާސް" ހުޅުވައިފިއެވެ.
ނޭޝަނަލް އަރޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތެއްގައި، މި އެގްޒެބިޝަން ހުޅުވައިދެއްވީ ޑރ. މަޢުރޫފް ޖަމީލްއެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ މަޝްހޫރު ބައެއް އެހެން ކުރެހުންތެރިންވެސް ބައިވެރިވިއެވެ.
ޢަބްދުﷲ ފާއިޒްގެ ފަންސާހަކަށް ކުރެހުން ހިމަނައިގެން "އިހުސާސް"ގެ ނަމުގައި ހުޅުވި މި އަރޓް އެގްޒިބިޝަން މިމަހުގެ 16ގެ ނިޔަލަށް ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށްދާނެއެވެ.
މި އަރޓް އެގްޒިބިޝަންއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ޢަބްދުﷲ ފާއިޒް ވިދާޅުވީ، މިފަދަ އެގްޒެބިޝަންއެއް ކުރިއަށްގެންދަން ނިންމެވީ ވަރަށް މުހިއްމު މަޤުޞަދެއްގައިމަށެވެ. އޭގެ ތެރޭގައި މުސްކުޅި ޒަމާނުގެ މަންޒަރުތައް ކުރެހުމުގެ ތެރެއިން ފެންނަން ނެތުމުން އެފަދަ ކުރެހުންތަކެއް ދައްކާލުމަކީ މައިގަނޑު އެއް ސަބަބުކަން އޭނާ ފާހަގަކުރެއްވިއެވެ.
"މިކަހަަލަ އެގްޒެބިޝަންއެއް މިހާ ބޮޑުކޮށް ބޭއްވުމުގެ ފުރަތަމަ މަޤްސަދަކީ ރާއްޖޭގެ އަޅުގަނޑަކަށް ހިއެއްނުވޭ މިގޮތައް މުސްކުޅި ޒަމާނުގެ މަންޒަރުތައް ކުރެހުމުގެ ތެރެއިން ފެންނަން ހުރިހެނެއް. އަނެއް ސަބަބަކީ، މިހާރު ރާއްޖޭގަ ކުރަހަން ބޭނުންވާ ކުދިންވެސް ވަރަށް ގިނަ. ވަރަށް ކުރާ ކްލާސްތައްވެސް ކުރިއަށްދޭ. މިކަމަށް ވަރަށް ގިނަ މީހުންގެ ޝައުޤުވެރިކަންވެސް އޮވޭ. އެހެންވީމަ އެމީހުންނަށް އަޅުގަނޑު އިންސްޕިރޭޝަންއަކަށްވެސް ވާން ބޭނުން. އަޅުގަނޑުގެ މެސެޖަކީ މަސައްކަތްކޮށްގެން އެއްގޮތަކަށް ހިފަހައްޓައިގެން މަސައްކަތްކުރަންޏަ ކާމިޔާބުވާނެ މި މަސައްކަތުގަވެސް" ޢަބްދުﷲ ފާއިޒް ބުންޏެވެ.
އާރޓް އެގްޒެބިޝަން ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ނޫން ކޮންމެ ދުވަހެއްގެ މެންދުރު 2:30އިން ރޭގަނޑު 10:30އަށެވެ. އަދި ހުކުރު ދުވަހު އާރޓް އެގްޒެބިޝަން ހުޅުވާފައި ހުންނާނީ ހަވީރު 4:00 އިން ރޭގަނޑު 11:00އަށެވެ.
2023ވަނަ އަހަރުވެސް ފާއިޒް ވަނީ، އާރޓް އެގްޒެބިޝަންއެއް ކުރިއަށްގެންގޮސްފައެވެ. އެއަހަރުގެ އާރޓް އެގްޒެބިޝަނަށް ވެސް އާންމުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބިފައިވެއެވެ.