ޚަބަރު

ވިލާތުގެ ބައެއް ޤައުމުތަކުގައި ރޯވެފައިވާ ބިޔަ އަލިފާންގަނޑުތައް ނިއްވައިލުމުގައި ދަތިތަކެއް


ވިލާތުގެ ދެކުނުގެ ބައެއް ޤައުމުތަކުގެ ޖަންގަލިތަކުގައި ރޯވެފައިވާ ބިޔަ އަލިފާންގަނޑުތައް ނިއްވައިލުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން އެބަދެއެވެ. ބައެއް ޤައުމުތަކުގެ ޖަންގަލިތަކުގައި އަލިފާން ރޯވާން މެދުވެރިވީ، ބަޔަކު ގަސްދުގައި ރޯކޮށްލުމުން ކަން، ނުވަތަ ހޮނު އެޅުމުގެ ސަބަބުން ކަން ދެނެގަތުމަށް ކަމާ ގުޅޭ އިދާރާތަކުން ދަނީ ތަޙުޤީޤު ކުރަމުންނެވެ. އަދި، އެ ސަރަޙައްދުގެ ޤައުމުތަކުގެ ފިނިހޫނުމިން އާދަޔާޚިލާފަށް އުފުލުމުގެ އިތުރުން ވައި ބާރުވުމާ ގުޅިގެން އަލިފާންގަނޑުތައް ކޮންޓުރޯލުކޮށް، ނިއްވައިލުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

ގިނަ ޤައުމުތަކުގައި އަލިފާންގަނޑުތައް ވަނީ މީހުން ދިރިއުޅޭ ރަށްތަކަށް ފެތުރިފައެވެ. އަދި، އެ ކަމާ ގުޅިގެން އެތަކެއް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމަށް ވަނީ މަޖުބޫރުވެފައެވެ. އަލިފާންގަނޑުތައް ޢާންމުން ދިރިއުޅޭ ރަށްތަކަށް ފެތުރި، ގިނަ އަދަދެއްގެ ގެދޮރު އަނދައި، ހުލިވެފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.

ވިލާތުގެ ސައިންސާ ބެހޭ އިދާރާ، އީޔޫ ސައިންސް ހަބްގެ ޖޮއިންޓް ރީސަރޗް ސެންޓަރުން ބުނީ، ވިލާތުގެ ޤައުމުތަކުގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތަކުގެ އަސަރު މި އަހަރުގެ މިހާތަނަށް 440,000 ހެކްޓަރުގެ ބިމަށް ކޮށްފައިވާ ކަމުގައެވެ. މިއީ، 2006ވަނަ އަހަރުގެ އެވުރެޖާ އަޅައިބަލާއިރު ދެގުނަ ބޮޑު ސަރަޙައްދެއް ކަމުގައި އެ އިދާރާއިން ހާމަކުރިއެވެ.

އަލިފާނުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ ޤައުމުތަކުގެ ތެރޭގައި ގްރީސް ހިމެނެއެވެ. އެ ޤައުމުގެ ރަށެއް ކަމުގައިވާ ޕާތުރާގެ ބޮޑު ސަރަޙައްދަކަށް އަލިފާންގަނޑު ފެތުރިފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. އޭގެ ތެރޭގައި ޒައިތޫނި ދަނޑުތަކުގެ އިތުރުން ޖަންގަލީގެ ބޮޑު ސަރަޙައްދެއް ހިމެނެއެވެ. އަދި، އެ ރަށުގައި ހުރި ސިމެންތި އުފައްދާ ކާރުޚާނާއެއް ވަނީ އަނދައި، އަޅިއަށްވެފައެވެ. އަލިފާންގަނޑުތައް ކޮންޓުރޯލު ނުވެ ފެތުރެން ފެށުމާ އެކު އެ ރަށުގެ ރޭލު ދަތުރުފަތުރުގެ ޚިދުމަތްތައް ވެސް ވަނީ މެދުކަނޑައިލާފައެެވެ.

