ކ. ދިއްފުށިން ފަތުރުވެރިކަމުގެ ބޭނުމަށް 4 ބިމެއް ދޫކުރުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ. މި ބިންތައް ދޫކުރަނީ ދިއްފުށީގައި ފަތުރުވެރިކަމުގެ ޒޯންގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުންނެވެ.
ދިއްފުށީ ކައުންސިލުން ވިދާޅުވީ ފަތުރުވެރިކަމަށް ބިން ދޫކުރަނީ އެރަށުގައި ރަށު ފަތުރުވެރިކަމާއި އިޤްތިސާދު ކުރިއެރުވުމަށްކަމަށެވެ. މީގެ ސަބަބުން ދެމެހެއްޓެނިވި ފަތުރުވެރިކަން ތަރައްޤީކޮށް ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، ތިމާވެއްޓާ ރައްޓެހި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އެރަށުގެ ފަތުރުވެރިކަން އިތުރަށް ފުޅާވެގެންދާނެކަމަށް ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
ދިއްފުށިން ފަތުރުވެރިކަމަށް މި ބިންތައް ދޫކުރަނީ 50 އަހަރަށެވެ. މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅޭނެކަމަށް ކައުންސިލުން ވިދާޅުވެއެވެ. ބީލަން ހުށައެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށެވެ.
ބީލަން ހުށައެޅޭނީ 07 އޮގަސްޓް 2025 އިން 14 އޮގަސްޓް 2025 އަށެވެ. ބަންދުނޫން ކޮންމެ ދުވަހަކު 9:30 ން 12:45 އާއި ދެމެދު ބީލަމަށް ރަޖިސްޓްރީ ކުރެވޭނެއެވެ. ރަޖިސްޓްރީ ކުރެވޭނީ ބީލަމަށް ރަޖިސްޓްރީ ކުރާ ފޯމް އަދި ފޯމާއި އެކު ހުށަހެޅުމަށް ބުނެފައިވާ ލިޔުންތައް މިއިދާރާއަށް ހުށަހަޅައިގެން ނުވަތަ މެއިލްކޮށްގެނެވެ.
ބީލަންފޮތުގެ އަގަކީ 25،000 ރުފިޔާއެވެ. ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 21 އޮގަސްޓް 2025 ވަނަ ދުވަހުގެ 13:00 ގައި ދިއްފުށީ ކައުންސިލް އިދާރާގައިކަމަށް ވަނީ ވިދާޅުވެފައެވެ.
ދިއްފުއްޓަކީ މިހާރުވެސް ރަށު ފަތުރުވެރިކަން ފެށި ފުޅާވަމުން އަންނަ ރަށެކެވެ. މިއީ ގިނަ ދިވެހިންވެސް ޗުއްޓީ ހޭދަކުރަން މިހާރު ދާ ރަށެކެވެ.