ޚަބަރު

ޔަހޫދީން ޣައްޒާގައި ހަތިޔާރެއްގެ ގޮތުގައި އެހީ ބޭނުންކުރާތީ 100އަށްވުރެ ގިނަ ޖަމްޢިއްޔާގެ ބަޔާނެއް


ފަލަސްޠީނުގެ ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ހުރަސްއަޅަމުންދާ ކަމަށް ބުނެ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތަތުގައި ޙާރަކާތްތެރިޔާ 100އަށްވުރެ ގިނަ ޖަަމްޢިއްޔާއިން ބަޔާނެއް ނެރެފިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ޣައްޒާއަށް އެއްވެސް މިންވަރަކަށް އެހީގެ ސާމާނު ވެއްދުމުގެ ޙުއްދަ ދިނުމަށް ޔަހޫދީން ވަނީ ދެކޮޅުހަދައިފައެެވެ. ނަމަވެސް މިދިޔަ މަހުގެ ތެރޭގައި ޣައްޒާއަށް ކޮންމެވެސް މިންވަރަކަށް އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ފުރުޞަތު ދިނުމާއެކު ޣައްޒާގެ ސަރަޙައްދީ ރޮނގުތައް ކައިރިއަށް ސާމާނު ހިފައިގެން އައިސް ތިބި ގިނަ ޢަދަދެއްގެ ލޮރީތައް ވަނީ ޖަމާވެފައެވެ. ޢުުރުދުނާއި މިޞްރުގެ ގުދަންތަކުގައި ޣައްޒާއަށް ނުވެއްދި ގިނަ ޢަދަދެއްގެ ސާމާނު ރައްކާކޮށްފައި އެބަހުއްޓެވެ.

އެހީ ފޯރުކޮށްދިނުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ ޖަމްޢިއްޔާތަކުން ނެރުނު ބަޔާނުގައި ބުނީ ޣައްޒާއަށް ސާާމާނު ވެއްދުމަށް ހުރަސްއަޅުމަށް ޔަހޫދީން ތަފާތު ބަހަނާތައް ދައްކަމުންދާ ކަމަށެވެ. ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް ޔަހޫދީން ބުނި ނަަމަވެސް، އެހީ ފޯރުކޮށްދޭ މައި ޖަމްޢިއްޔާތަކަށް 2 މާރިޗުން ފެށިގެން މިހާތަނަށް ޣައްޒާގެ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ ސާމާނު ބަރުކޮށްފައިވާ އެންމެ ލޮރީއެއް ވެސް ޣައްޒާއަށް ވެއްދިފައި ނުވާ ކަމަށް އެ ޖަމްޢިއްޔާތަކުން ބުނެފައިވެއެވެ. ޣައްޒާއަށް ނުވެއްދި ގިނަވެފައި ހުރި ސާމާނު ވެއްދޭނެ މަގު ދައްކައިދިނުމުގެ ބަދަލުގައި ޔަހޫދީން ދަނީ އެ މަސައްކަތުގައި ޝާމިލްވާ ޖަމްޢިއްޔާތަކަކީ އައު ޤަވާއިދުތަކެއްގެ ދަށުން އެހީ ފޯރުކޮށްދިނުމަށް ޙުއްދަ ލިބިފައިވާ ނުވާ ޖަމްޢިއްޔާތަކެއް ކަމަށް ބުނަމުން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ ޖަމްޢިއްޔާތަކަކީ އެތައް ޒަމާނެއް ވަންދެން ޣައްޒާގައި މަސައްކަތްކުރަމުންދިޔަ ޖަމްޢިއްޔާތަކެކެވެ.

ޣައްޒާއަށް އެހީގެ ސާމާނު އެތެރެކުރުމަށް ޔަހޫދީން ހުރަސްއެޅުމުގެ ސަބަބުން ޣައްޒާގެ ހަސްފަތާލުތަކުގައި ރައްޔިތުންނަށް ފަރުވާ ދިނުމަށް ބޭނުންކުރާނެ އެއްވެސް ސާމާނެއް ނެތް ކަމަށާއި، ކާނެ އެއްޗެއް ނުލިބި ބަނޑަށް ޖެހުމުގެ ސަބަބުން ޣައްޒާގެ ކުޑަކުދިންނާއި މުސްކުޅިން ހިމެނޭ ގޮތަށް ގިނަ ޢަދަދެއްގެ މީހުން ޝަހީދުވަމުންދާ ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެހީ ބެހުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއް ކަމަށްވާ އޮކްސްފެމްގެ ސިޔާސަތުތަކާ ބެހޭ އިސްވެރިޔާ، ބުޝްރާ ޚާލިދު ވިދާޅުވީ ޣައްޒާއަށް ވެއްދުމަށް ތައްޔާރުކޮށްފައި ހުރި ސާމާނުގެ ތެރެއިން 2.5 މިލިއަން އެމެރިކާ ޑޮލަރުގެ ސާމާނަކީ ޣައްޒާއަށް އެތެރެ ނުކުރެވޭ ބާވަތްތަކުގެ ސާމާނު ކަމަށް ބުނެ އެ ތަކެތި އެތެރެކުރުމުގެ ޙުއްދަ ދިނުމަށް ޔަހޫދީން ދެކޮޅުހަދާފައިވާ މުދާ ކަމަށެވެ.

އެހީ ފޯރުކޮށްދޭ ޖަމްޢިއްޔާއެއް ކަމަށްވާ އެމްއެސްއެފުން ބުނީ ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ހުރަސްއެޅުމަކީ ޔަހޫދީން ހަތިޔާރެއްގެ ގޮތުގައި އެހީ ބޭނުންކުރުމުގެ ބައެއް ކަމަށެވެ. ޔަހޫދީންނާ ގުޅުންހުރި ޣައްޒާ ހިޔުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) މެދުވެރިކޮށް ކާބޯތަކެތި ބެހުމަކީ ބަނޑުހައިހޫނުކަން ހަތިޔާރަކަށް ހެދުން ކަމަަށާއި ޔަހޫދީން ގަސްތުގައި ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސަމުންދާ ކަމަށް އެ ޖަމްޢިއްޔާއިން ބުނެފައިވއެވެ. ޖީއެޗްއެފުން އެހީ ބަހާ ސަރަޙައްދުތަކުގައި ގިނަ ޢަދަދެއްގެ މީހުންނަށް ޙަމަލާދީ ޝަހީދުކުރަމުންދާ ކަމަށް ވެސް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ. މި އަހަރުގެ މެއި މަހުގެ ފަހުކޮޅު ޖީއެޗްއެފުން އެހީގެ ސާމާނު ބަހަން ފެށިފަހުން މިހާތަނަށް 800އަށްވުރެ ގިނަ މީހުން އެ މަރުކަޒުތައް ކައިރިން ޝަހީދުކޮށްލާފައިވެއެވެ.

އެހީ ފޯރުކޮށްދޭ ޖަމްޢިއްޔާތަކުން ނެރުނު ބަޔާނުގައިި ވަނީ އެހީގެ ސާމާނު ހަތިޔާރަކަށް ހެދުން ނިމުމަކަށް ގެނައުމަށް ޔަހޫދީންނަށް މަޖުބޫރުކުރުމަށް ޔަހޫދީންނަށް ފިއްތުންތައް ކުރިމަތިކުރުވުމަށް ގޮވާލައިފައެވެ. އަދި ޣައްޒާއަށް ހުރަހެއް ނެތި އެހީގެ ސާމާނު ވެއްދޭނެ ގޮތް އިންތިޒާމްކުރުމަށް ވެސް ގޮވާލާފައިވެއެވެ.