ޚަބަރު

ކުރުދީންނާ މަަޝްވަރާ ކުރަން ޕެރިހަށް ނުދާން ސޫރިޔާގެ ސަރުކާރުން ނިންމައިފި


ސޫރިޔާގައި ހަރަކާތްތެރިވާ ކުރުދީ ދަރިކޮޅުގެ ހަތިޔާރު އެޅި ޖަމާޢަތް، ސީރިޔަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފާ) އެކު ސުލްޙައިގެ މަޝްވަރާތައް ބޭއްވުމަށް އެ ޤައުމުގައި ވެރިކަން ކުރާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ސަރުކާރުން އިންކާރު ކޮށްފިއެވެ. ދެ ފަރާތުގެ ދެމެދުގައި މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައި އޮތީ ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައެވެ. ނަމަވެސް، އެޗްޓީއެސް ސަރުކާރުގެ މަޞްދަރުތަކުން ބުނީ، މަޝްވަރާތަކުގައި ބައިވެރިވުމަށް ޕެރިހަށް ދަތުރު ނުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމުގައެވެ.

އެޗްޓީއެސުން އަސްކަރީ ބަޣާވާތެއްކޮށް ކުރީގެ ރައީސް ބައްޝާރް އަލް-އަސަދު ވެރިކަމުން ދުރުކޮށްފައި ވަނީ 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ. އެއަށް ފަހު، ގުޅިފައިވާ ސަރުކާރެއް އެކުލަވައިލާނެ ކަން އެޗްޓީއެސްގެ ވެރިޔާ އަޙްމަދު އަލް-ޝަރާޢު ވަނީ އިޢުލާނު ކޮށްފައެވެ. އަދި، ސޫރިޔާގެ އަސްކަރިއްޔާއާ ރަސްމީ ގޮތުން ގުޅުމުގެ ފުރުޞަތު މިހާރު ރައީސްގެ މަޤާމު ފުރަމުންދާ ޝަރާޢު ވަނީ އެ ޤައުމުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކަށް ހުޅުވައިލާފައެވެ.

އެ ފުރުޞަތުގެ ދަށުން އެސްޑީއެފުން ވަނީ ސޫރިޔާގެ އަސްކަރިއްޔާއާ ގުޅުމަށް ނިންމައި، މާރޗު މަހުގެ ތެރޭގައި އެޗްޓީއެސްގެ ސަރުކާރާ އެކު އެއްބަސްވުމެއް އެކުލަވައިލާފައެވެ. ނަމަވެސް، އެ އެއްބަސްވުން ތަންފީޒު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި ބައިވެރިވުމަށް ޝަރާޢުގެ ސަރުކާރުން އިންކާރު ކުރުމާ އެކު، އެ ކަން ތަންފީޒު ކުރެވޭނެ ކަމާ މެދު ސުވާލު އުފެދިފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.

އެސްޑީއެފަކީ އެމެރިކާއިން ވާގިވެރިވާ ހަތިޔާރު އެޅި ޖަމާޢަތެކެވެ. 2014ން ފެށިގެން 2019އާ ދެމެދު ސޫރިޔާއާއި ޢިރާޤުގެ ބައެއް ސަރަޙައްދުތަކަށް އަތްގަދަ ކޮށްފައިވާ ނިރުބަވެރި ޖަމާޢަތް، އައިއެސާ ދެކޮޅަށް އެމެރިކާއިން އިސްނަގައިގެން ކުރި ހަނގުރާމައިގައި އެސްޑީއެފުން އިސް ދައުރެއް އަދާކޮށްފައިވެއެވެ. ސޫރިޔާގެ އިރުއުތުރުގެ ބައެއް ސަރަޙައްދުތައް މިހާރު ވެސް އޮތީ އެސްޑީއެފްގެ ބާރުގެ ދަށުގައެވެ. އެ ސަރަޙައްދުތައް ދިމިޝްޤުގެ ކޮންޓުރޯލުގެ ދަށަށް ގެންދިޔުމަކީ ޝަރާޢުގެ އަމާޒެކެވެ.

ޕެރިހުގައި ބާއްވާފައިވާ މަޝްވަރާތަކުގައި ބައިވެރިވުމުގެ ދަޢުވަތު އެޗްޓީއެސްގެ ސަރުކާރަށް އަރުވާފައި ވަނީ އެސްޑީއެފުންނެވެ. ނަމަވެސް، އެޗްޓީއެސް ސަރުކާރުގެ މަޞްދަރުތަކާ ޙަވާލާދީ ސޫރިޔާގެ ދައުލަތުގެ މީޑިޔާއިން ބުނީ، "ކުރީގެ ވެރިކަން އިޔާދަ ކުރުމަށް" މަސައްކަތް ކުރާ ބަޔަކާ އެކު މަޝްވަރާ ކުރުމަށް ޝަރާޢުގެ ސަރުކާރުން ބޭނުން ނުވާ ކަމުގައެވެ. އަދި، އެއީ މާރިޗު މަހުގެ އެއްބަސްވުމާ ތަޢާރުޒުވާ ހުށަހެޅުންތަކަކާ މެދު މަޝްވަރާ ކުރުމަށް ރާވާފައިވާ ބައްދަލުވުމެއްގެ ގޮތުގައި ވެސް އެޗްޓީއެސް ސަރުކާރުން މަޞްދަރުތަކުން ސިފަ ކުރިއެވެ.

ޝަރާޢުގެ ވެރިކަމުގައި ތަންފީޒު ކުރަމުންދާ ދުސްތޫރީ ޤަރާރެއް މުރާޖާ ކުރުމަށް ވެސް އެސްޑީއެފުން ވަނީ ގޮވައިލާފައެވެ. އެ ޖަމާޢަތުން ބުނީ، އެ ޤަރާރުގެ ދަށުން ސޫރިޔާގައި ހަމަހަމަ ކަން ޤާއިމު ކޮށްދެވޭނެ ކަމަށް ޤަބޫލު ނުކުރާ ކަމުގައެވެ. ދާދި ފަހުން ސޫރިޔާގެ ދެކުނުގައިވާ އަލް-ސުވަޔިދާއާއި އައްސޭރިފަށުގެ ސަރަޙައްދުތަކުގައި ހިންގާފައިވާ ހަމަނުޖެހުންތައް ވެސް ޕެރިހުގެ ބައްދަލުވުމުގެ ބައިވެރިން ވަނީ ކުށްވެރި ކޮށްފައެވެ.