ފަލަސްޠީންގެ ޣައްޒާގެ އުތުރުގައި އޮތް ޣައްޒާ ސިޓީއަށް ޔަހޫދީ ފައުޖުން ނިރުބަވެރި ޙަމަލާތަކެއްދީ، 11 މީހުން ޝަހީދު ކޮށްލައިފިއެވެ. ޣައްޒާ ސިޓީގެ އިރުމަތީ ސަރަޙައްދުތަކަށް ޔަހޫދީ ފައުޖުން ވަރުގަދަ ޙަމަލާތަކެއް ދެމުން މި ދަނީ، އެ ސަހަރުގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމާ ގުޅޭ މަޝްވަރާތައް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ޣައްޒާގައި ވެރިކަން ކުރާ ޙަމާސާއި ޔަހޫދީންނާ ދެމެދު އަލުން މަޝްވަރާތައް ފެށުމަށް މަސައްކަތް ކުރަމުން ދަނީ މިޞްރާއި ޤަޠަރުން ގުޅިގެންނެވެ. މި ކަމާ ގުޅޭ ގޮތުން މުހިންމު މަޝްވަރާތަކެއް ބޭއްވެވުމަށް ޙަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ ޚަލީލް އަލް-ޙައްޔާ ވަނީ މިޞްރުގެ ވެރިރަށް ޤާހިރާއަށް ވަޑައިގަންނަވާފައެވެ.
ޙަމާސާއި ޔަހޫދީންނާ ދެމެދު ސުލްޙަ ޤާއިމު ކުރުމަށް އެންމެ ފަހުން މަޝްވަރާތައް ބާއްވާފައި ވަނީ ޤަޠަރުގެ ވެރިރަށް ދަވްޙާގައި ޖުލައި މަހުގެ ފަހުކޮޅުއެވެ. އެ މަޝްވަރާތައް ފޭލުކޮށްލީ ޔަހޫދީންނެވެ. އެއިރު މަޝްވަރާ ކުރަމުން ގޮސްފައި ވަނީ، ޣައްޒާ ޢުދުވާން 60 ދުވަހުގެ މުއްދަތަކަށް މެދުކަނޑައިލައި، ދެ ފަރާތުގެ ދެމެދުގައި އަސީރުން ބަދަލު ކުރުމާ ގުޅޭ ގޮތުންނެވެ. އެއީ، އެމެރިކާގެ ހުށަހެޅުމެކެވެ.
ޤާހިރާގައި ޙަމާސާއި މިޞްރު ސަރުކާރުގެ އިސް އޮފިޝަލުންނާ ދެމެދު މަޝްވަރާތައް ފެށުމަށް ހަމަޖެހިފައި ވަނީ އޮގަސްޓު 13ވަނަ ދުވަހުއެވެ. އެ މަޝްވަރާތަކުގެ މައިގަނޑު މަޤުޞަދަކީ، ޔަހޫދީންގެ ނަސްލުހޭދު ހުއްޓުމަކަށް ގެނައުމެވެ. އަދި، ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ 2.2 މިލިޔަނެއްހާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ޔަހޫދީން ކުރިމަތި ކޮށްފައިވާ ހުރަސްތައް ނައްތައިލުމެވެ.
ދަވްޙާގައި ބޭއްވި މަޝްވަރާތައް ފޭލުކޮށްލުމަށް ފަހު ޔަހޫދީ ފައުޖުން މިހާރު ދަނީ ޣައްޒާ ސިޓީ އެ މީހުންގެ އަތްދަށަށް ގެންގޮސް، އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން އަޅުވެތި ކުރުމަށް ޖަރީމާތަކެއް ހިންގަމުންނެވެ. ޔަހޫދީ ފައުޖުން ޣައްޒާ ޤަތުލުޢާންމު ފުޅާ ކޮށްފައި މި ވަނީ، މުޅިި ޣައްޒާ އިސްތިޢުމާރުކޮށް، އެ ސަހަރުގައި ދިރިއުޅޭ ރައްޔިތުން އަޅުވެތި ކުރުމަށް ނިންމައި، ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ އެ ކަން އިޢުލާނު ކޮށްފައިވާ ދަނޑިވަޅެއްގައެވެ. ޔަހޫދީންގެ ޤަތުލުޢާންމުގެ އެންމެ ބޮޑު ބައިވެރިޔަކީ، އަދި މަދަދުގާރަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.
ޙަމާސާއި ޔަހޫދީންނާ ދެމެދު އަލުން ސުލްޙައިގެ މަޝްވަރާތައް ފެށުމުގެ މަސައްކަތް ފަށާފައި މި ވަނީ، ވިލާތާއި ހުޅަނގުގެ ބާރުތަކުގެ ގޮތުގައި ބެލެވޭ 26 ޤައުމަކުން ޔަހޫދީންގެ ޤަތުލުޢާންމު ކުށްވެރިކޮށް، ލާއިންސާނީ ޖަރީމާތައް ހުއްޓުމަކަށް ގެނައުމަށް ގޮވައިލައި، ޔަހޫދީންނަށް ފިއްތުންތައް ކުރިމަތި ކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ. އެ ޤައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި، ކެނެޑާއާއި، އޮސްޓްރޭލިޔާ އަދި ފަރަންސޭސިވިލާތުގެ އިތުރުން ޖަޕާން ވެސް ހިމެނެއެވެ.
ނަން ހާމަކޮށްފައި ނުވާ ޙަމާސްގެ އޮފިޝަލަކު ބުނީ، ޣައްޒާގެ ވެރިކަން މިނިވަން ކޮމިޓީއެއްގެ އަތްމައްޗަށް ދޫކޮށްލުމަށް އެއްބަސްވުމަށް އެ ޖަމާޢަތުން ނިންމާފައިވާ ކަމުގައެވެ. ނަމަވެސް، ޙަމާސުން ހަތިޔާރު ބެހެއްޓުމަކީ ޔަހޫދީންނާއި އެމެރިކާގެ އެންމެ ބޮޑު ޝަރުޠެވެ. ޙަމާސްގެ އޮފިޝަލު ބުނީ، އެ ޖަމާޢަތުން ހަތިޔާރު ބަހައްޓާނީ، ފަލަސްޠީނުގެ މިިނިވަން ދައުލަތެއް ޤާއިމުކޮށް، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރު ކޮށްދިނުމުން ކަމުގައެވެ. ސެޕްޓެންބަރު މަހު ބާއްވާ އެކުވެރި ދައުލަތްތައް (އދ)ގެ ޢާންމު މަޖިލީހުގެ ޖަލްސާގައި ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަނެ، އެ ކަން ރަސްމީކޮށް އިޢުލާނު ކުރުމަށް އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ އިތުރުން ކެނެޑާއާއި އޮސްޓްރޭލިޔާއިން ވަނީ ނިންމާފައެވެ.