ޚަބަރު

ގާނާގައި އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި ދެ ވަޒީރުން އަވަހާރަވެއްޖެ


ގާނާގައި އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި އެ ޤައުމުގެ ދިފާޢީ ވަޒީރު، އެޑްވާޑް އޮމާނޭ ބުއާމާއާއި ތިމާވެއްޓާއި ސައިންސާއި ޓެކްނޮލޮޖީ ވަޒީރު، އިބްރާޙިމް މުރުތަލާ މުޙައްމަދު ހިމެނޭގޮތަށް ސަރުކާރުގެ 5 އޮފިޝަލެއް އަވަހާރަވެ، ވައިގެ އަސްކަރިއްޔާގެ ތިން މެންބަރުން މަރުވެއްޖެއެވެ.

ގާނާގެ ރައީސް، ޖޯން މަހާމާގެ ތަރުޖަމާނު، ޖޫލިޔަސް ޑެބްރާހް ވިދާޅުވީ ފަހު ވަގުތާ ޖެހެންދެން ޤައުމީ ޚިދުމަތުގައި އުޅުއްވި، އެ އެންމެ ބޭފުޅުންގެ ޢާއިލާތަކަށް ރައީސާއި ސަރުކާރުގެ ފަރާތުން ތައުޒިޔާ ފޮނުއްވާ ކަމަށެވެ.

ހެލިކޮޕްޓަރު ވެއްޓެން މެދުވެރިވި ސަބަބާ ގުޅޭގޮތުން ގާނާގެ އިދާރާތަކުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ގާނާގެ ހަތިޔާރުއެޅި ފައުޖުން އޭގެ ކުރިން ވަނީ ވައިގެ އަސްކަރިއްޔާގެ ޒީ9 ހެލިކޮޕްޓަރެއް ރާޑަރަށް ގެއްލިފައިވާ ކަމަށް ބުނެފައެވެ.

ދިފާޢީ ވަޒީރު ބުއާމާއަކީ މީގެ ކުރިން ގާނާގެ ކޮމިއުނިކޭޝަންސް ވަޒީރުގެ މަޤާމު ވެސް އަދާކުރެއްވި ބޭފުޅެކެވެ. ދިފާއީ ވަޒީރުގެ މަޤާމާ އޭނާ ޙަވާލުވެވަޑައިގަތީ ރައީސް މަހާމާ އަލުން ވެރިކަމަށް ވަޑައިގަތުމުން މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.

ހުޅަނގު އެފްރިކާގެ އައްސޭރިފަށުގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ގާނާއަށް ވެސް ސާހެލްގައި ޙަރަކާތްތެރިވާ ހައްދުފަހަނައަޅާފައިވާ ހަތިޔާރުއެޅި ޖަމާޢަތްތަކުގެ ޙަމަލާތައް ކުރިމަތިވެއެވެ. އެ ޖަމާޢަތްތައް އާއްމުކޮށް ޙަރަކާތްތެރި ވަނީ އެ ސަރަޙައްދުގައި އޮންނަ ބުރްކިނާ ފާސޯއާއި މާލީވފަދަ ކަނޑުގެ އައްސޭރިއެއް ނޯންނަ ޤައުމުތަކުގައެވެ. އެ ޖަމާޢަތްތަކުން ދަނީ އެ ޤައުމުތަކުގެ ދެކުނުގެ ސަރަޙައްދުތަކަށް ފެތުރުމަށް މަސައްކަތް ކުރަމުންނެވެ.

މިދިޔަ މަހުގެ ތެރޭގައި ރައީސް މަހާމާގެ ތަރުޖަމާނަކު ވަނީ ގާނާގެ އިރުއުތުރުގެ ސަރަޙައްދުތަކަށް އިތުރު ސިފައިން ފޮނުވާފައިވާ ކަމަށް ވިދާޅުވެފައެވެ. އެ ސަރަޙައްދުގައި އެތައް ޒަމާނެއް ވަންދެން ހިނގަމުންދާ ޙަމަނުޖެހުންތަކުގައި ގިނަ ޙަމަލާތައް ދެެއެވެ. އޭގެތެރޭގައި މަދަރުސާތަކަށް ދޭ ޙަމަލާތައް ވެސް ހިމެނެއެވެ.