މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ފ. ނިލަންދޫގައި އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ ތަމްރީން ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.
މި ތަމްރީން ޕްރޮގްރާމް ފަށާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. އަދި މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް މި ޕްރޮގްރާމް ކުރިއަށްދާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މިތަމްރީނު ޕްރޮގްރާމްގައި ޖުމްލަ 11 މީހުން ވަނީ ބައިވެރިވެފައެވެ. އެއީ 6 އަންހެނުންނާއި 5 ފިރިހެނުންނެވެ. މި ތަމްރީނު ޕްރޮގްރާމް ގައި މަޢުލޫމާތު ދޭނީ މަސްވެރިކަމާ ބެހޭ ވުޒާރާގެ ފަންނީ ތިން މުވައްޒަފުންނެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ފަރާތުން ފ. ނިލަންދޫގައި ހިންގާ "އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ" ތަމްރީނު ޕްރޮގްރާމް 04 އޯގަސްޓް 2025 ވަނަ ދުވަހުން ފެށިގެން ކުރިއަށް ދަނީއެވެ. 11 ބައިވެރިންނާއެކު ކުރިއަށްދާ މި… pic.twitter.com/BicwzKdUq8
— Ministry of Fisheries and Ocean Resources (@MFORmv) August 6, 2025
މިތަމްރީނުގައި މަހުން ތައްޔާރުކުރާ އަގުއެއްކުރި ބާވަތްތަކާއި ގުޅޭ މަޢުލޫމާތުދީ އަދި އަމަލީގޮތުން އެތަކެތި ބައިވެރިން ތައްޔާރުކުރުމުގެ ފުރުޞަތު ފަހިކޮށްދެވޭނެއެވެ. އަދި ވިޔަފާރީގެ އުޞުލޫން މިފަދަ މަސައްކަތެއްކުރުމަށް ބޭނުންވާ މަޢުލޫމާތާއި ބައެއް ހުނަރު ބައިވެރިންނަށް ދަސްކޮށްދެވޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ދަނީ މިފަދަ ތަމްރީން ޕްރޮގްރާމްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދަމުންނެވެ.