އެމެރިކަގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިންއާ އޮގަސްޓު މަހުގެ 15ވަނަ ދުވަހު ބައްދަލުކުރައްވާނެ ކަމަށް ޓްރަމްޕް އިޢުލާނުކުރެއްވުމުން ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރު ޒެލެންސްކީ ނުރުހުންވެވަޑައިގެންފިއެވެ.
ޕުޓިންއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަން ޓްރަމްޕް އިޢުލާނުކުރެއްވީ، 2022ވަނަ އަހަރުން ފެށިގެން ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެއްބަސްވުމަކާ ހަމައަށް އައުމާ ގާތްވެފައިވާ ކަމަށް އޭނާ އޭގެ ކުރިން ވިދާޅުވެފައިވަނިކޮށެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ ހަނގުރާމަ ހުއްޓާލުމާ ގުޅޭ އެއްބަސްވުމުގެ ދަށުން ދެ ފަރާތުގެ މަސްލަހަތަށާއި ހެވާއި ލާބައަށް ރަޝިޔާއާއި ޔޫކްރެއިނުން ކޮންމެ ވެސް ވަރަކަށް ބިން ބަދަލުކުރަން ޖެހޭނެ ކަމަށެވެ.
އެ ވާހަކަތަކާ ގުޅިގެން ޒެލެންސްކީ ވިދާޅުވީ ޔޫކްރެއިންގެ ސަރަޙައްދާގުޅޭ މައްސަލައެއްގައި ޤައުމުގެ ޤާނޫނު އަސާސީއާ ޚިލާފު ނުވެވޭނެ ކަމަށެވެ. އިސްތިއުމާރީ ބާރުތަކަށް ޔޫކްރެއިނުން ބިން ހަދިޔާ ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޮގަސްޓު މަހުގެ 15ވަނަ ދުވަހު އެމެރިކާގެ އަލަސްކާގައި ޕުޓިންއާއި ޓްރަމްޕް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަން ރަޝިޔާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިނުން ވަނީ ކަށަވަރުކޮށްދީފައެވެ. ޕުޓިންގެ އަރިސް ބޭފުޅެއް ކަމަށްވާ ޔޫރީ އުޝަކޮވް ވިދާޅުވީ ދެ ރައީސުންގެ ބައްދަލުވުމުގައި ޔޫކްރެއިން މައްސަލައަށް ދާއިމީ ޙައްލެއް ހޯދައި ޞުލްޙަ ޤާއިމުކުރުމާ ގުޅޭގުތުން މަޝްވަރާކުރައްވާނެ ކަމަށެވެ. މިއީ އުނދަގޫ މަރުހަލާއެއް ނަމަވެސް މަޝްވަރާތަކުގައި ރަޝިޔާއިން ބައިވެރިވާނީ ޖޯޝާއެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ޤައުމާ މުހާތަބުކުރައްވައި ޒެލެންސްކީގެ ޓެލެގްރާމް ޗެނަލްގައި އޭނާ ވިދާޅުވީ ޔޫކްރެއިންގެ ބައިވެރިވުމެއް ނެތި ނިންމާ ކޮންމެ ނިންމުމަކީ ޞުލްޙައާ ދެކޮޅަށް ނިންމޭ ނިންމުމެއް ކަމަށެވެ. އެ ފަދަ ނިންމުމަކުން ހާޞިލްވާނެ އެއްވެސް މޮޅެއް އަދި ނެރެވޭނެ އެދެވޭ ނަތީޖާއެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ބަދަލުގައި ބޭނުން ވަނީ ހަޤީޤީ ޞުލްޙަވެރިކަމާއި ހަމަޖެހުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޕުޓިން ވިދާޅުވާ ގޮތުގައި ޔޫކްރެއިންގެ ލުހާންސްކާއި ދޮނެސްކާއި ޒަޕޮރިއްޒިޔާއާއި ޚާސަން އާއި ކްރިމިޔާ އަކީ ރަޝިޔާގެ ބައެކެވެ. 2014ވަނަ އަހަރު ރަޝިޔާ ވަނީ ކްރިމިޔާ އެ ޤައުމުގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. ދެން ހުރި ސަރަޙައްދުތަކުގެ ފުރިހަމަ ބާރު އަދި ރަޝިޔާއަކަށް ނުލިބެއެވެ.
ބައެއް މަސްދަރުތަކުން ބުނީ އެމެރިކާއާއި ރަޝިޔާއިން ކުރަމުންދާ މަޝްވަރާތަކުގައި ރަޝިޔާއިން ޔޫކްރެއިނުން އަތުލައިގެންފައިވާ ސަރަޙައްދުތައް އެއީ ރަޝިޔާގެ ބައެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަތުން ހިމެނޭ ކަމަށެވެ. ނަމަވެސް އެ ކަމާ ގުޅޭގޮތުން ވައިޓް ހައުސުން ބުނީ އެއީ ހީއެއްގެ މައްޗަށް ދެކެވޭ ވާހަކަތަކެއް ކަމަށެވެ. އެ ކަމާ ގުޅޭގޮތުން ކްރެމްލިނުން އެއްޗެއް ބުނެފައެއް ނުުވެއެވެ.
ޔޫކްރެއިނުން މީގެ ކުރިން ވަނީ ހަނގުރާމަ ހުއްޓައިލުމަށް ކުރާ މަސައްކަތުގައި އެ ޤައުމުން ދޫދޭނެ ކަމުގެ އިޝާރާތެއް ކޮށްފައެވެ. ނަމަވެސް އެ ޤައުމުގެ ސަރަޙައްދުގެ ފަސްބައިކުޅަ އެއްބައި ދޫކޮށްލުމަކީ ޒެލެންސްކީއަށް ފަސޭހަ ކަމަށް ނުވާނެއެވެ. އެ ފަދަ ނިންމުމެއް ނިންމަން ޖެހުމަކީ ޒެލެންސްކީއަށާއި ޔޫކްރެއިންގެ ސަރުކާރަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެކެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާގެ ކުރީގެ އިސްވެރިއެއް ކަމަށްވާ ޓައިސަން ބާކަރ ވިދާޅުވީ މަސްދަރުތަކުން ރިޕޯޓުކޮށްފައިވާ ފަދަ ހުށަހެޅުމަކަށް ޔޫކްރެެއިނުން ވަގުތުން ދެކޮޅު ހަދާނެ ކަމަށެވެ. ޔޫކްރެއިނުން މި ވަގުތު އަމަލުކުރުން އެންމެ ބުއްދިވެރި ގޮތަކީ އެ ޤައުމުން ނުރުހުންވާ ކޮންމެ ހުށަހެޅުމަކަށް ދެކޮޅު ހަދައި، އެ ޤައުމުގެ ހުށަހެޅުންތަކުގެ މައްޗަށް މަޝްވަރާތައް ބިނާކުރަން މަސައްކަތްކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޔޫކްރެއިންގެ މައްސަލަ ޙައްލުކުރުމަށް އެމެރިކާއިން ދެމުންދާ އެހީތެރިކަން ފާހަގަކުރުމަކީ ވެސް ކޮންމެހެން މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި މަސްދަރުތަކުން ހާމަކޮށްފައިވާ ގޮތަށް އެއްބަސްވެއްޖެ ނަމަ ޚާސަންއާއި ޒަޕޮރިއްޒިޔާގައި ޙަމަލާ ދިނުން ރަޝިޔާއިން ހުއްޓައިލައިނެއެވެ.