ޚަބަރު

ފުޓްބޯޅަ ސީޒަނަށް ޓީމުތަކުން ޕްރެކްޓިސް ފަށައިފި


ސެޕްޓެމްބަރުގައި ފެށުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޓީމުތަކުން ފަރިތަކުރުންތައް ފަށައިފިއެވެ.

ސެޕްޓެމްބަރ 15 ގައި ކުޅޭ ޗެރިޓީ ޝީލްޑް މެޗުން ސީޒަން ފެށުމަށް ހަމަޖެހިފައިވާއިރު އޮޑި ސްޕޯޓްސް ކުލަބާއި ކްލަބް ގްރީންސް ސްޓްރީޓްސް އާއި ބުރު ސްޕޯޓްސް ކުލަބުން އަދި ކުލަބު އީގަލްސްއިން ވަނީ މި ހަފްތާގައި ޕްރީ ސީޒަން ފަށާފައެވެ.

ފުޓްބޯޅަ ސީޒަން ނުފެށި ދެ އަހަރު ވާން ކައިރިވެފައިވަނިކޮށް މިއަހަރު އެކި ފަހަރުމަތިން އެފްއޭއެމްގެ ކަލަންޑަރަށް ބަދަލުގެނެސްގެން އޮގަސްޓުގެ ކުރިން ސީޒަން ފެށޭގޮތް ނުވުމުން އެފްއޭއެމުން ވަނީ ލީގު ކަޕްގެ ނަމުގައި ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަތުގެ ޓީމުތައް ހިމަނައިގެން ކުރު މުބާރާތެއް ބާއްވާފައެވެ.

ޖުލައި 26 ގައި އިންތިހާބުކުރި އެފްއޭއެމްގެ އައު ހިންގާ ކޮމިޓީން ވަނީ ކަލަންޑަރަށް ބަދަލު ގެނެސްފައެވެ. މިހާރު ގެނެސްފައިވާ ބަދަލުތަކާއި އެއްގޮތަށް މުބާރާތްތައް ބާއްވަން ހަމަޖެހިފައިވާއިރު މިހާރު ކުލަބުތަކުން ތައްޔާރުވަމުން އަންނަނީ އަނެއްކާވެސް ގަލޮޅު ދަނޑުގައި ވާދަވެރި މެޗުތަކެއް ކުޅުމަށެވެ. ސީޒަން ފެށުމަށް މީގެ ކުރިން ބައެއް ކުލަބުތަކުން ވަނީ ބޮޑެތި ހޭދަތަކެއްކޮށް އައު ކުޅުންތެރިން ހޯދާ ޓީމުތައް ވަރުގަދަ ކުރުމުގެ މަސައްކަތް ކޮށްފައެވެ. އަދި ކުޅިވަރު ވުޒާރާއިން ވަނީ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުލަބުތަކަށް ކުޅިވަރު ވުޒާރާއިން ދޭން ޖެހޭ ފައިސާގެ ތެރެއިން 1.5 މިލިއަން ރުފިޔާގެތެރެއިން ކޮންމެ ކުލަބަކަށް ބައިލައްކަ ރުފިޔާވަނީ ފެބުރުއަރީމަހުގެ ތެރޭގައި ދީފައެވެ.


މާފަންނު ސްޓޭޑިއަމްގައި ޓީމުތަކުން ޕްރީސީޒަން ޕްރެކްޓިސްތައް ފަށާފައިވާއިރު 10 ޓީމާއެކު ދިވެހި ޕްރިމިއާލީގު ފަށާނީ ސެޕްޓެމްބަރު 18 ގައެވެ. މީގެ އިތުރުން އޮކްޓޫބަރު 01 ގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބާއްވާ ރީޖަނަލް ލީގު ފެށުމަށް އެފްއޭއެމުގެ ކަލަންޑަރުގައި ވަނީ ހިމަނާފައެވެ.

ލީގުގެ ގަދަ 6 ޓީމަށް އަންނަ އަހަރުގެ ލީގުން ޖާގަ ކަށަވަރުވާއިރު އެންމެ މަދުން ޕޮއިންޓް ހޯދާ ދެ ޓީމަށް ކުރީގެ ސެކަންޑް ޑިވިޝަންގެ ގޮތުން މިއަހަރުންފެށިގެން ބާއްވާ ރީޖަނަލް ލީގުގެ މާލޭ ލީގުގަށް ރެލިގޭޓް ވާނެއެވެ. ލީގުގެ 7 ވަނަ އާއި 8 ވަނައަށްދާ ދެޓީމު ކުޅެން ޖެހޭނީ މާލޭ ލީގުގެ ކޮލިފިކޭޝަން ރައުންޑުގައެވެ.

ޕްރިމިއާ ލީގުގެ އުސޫލުގައިވާގޮތުން ލީގުގެ 7 ވަނަ ޓީމާއި 8 ވަނަ ޓީމާއި، ނޯތު ލީގާއި ސެންޓްރަލް ލީގު އަދި ސައުތު ލީގާއި މާލޭ ލީގުގެ ޗެމްޕިއަންކަން ހޯދާ ޓީމުތައް ހިމެނޭ ގޮތަށް 6 ޓީމުގެ މެދުގައި ޕްރިމިއާ ލީގުގެ ކޮލިފައިންގައި ވާދަކުރަން ޖެހޭނެއެވެ. މި ކޮލިފިކޭޝަނުގެ ގަދަ 4 ޓީމު 2026/2027ގެ ލީގަށް ކޮލިފައިވާނެއެވެ.

އެފްއޭއެމުން އެކުލަވާލާފައިވާ އުސޫލުގެ ދަށުން ދެބުރަކަށް ބަލާހައިގެން މި ފަހަރު ސީޒަންގައި ކުޅޭނީ 90 މެޗެވެ.