އަލިފާންގަނޑުތައް ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ފެތުރެމުން ދިޔުމާ އެކު ޕާތުރާގައި ދިރިއުޅޭ 7,700އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ. މީގެ އިތުރުން ގްރީސްގެ އިރުމަތީގައި އޮތް ކީއޯސްގެ އިތުރުން ހުޅަނގުގައި އޮތް ކެފަލޮންޔާގެ ޖަންގަލިތަކުގައި ވެސް ރޯވެ، ދަނީ އަނދަމުންނެވެ. އެއީ، ފަތުރުވެރިންގެ މެދުގައި މަޤުބޫލު ދެ ރަށެކެވެ.

ސްޕެއިންގެ އެކި ކަންކޮޅުތަކުގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް ޢާންމުން ދިރިއުޅޭ ރަށްތަކަށް ފެތުރުމާ ގުޅިގެން ހިނގި ހާދިސާއެއްގައި އިތުރު މީހަކު ވަނީ މަރުވެފައެވެ. އެއީ، އަލިފާން ނިއްވުމުގެ މަސައްކަތުގައި ބައިވެރިވި ވޮލަންޓިޔަރެކެވެ. 35 އަހަރުގެ އެ މީހާ މަރުވެފައި ވަނީ ސްޕެއިންގެ ކަސްތިއްލީ އަދި ލެއޮދޮސް ސަރަޙައްދުގެ ރަށެއް ކަމުގައިވާ ނޮގަރޭޚާސްގައެވެ. އެއީ، އަލިފާންގަނޑުތަކުގެ ސަބަބުން ސްޕެއިން މަރުވި ހަ ވަނަ މީހާއެވެ. ސްޕެއިންގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، ހަށިގަނޑުގައި ރޯވެގެން ގިނަ އަދަދެއްގެ ބަޔަކަށް ފަރުވާ ދޭން ޖެހިފައިވާ ކަމުގައެވެ.

ސްޕެއިންގެ ތިމާވެއްޓާ ބެހޭ ވަޒީރު ސާރާ އާގެސަން ވިދާޅުވީ، އެ ޤައުމުގެ ބައެއް ސަރަޙައްދުތަކުގައި ފެތުރެމުން ދަނީ ބަޔަކު ގަސްދުގައި ރޯކޮށްލާފައިވާ އަލިފާންގަނޑުތަކެއް ކަމުގައި ތުހުމަތު ކުރެވޭ ކަމުގައެވެ. މަދްރިދްގެ އުތުރުން އޮތް އާވިލާ ސަރަޙައްދުގެ ޖަންގަލިތަކުގައި އަލިފާން ރޯކޮށްފައި ވަނީ އަލިފާން ނިއްވާ އިދާރާއެއްގައި މަސައްކަތް ކުރާ މީހެއް ކަމަށް ތުހުމަތު ކުރެވެއެވެ.

އެ މީހާ ހައްޔަރު ކޮށްފައިވާ ކަމަށާއި، ގަލިކިޔާ ސަރަޙައްދުގެ ރަށެއް ކަމުގައިވާ މޫކްސިޔާގެ ޖަންގަލިތަކުގައި ރޯކުރި ކަމަށް ތުހުމަތު ކުރެވޭ 63 އަހަރުގެ އަންހެނެއްގެ މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމުގައި ވެސް ސްޕެއިންގެ ފުލުހުން ބުންޏެވެ. މީގެ އިތުރުން، ސްޕެއިންގެ ދެކުނު އައްސޭރިފަށުގައި އޮތް ކާދިސް ސަރަޙައްދުގެ ޖަންގަލިތަކުގައި ރޯކޮށްލި ކަމަށް ތުހުމަތު ކުރެވޭ އިތުރު މީހަކު ހައްޔަރު ކޮށްފައިވާ ކަމުގައި ވެސް ފުލުހުން ބުންޏެވެ.