އަފްޣާނިސްތާނުގެ ސަރަޙައްދީ ރޮނގު ކައިރީގައި ފާއިތުވި ހަތަރު ދުވަހުގެ ތެރޭގައި ހިންގި އަސްކަރީ އޮޕަރޭޝަނެއްގައި، އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކަށް ނިސްބަތްވާ 50 މީހުން މަރައިލާފައިވާ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހިންގަމުންދާ މި އަސްކަރީ އޮޕަރޭޝަނުގައި، މި ހަނގުރާމަވެރިންތައް މަރާލާފައިވަނީ އެ ޤައުމުގެ ހުޅަނގު ދެކުނު ސަރަޙައްދެއް ކަމަށްވާ ބަލޮޗިސްތާނު ޕްރޮވިންސުގައި ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުންޏެވެ.
ބަލޮޗިސްތާނަކީ ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާޢަތްތަކުން ޙަރަކާތްތެރިވާ ހަލަބޮލި ސަރަޙައްދެކެވެ. އެ ސަރަޙައްދުގައި ޕާކިސްތާން ޠާލިބާނާއި މަނާކޮށްފައިވާ ބަލުޗް ލިބަރޭޝަން އާމީއިން ވެސް ޙަރަކާތްތެރިވެއެވެ. ވަކިވެގަނެފައިވާ ޖަމާޢަތްތަކުން ބޭނުންވަނީ ޕާކިސްތާނުގެ މައި ސަރުކާރާ ވަކިވާށެވެ. އެ ސަރަޙައްދުގައި ދޭ ޙަމަލާތަކާއި ހިނގަމުންދާ ހަމަނުޖެހުންތައް ބޮޑުތަނުން ހުއްޓުވާފައިވާ ކަމަށް ޕާކިސްތާނުގެ ސަރުކާރުން ބުނި ނަމަވެސް، އެ ސަރަަޙައްދުގައި ޙަމަލާތަކާއި ލޭއޮހޮރުވުންތަައް އަދިވެސް ހިނގައެވެ.
އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު އޮންނަ ސަރަޙައްދީ ރޮނގު ކައިރީގައި ޙަރަކާތްތެރިވާ ހަނގުރާމަވެރިން ހުއްޓުވުމަށް އަފްޣާނިސްތާނުގެ ޠާލިބާން ސަރުކާރުން އެދެވޭ މަސައްކަތެއް ނުކުރާ ކަމަށް ޕާކިސްތާނުން އަބަދު ވެސް ތުހުމަތުކުރެއެވެ. ނަމަވެސް އަފްޣާނިސްތާނުން އެ ތުހުމަތުތައް ދޮގުކުރެއެވެ.