ޚަބަރު

އަބުރު ރައްކާތެރިކުރުމާބެހޭ ބިލް- ފިލްމް އުފައްދަން ހުރަހެއް ނެތް


ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ މަރުޙަލާގައި ދިރާސާކުރައްވަމުން ގެންދަވާ، އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުމުގެ މިނިވަންކަމުގެ ބިލުގެ ސަބަބުން ދިވެހި ފިލްމު އުފެއްދުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ފިލްމު އެސޯސިއޭޝަންގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަން ފިލްމް އެވޯޑް 2016 އިފްތިތާޙްކުރި ޙަފްލާގައި ވާހަކަދައްކަވަމުން މުޙައްމަދު ޢަބްދުﷲ ވިދާޅުވީ، އަބުރު ރައްކާތެރިކޮށްދިނުމުގެ ބިލުގައި ހުރި ބައެއް ކަންކަމާ ގުޅިގެން ފިލްމު އެސޯސިއޭޝަނުގެ މެންބަރުންގެ މެދުގައި ކަންބޮޑުވާ ފަދަ ކަންތައްތަކެއް ހުރިކަމަށާއި، އެހެންނަމަވެސް ސަރުކާރުގެ ތެރެއިންނާއި ކަމާގުޅުން ހުރ ފަރާތްތަކުގެ މެދުގައި ކުރެވުނު މަޝްވަރާތަކުން، ފިލްމު އުފައްދާ ފަރާތްތަކުން ހިތް އެދޭގޮތަށް ކުރިއަށް އޮތް ތަނުގައިވެސް ފިލްމު އުފެއްދޭނެކަމާމެދު ޝައްކު ނުކުރައްވާކަމަށެވެ.

މުޙައްމަދު ޢަބްދުﷲ ވިދާޅުވީ، ފިލްމީ ދާއިރާގައި ޙަރަކާތްތެރިވާ އެއްވެސް ފަރާތަކުން މީހުންގެ އަބުރަށް ހުތުރުވާގޮތަށް މަސަކަތް ކުރާނެކަމަށް ޤަބޫލުނުކުރައްވާ ކަމަށާއި، އެދާއިރާގެ ކޮންމެ ފަންނާނަކީވެސް އެކަކު އަނެކަކަށް އިޙްތިރާމްކުރާ ބަޔަކަށްވުން މުހިންމުކަމަށެވެ.

މިޙަފްލާގައި ވާހަކަދައްކަވަމުން ޕަބްލިކް ސަރވިސް މީޑިއާގެ ޗެއަރމަން އިބްރާހީމް ޢުމަރު މަނިކު ވިދާޅުވީ، މިދުވަސްވަރު އެންމެ ގަދައަށް ދެކެވޭ ވާހަކައަކީ އަބްރާބެހުމުގެ ބިލުގެ ވާހަކަކަމަށާއި، މިފަދަ ބިލެއް ގެންނަން ކަމާގުޅުން ހުރި ފަރާތްތަކަށް މި ޖެހުނީ އެކަކު އަނެކަކަށް އިޙްތިރާމްކުރުން ކުޑަވުމުގެ ސަބަބުންކަމަށެވެ. އެހެންކަމުން ފިލްމީ ދާއިރާގެ ފަންނާނުންވެސް ކަންކަމުގައި އެކުވެރިކަމާއެއި އެއްބާރުލުން އިސްކޮށް މީހުންނަށް އިޙްތިރާމް ކުރުން މުހިއްމުކަމަށެވެ.