ޚަބަރު

ލޭ ހުސްވެ ޣައްޒާގައި އެތަކެއް ސަތޭކަ ބަޔަކަށް ޞިއްޙީ ފަރުވާ ދިނުމަށް ހުރަސް އެޅިފައި


ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމުގައި ޒަޚަމު ކުރަމުންދާ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވާ ލޭ ހުސްވަމުން ދިޔުމާ އެކު، އެތަކެއް ސަތޭކަ ބަޔެއްގެ ފުރާނަ ސަލާމަތް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅިއްޖެއެވެ. ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތައިލުމަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާއެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ.

ޣައްޒާގެ ޞިއްޙީ ޚިދުމަތްތެރިން ބުނީ، އެ ސަހަރުގެ ހަސްފަތާލުތަކާއި ޞިއްޙީ މަރުކަޒުތަކަށް ދެމުންދާ ޙަމަލާތައް އެއްވެސް ވަރަކަށް މެދުކަނޑައިލާފައި ނުވާ ކަމުގައެވެ. އަދި، ލޭ ހަދިޔާކުރާ މީހުންގެ އަދަދު މަދުވެ، ހަސްފަތާލުތަކުގައި ލޭ ރައްކާކުރާ ބްލަޑް ބޭންކުތަކުން ލޭ ހުސްވަމުންދާ ކަމުގައެވެ. ލޭ ހަދިޔާކުރާ މީހުންގެ އަދަދު މަދުވެފައި ވަނީ، ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، ކާބޯތަކެތި އެތެރެ ކުރުމަށް ހުރަސް އެޅުމާ އެކު، ފައިދާހުރި ކާނާ ނުލިބި ޣައްޒާގެ ރައްޔިތުން ހައިހޫނުގައި ޖެހިފައިވުމުންނެވެ. އަދި، މެލްނިއުޓްރިޝަންގެ ޞިއްޙީ ހާލަތު ކުރިމަތިވުމެވެ.

ޔަހޫދީން ޣައްޒާގެ ފުރަބަންދު ހަރުކަށި ކޮށްފައި ވަނީ މާރިޗު 2ވަނަ ދުވަހުއެވެ. އެއަށް ފަހު، އެ ސަހަރަށް ވެއްދުމުގެ ފުރުޞަތު ދީފައި ވަނީ ވަރަށް މަދު އަދަދެއްގެ ކާނާއާއި އެހީގެ ސާމާނަށެވެ. މިއީ، ޣައްޒާގައި ދިރިއުޅޭ 2.2 މިލިޔަނެއްހާ މީހުން ގަސްދުގައި ހައިހޫނުގައި ޖެއްސުމަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާއެކެވެ. ޣައްޒާގެ ޞިއްޙީ މަޞްދަރުތަކުން ބުނީ، ބަނޑުފުރާނަ މުއްތިކުރެވޭނެ ގޮތެއް ނެތި، ބަނޑަށްޖެހިގެން ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި އިތުރު ފަސް މީހުން ޝަހީދުވެފައިވާ ކަމުގައެވެ. މިއާ އެކު، ޣައްޒާއިން ބަނޑަށް މަރުވި މީހުންގެ އަދަދު މި ވަނީ 193އަށް އުފުލިފައެވެ.

ޣައްޒާ ޢުދުވާނުގެ ހާލަތު މޮނިޓަރު ކުރަމުުންދާ ފަރާތްތަކުން ބުނީ، އެ ސަހަރުގެ މައި ހަސްފަތާލުތަކަށް ކަމުގައިވާ އަލް-ޝިފާ އަދި އަލް-އަޤްޞާގެ އިތުރުން އަލް-ނާޞިރް ހަސްފަތާލުގެ ބްލަޑް ބޭންކުން ލޭ ހުސްވުމާ ގާތްވެފައިވާ ކަމުގައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ އެތަކެއް ސަތޭކަ ބަޔަކަށް ލޭ ހަދިޔާ ކުރުމަށް އެ މީހުންގެ ޢާއިލާގެ މެންބަރުން މަސައްކަތް ކުރި ނަމަވެސް، މެލްނިއުޓްރިޝަންގެ މައްސަލަ ކުރިމަތިވެފައިވާތީ، ޑޮކްޓަރުން އެ މީހުން އަނބުރި ފޮނުވައިލަމުންދާ ކަމުގައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން ބުނީ، ޣައްޒާގައި ޚާއްޞަ ޞިއްޙީ ފަރުވާ ދޭން ޖެހިފައިވާ 14,800އަށްވުރެ ގިނަ ބަލިމީހުން ތިބި ކަމުގައެވެ. "ކުރިއަށް ނިކުމެ [ޣައްޒާގައި ތިބި] ބަލިމީހުން ޤައުމުތަކަށް ގެންގޮސް، ވީ އެންމެ އަވަހަކަށް ޞިއްޙީ ފަރުވާ ފޯރުކޮށްދެވޭނެ ގޮތްތަކެއް ހޯދުމަށް ހުރިހާ ޤައުމަކަށް ގޮވައިލަން،" ޑަބްލިޔުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރިއޭސޮސް ވިދާޅުވިއެވެ.

ޔަހޫދީ ފައުޖުން މިހާރު ވެސް ދަނީ ޣައްޒާގެ އެކި ކަންކޮޅުތަކަށް މެދުކެނޑުމެއް ނެތި ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުންނެވެ. މި ގޮތުން، ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ދީފައިވާ ޙަމަލާތަކުގައި 44 މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ ޞިއްޙީ ދާއިރާގެ މަޞްދަރުތަކުން ހާމަކުރިއެވެ. އޭގެ ތެރެއިން އެއް ޙަމަލާތަ އަމާޒު ކޮށްފައި ވަނީ ޣައްޒާ ސިޓީގެ ޝައިޚް ރިޟްވާން ސަރަޙައްދުގައި އެކުވެރި ދައުލަތްތައް (އދ)ން ކުރިން ހިންގި ރެފިއުޖީ ކޭމްޕަކަށެވެ.

ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ނަމުގައި ވެސް ޔަހޫދީން ދަނީ ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންނެވެ. ޣައްޒާގައި ކާބޯތަކެތި ބެހުމުގެ މަސައްކަތް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް އުފައްދާފައިވާ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ މަރުކަޒުތައް ކައިރީގައި އޮގަސްޓު 6ވަނަ ދުވަހު ދިން ނިރުބަވެރި ޙަމަލާތަކުގައި އެކަނިވެސް 18އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ.