އިންޑޮނޭޝިޔާގެ ރައީސް، ޕްރަބޯވޯ ސުބިއަންތޯގެ ކާބޯތަކެތި ޔަޤީންކުރުމުގެ ސިޔާސަތުގެ ދަށުން ހިންގާ ދަނޑުވެރިކަމުގެ މަޝްރޫޢުތައް ހިިންގުމުގައި އެހީތެރިވުމަށް އެ ޤައުމުގެ އަސްކަރިއްޔާގެ 100 ފައުޖު ބައިވެރިކުރުމަށް ނިންމައިފިއެވެ.
މިދިޔަ އަހަރުގެ ތެރޭގައި އިންޑޮނޭޝިޔާގެ ރައީސްގެ މަޤާމާ ސުބިއަންތޯ ޙަވާލުވެވަޑައިގެންނެވި ފަހުން، އަސްކަރިއްޔާގެ ޚާއްޞަ ފައުޖެއްގެ ކޮމާންޑަރުކަން މީގެ ކުރިން ކުރައްވާފައިވާ ސުބިއަންޓޯ ވަނީ ޤައުމުގެ ހިންގުމުގައި އަސްކަރިއްޔާގެ ދައުރު ފުުޅާކުރައްވައިފައެވެ. މަދަރުސާތަކަށް ހިލޭ ކާބޯތަކެތި ފޯރުކޮށްދިނުމަށް އެ މަނިކުފާނު ހިންގަވާ މަޝްރޫޢުގެ ދަށުން މަދަރުސާތަކަށް އެ ތަކެތި އުފުލުމުގެ މަސައްކަތުގައި އާއި އާންމުން ބޭނުންކުރުމަށް ބޭސް އުފެއްދުމުގައި ވެސް ސިފައިންގެ އެހީތެރިކަން އެ މަނިކުފާނު ވަނީ ހޯއްދަވައިފައެވެ.
އެތައް ހާސް ސިފައިންގެ މައްޗަށް އެކުލެވޭ މި ފައުޖުތައް އިންޑޮނޭޝިޔާގެ އެކި ސަރަޙައްދުތަކުގައި ދަނޑުވެރިކަމާބެހޭ މަޝްރޫޢުތަކާއި ޞިއްޙީ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި ޙަރަކާތްތެރިވަމުންދާނެއެވެ. އަސްކަރިއްޔާގެ ތަރުޖަމާނު، ބްރިގޭޑިޔަރ ޖެނެރަލް ވަހްޔޫ ޔުދަޔާނާ ވިދާޅުވީ ޚާއްޞަ ގޮތެއްގައި އެކަހެރި ސަރަޙައްދުތަކުގައި މި ފައުޖުތަކުން ޙަރަކާތްތެރިވަމުން ދާނެ ކަމަށެވެ.
ޔުދަޔާނާ ވިދާޅުވީ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި އަސްކަރިއްޔާގެ މައި ދައުރަކީ ކަންކަން މަގުފަހުކޮށްދިނުން ކަމަށެވެ. ތަފާތު ސަބަބުތަކާހުރެ މަޝްރޫޢުތަކަށް މައްސަލަތައް ކުރިމަތިވެ ނަތީޖާ ނެރުމަށް ހުރަސްއެޅުމުން އުފެދޭ ހުސް ޖާގަ ފުރައިދެނީ އަސްކަރިއްޔާއިން ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ މާރިޗު މަހުގެ ތެރޭގައި އިންޑޮނޭޝިޔާއިން ވަނީ އެ ޤައުމުގެ އަސްަރިއްޔާއިން ސަރުކާރުގައި އަދާ ކުރާ ދައުރު ފުޅާ ކުރުމަށް ޤާނޫނެއް ފާސްކޮށްފައެވެ. އެ ޤާނޫނުގެ ސަބަބުން އިންޑޮނޭޝިޔާގައި ހުދުމުހުތާރު ވެރިކަމެއް އުފެދިދާނެތީ ގިނަ ބަޔަކު ކަންބޮޑުވެއެވެ.
ޔުދަޔާނާ ވިދާޅުވީ އަސްކަރީ ފައުޖުގެ ޒިންމާތަކުގެ ތެރޭގައި އެ ބިންތަކުގައި މަސައްކަތެެއް ނުކޮށް އޮންނަ ފަޅު ބިންތަކަށް ފެން ލިބޭނެ އިންތިޒާމު ހަމަޖައްސައި ކާބޯތަކެތި އުދެއްދުން ހިމެނޭ ކަމަށެވެ.
އާންމުންގެ ތެރެއިން ގިނަ ބަޔަކު ވަނީ އަސްކަރީ ފައުޖަކީ ދަނޑުވެރިކަމާބެހޭ މާބޮޑު މަޢުލޫމާތެއް އެނގޭ ބައެެއް ނޫންކަމަށް ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް އެ ޤައުމުގެ ދަނޑުވެރިކަމާބެހޭ ވުޒާރާއިން ބުނީ އެ ވުޒާރާގެ ފަރާތުން ސިފައިންނަށް ތަމްރީން ދޭނެ ކަމަށެވެ.
ބައެއް ތަޖުރިބާކާރުން ޤަބޫލުކުރާ ގޮތުގައި ދަނޑުވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރެވޭނީ އެ މަސައްކަތުގައި އަސްކަރީ ފައުޖުތައް ޝާމިލުކުރުމުގެ ބަދަލުގައި ދަނޑުވެރިން ބާރުވެރިކޮށްގެންނެވެ.