ޚަބަރު

35 އަހަރަށް ފަހު އަރްމީނިޔާއާއި އަޒަރްބައިޖާން ސުލްޙަވެއްޖެ، ދެ ޤައުމުގެ ޝުކުރު ޓްރަމްޕަށް


އަރްމީނިޔާއާއި އަޒަރްބައިޖާނާ ދެމެދު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލައިފިއެވެ. 35 އަހަރަށް ފަހު ދެ ޤައުމުން ސުލްޙައިގެ އެއްބަސްވުމުގައި ސޮއިކޮށްފައި މި ވަނީ އެމެރިކާގެ ވައިޓް ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ދެކުނު ކޯކަސަސް ސަރަޙައްދުގެ ދެ ޤައުމު ކަމުގައިވާ އަރްމީނިޔާއާއި އަޒަރްބައިޖާނާ ދެމެދު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލާފައި މި ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުވެރިއެއްގެ ގޮތުގައި ކުރެއްވި މަސައްކަތުންނެވެ.

ޓްރަމްޕާ އެކު ބޭއްވި ބައްދަލުވުމެއްގައި ސުލްޙައިގެ އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ އަޒަރްބައިޖާނުގެ ރައީސް އިލްހާމް އަލިޔެފާއި އަރްމީނިޔާގެ ބޮޑުވަޒީރު ނީކޮލް ޕަޝީނިޔާނެވެ. ދެކުނު ކޯކަސަސް ސަރަޙައްދުގެ ޤައުމުތަކަކީ ރަޝިޔާގެ ބާރާއި ނުފޫޒު ހިނގާ ޤައުމުތަކެއްގެ ގޮތުގައި ކްރެމްލިނުން ޤަބޫލު ކުރެއެވެ. ނަމަވެސް، އަރްމީނިޔާއާއި އަޒަރްބައިޖާނާ ދެމެދު ސުލްޙަ ޤާއިމު ކޮށްފައި މި ވަނީ އެމެރިކާއިން މެދުވެރިއެއްގެ ގޮތުގައި ކުރި މަސައްކަތުންނެވެ. އެހެންކަމުން، މިއީ އެމެރިކާއަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި ވޮޝިންގްޓަނުން ޤަބޫލު ކުރާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.

"އެއީ ވަރަށް ދިގު މުއްދަތެއް، 35 އަހަރު، އެ މީހުން ހަނގުރާމަ ކުރި ނަމަވެސް މިހާރު އެއީ ރަޙުމަތްތެރިން، އަދި އެ ރަޙުމަތްތެރިކަން އެތަކެއް އަހަރަކަށް ދެމިގެންދާނެ،" ސުލްޙައިގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޓްރަމްޕް ވިދާޅުވިއެވެ.

އަރްމީނިޔާއާއި އަޒަރްބައިޖާނާ ދެމެދު ދެބަސްވުންތަކެއް އުފެދި، ހަނގުރާމަ ކުރަން ފަށާފައި ވަނީ 1980ގެ އަހަރުތަކުގެ ތެރޭގައެވެ. އެ ކަން މެދުވެރިވީ، އަޒަރްބައިޖާނުގެ ފަރުބަދަމަތީ ސަރަަޙައްދެއް ކަމުގައިވާ ނަގޯރްނީ-ކަރާބަޚްގައި ދިރިއުޅޭ ރައްޔިތުން އެ ޤައުމުން ވަކިވެ، އަރްމީނިޔާއަށް ތާޢީދު ކުރަން ނިންމުމާ ގުޅިގެންނެވެ. އެއީ، އަރްމީނިޔާއަށް ނިސްބަތްވާ ދަރިކޮޅުތަކުގެ މީހުން ދިރިއުޅޭ ސަރަޙައްދެކެވެ.

2023ވަނަ އަހަރު އަޒަރްބައިޖާނުގެ އަސްކަރިއްޔާއިން ވަނީ ނަގޯރްނީ-ކަރާބަޚް ސަރަޙައްދު އަތުލައި، އެ ޤައުމުގެ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އަޒަރްބައިޖާނުގެ ސިފައިން އެ ސަރަޙައްދަށް އެރުމާ އެކު، އެ ސަރަޙައްދުގައި ދިރިއުޅެމުން ދިޔަ 100,000އެއްހާ ރައްޔިތުން އެ ސަރަޙައްދު ދޫކޮށް އަރްމީނިޔާއަށް ހިޖުރަ ކުރިއެވެ.

ޓްރަމްޕް ވިދާޅުވީ ސުލްޙައިގެ އެއްބަސްވުމާ އެކު އަރްމީނިޔާއާއި އަޒަރްބައިޖާނުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލަން އެއްބަސްވެފައިވާ ކަމުގައެވެ. އަދި، ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމުކޮށް، ދެ ޤައުމުގެ ސިޔާދަތީ މިނިވަން ކަމަށް އިޙުތިރާމު ކުރުމަށް އަހުދުވެފައިވާ ކަމުގައެވެ. ދެ ޤައުމުގެ ދެމެދުގައި މުދާ އުފުލުމަށް ޚާއްޞަ ކޮށްފައިވާ މަގެއް ބިނާ ކުރުމަށް ވެސް އެއްބަސްވުމުގައި ހިމަނާފައިވެއެވެ. ނަމަވެސް، އެ މަގު ތަރައްޤީ ކުރުމުގެ ހުރިހާ ބާރެއް ދޫކޮށްލާފައި ވަނީ އެމެރިކާގެ އަތްމައްޗަށެވެ. ވައިޓް ހައުސުން ބުނީ، އެ މަގާ އެކު ވިޔަފާރި މުދަލާއި ހަކަތައާއި އެހެނިހެން ސާމާނު އުފުލުމަށް ލުއިފަސޭހަވެގެން ދާނެ ކަމުގައެވެ.

މީގެ އިތުރުން، އެ ދެ ޤައުމާއި އެމެރިކާއާ ދެމެދު ވަކިވަކި އެއްބަސްވުންތަކެއްގައި ވެސް ވަނީ ސޮއިކޮށްފައެވެ. އެއީ، ހަކަތައާއި، ވިޔަފާރިއާއި، ޓެކްނޮލޮޖީގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުންތަކެކެވެ. އެ އެއްބަސްވުންތަކާ ގުޅޭ އިތުރު ތަފުސީލު ވައިޓް ހައުސުން ހާމަކޮށްފައެއް ނެތެވެ.