ފަލަސްޠީނުގެ ޣައްޒާގެ ހުރިހާ ސަރަޙައްދެއް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ނިންމުމުން ޔަހޫދީ ފައުޖުގެ އިސް ވެރިޔާ އެ ކަމާ ދެކޮޅު ހަދާފައިވާ ކަން ހާމަވެއްޖެއެވެ. ޣައްޒާއަށް އަތްގަދަކޮށް، ޣައްޒާގެ ރައްޔިތުން އަޅުވެތި ކުރުމަށް ނިރުބަވެރި ނަތަންޔާހޫ ހުށަހަޅާފައި މި ވަނީ، އެ ސަހަރުގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓައިލުމަށް އިސްރާއީލުގެ އެތެރެއާއި ބޭރުން ނަތަންޔާހޫއަށް ބާރު އަޅަމުންދާ ދަނޑިވަޅެއްގައެވެ.
ތިން ގަޑިއިރަށް ދެމިގެންދިޔަ ބައްދަލުވުމެއްގައި ޔަހޫދީ ފައުޖުގެ ޗީފް އޮފް ސްޓާފް އެޔާލް ޒަމީރް ބުނީ، ޣައްޒާގެ ހުރިހާ ސަރަޙައްދެއް ޔަހޫދީ ފައުޖުގެ ބާރުގެ ދަށަށް ގެންދިޔުމަށް ހުށަހަޅާފައިވާ ހުށަހެޅުމަކީ ވަރަށް ނުރައްކާތެރި ހުށަހެޅުމެއް ކަމުގައެވެ. އަދި، މި ވަގުތު ޔަހޫދީ ފައުޖުގެ ބާރުގެ ދަށުގައި ނެތް ސަރަޙައްދުތަކަށް އަތްގަދަ ކުރުމަށް މަސައްކަތް ކުރުމަކީ، ޔަހޫދީ ސިފައިންގެ ފުރާނަ އިތުރު ނުރައްކަލަށް ހުށަހެޅިގެންދާނެ ރޭވުމެއް ކަމުގައެވެ. އޭގެ ސަބަބުން، ޣައްޒާގައި ވެރިިކަން ކުރާ ޙަމާސް ޖަމާޢަތުގެ ބެލުމުގެ ދަށުގައި ބާކީ ތިބި އަސީރުންގެ ފުރާނައަށް ވެސް ނުރައްކާވާނެ ކަމުގައި އޭނާ ބުންޏެވެ.
ޣައްޒާ ނަސްލުހޭދު ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގެ ދަށުން ޣައްޒާގެ ބިމުގެ %75 ޔަހޫދީ ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމުގައި އެ މީހުން ވަކާލާތު ކުރެއެވެ. ޣައްޒާގެ އިތުރު ބިންތައް ފޭރިގަނެ، އެ ސަހަރުގެ ރައްޔިތުންގެ މައްޗަށް އިސްތިޢުމާރީ ވެރިކަމެއް ހިންގައި، އެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަކީ ޔަހޫދީ ފައުޖުގެ އެންމެ ބައެއް އިސް ވެރިން ދެކޮޅު ހަދަމުންދާ ކަމެއް ކަމުގައި ރިޕޯޓުތައް ބުނެއެވެ. ނަަމަވެސް، ޒަޔަނިސްޓު ސަރުކާރުގައި ހިމެނޭ ހައްދުފަހަނަ އެޅި ޔަހޫދީން ދަނީ އެ ކަމަށް ބާރު އަޅަމުންނެވެ.
މުޅި ޣައްޒާއަށް ވެރިވެގަނެ، އެ ސަހަރުގެ ރައްޔިތުން އަޅުވެތި ކުރުމަށް ޖައްބާރު (ނުބައި ނުލަފާ) ނަތަންޔާހޫ ނިންމާފައިވާ ކަން ހާމަވުމާ އެކު ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަނީ އެ ކަން ކުށްވެރި ކޮށްފައެވެ. ނަތަންޔާހޫގެ ނިންމުމަކީ ޙަޤީޤަތަކަށްވާ ނަމަ، އެއީ ވަރަށް ބޮޑަށް ކަންބޮޑުވާ ނިންމުމެއްގެ ގޮތުގައި އެކުވެރި ދައުލަތްތައް (އދ)ން ވަނީ ސިފަކޮށްފައެވެ.
ޔަހޫދީ ފައުޖުގެ ވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި ހައްދުފަހަނަ އެޅި ނަތަންޔާހޫ ވަނީ ޒަމީރަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވާ ކަމުގައި، އެ ބައްދަލުވުމުގެ މަޢުލޫމާތު އިނގޭ މަޞްދަރުތަކުން ބުންޏެވެ. އަދި، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަން ކުރުމަށް ހިންގަމުންދާ ޤަތުލުޢާންމު ކާމިޔާބު ނުވުމަކީ ޔަހޫދީ ފައުޖުގެ ބޮޑު ފޭލުވުމެއްގެ ގޮތުގައި ނަތަންޔާހޫ ވަނީ ސިފަކޮށްފައެެވެ.
ޣައްޒާގެ ހުރިހާ ސަރަޙައްދަކަށް ވެރިވެގަތުމަށް ނިންމާފައިވާ ނިންމުމަށް ޔަހޫދީ ފައުޖުގެ ވެރިޔާ އިންކާރު ކުރި ނަމަވެސް، އެ އަމުރު ތަންފީޒު ކުރުން ނޫން އިތުރު ގޮތެއް އޭނާއަށް ނޯންނާނެ ކަމުގައި ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ދިފާޢީ ވަޒީރު އިސްރައެލް ކަޓްޒް ބުންޏެވެ. ނިރުބަވެރި ނަތަންޔާހޫއާއި ޒަމީރާ ދެމެދު ބައްދަލުވުމެއް ބާއްވާފައިވާ ކަން ނަތަންޔާހޫގެ އޮފީހުން ކަށަވަރު ކޮށްދީފައިވީ ނަމަވެސް، އެ ބައްދަލުވުމުގައި ދެކެވުނު ކަމަށް ބުނާ ވާހަކަތައް ކަށަވަރު ކޮށްދީފައެއް ނެތެވެ. އެ މަޢުލޫމާތު މީޑިޔާއަށް ތިލަކޮށްދީފައި ވަނީ އެ ބައްދަލުވުމުގެ މަޢުލޫމާތު ލިބިފައިވާ ޔަހޫދީ ފައުޖުގެ މަޞްދަރުތަކުންނެވެ.
ޣައްޒާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 61,000އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންގެ އިތުރުން ހިނގާބިނގާވެ ނޫޅެވޭ ވަރުގެ އުމޫރުންނެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 142,000އަށް އުފުލިފައެވެ. ޣައްޒާގެ ރައްޔިތުން ހައިހޫނުގައި ޖެއްސުމަށް ވެސް ޔަހޫދީ ފައުޖުން ދަނީ ޖަރީމާތަކެއް ހިންގަމުންނެވެ. ބަނޑުފުރާނަ މުއްތިކުރެވޭނެ ގޮތެއް ނެތި ބަނޑަށް ޖެހިގެން ޝަހީދުވެފައިވާ މީހުންގެ އަދަދު ވެސް ވަނީ 175އަށް އުފުލިފައެވެ.