ފަލަސްޠީނުގެ ޣައްޒާއަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތައް އެ ސަހަރުގެ އުތުރަށް ފުޅާކުޮށް، އެ ސަރަޙައްދުގައި ތިބި ފަލަސްޠީނުގެ ރައްޔިތުން ދެކުނުގެ ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރުކުރާނެ ކަމަށް ޔަހޫދީން އިޢުލާނުކުރި ފަހުން، ޣައްޒާ ސިޓީގެ ޒައިތޫން އަވަށުގައި ޖަހާފައިވާ ފޭލިގެތަކަށް ޔަހޫދީން ޙަމަލާ ދޭން ފަށައިފިއެވެ.
އެނގިފައިވާ ގޮތުގައި އޮގަސްޓު މަހުގެ 14ވަނަ ދުވަހުން ފެށިގެން ޒައިތޫނަށް ޔަހޫދީން ދެމުންދާ ވައިގެ ޙަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ. އެ ޙަމަލާތައް ގިނަ ފަހަރަށް އަމާޒު ވަނީ ގެދޮރު ގެއްލިފައިވާ ފަލަސްޠީނުގެ ރައްޔިތުން ފޭލިގެތަކުގައި ދިރިއުޅޭ ސަރަޙައްދަށް ކަމަށް ވެއެވެ. އެއާއެކު އެ ސަރަޙައްދަުގައި ދިރިއުޅޭ އެތައް ހާސް ބަޔަކަށް ވަނީ ފޭލިގެތައް ނަގައި، ދެކުނުގެ ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރުވެފައެވެ. ފާއިތުވި ދުވަސްތަކުގެ މަތިން ނަގާފައިވާ ސެޓެލައިޓް ފޮޓޮއިން އެކަން ޔަޤީންވެއެވެ.
އާންމުންގެ ގެދޮރަށާއި ޙާލުގައި ޖެހިފައިވާ މީހުން ދިރިއުޅޭ ކޭމްޕުތަކަށް ޔަހޫދީން ޙަމަލާ ދިނުމަކީ އާންމުންނާއި ހަނގުރާމަވެރިންނާ ދެމެދު ތަފާތުކުރުމެއް ނެތި ޙަމަލާ ދިނުމަށް ޔަހޫދީން ބޭނުންކުރާ އުކުޅެކެވެ. އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ޖަމްޢިއްޔާތަކާއި އދގެ ތަޖުރިބާކާރުންނާއި ޤާނޫނީ އިލްމުވެރިން ޤަބޫލުކުރާ ގޮތުގައި 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކަކީ ފަލަސްޠީނުގެ ރައްޔިތުން ނަސްލުހޭދުކުރުމަށް ޔަހޫދީން ދެމުންދާ ޙަމަލާތަކެކެވެ.
ޣައްޒާގެ އިންސާނީ ޙާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާއިރު، ޔަހޫދީންނަށް ވާގިވެރިވާ ހުޅަނގުގެ ޤައުމުތަކަށް ދަނީ ފަލަސްޠީނަށް ޙަމަލާ ދިނުމަށް ޔަހޫދީން ދައްކަމުންދާ ބަހަނާތައް ބައިނަލްއަޤްވާމީ ދުނިޔޭގެ ކުރިމަތީގައި ދިފާޢުކުރުމަށް އުނދަގޫވަމުންނެވެ. ގިނަ ޤައުމުތަކުން ދަނީ ޣައްޒާއަށް ދެމުންދާ ލާއިންސާނީ ޙަމަލާތައް ހުއްޓައިލުމަށް ގޮވާލައި، އުތުރު ޣައްޒާ ހިފައިފި ނަމަ ޣައްޒާގެ ރައްޔިތުންގެ ޙާލަތު އިތުރަށް ގޯސްވަާނެ ކަމުގެ އިންޒާރު ދެމުންނެެވެ. ޒައިތޫނަށް ދެމުންދާ ޙަމަލާތަކާއި، އެ ސަރަޙައްދުގައި ދިރިއުޅޭ މީހުން އެހެން ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރުކުރުމަކީ ޔަހޫދީންގެ އަނިޔާވެރިކަން ފުރިހަމައަށް ދޭހަކޮށްދޭ ޢަމަލުތަކެކެވެ.
ޒައިތޫނުގައި ފޭލިގެތައް ޖަހައިގެން މީހުން ދިރިއުޅޭ ގާތްގަނޑަކަށް 11 ވަރަކަށް ވަގުތީ ހިޔާ ހުރެއެވެ. އެއިން ކޮންމެ ތަނެއްގައި 4،500އެއްގާ މީހުން ދިރިއުޅެއެވެ. މި އެންމެން ދިިރިއުޅެނީ އެންމެ 3.2 އަކަކިލޯމީޓަރުގެ ސަރަޙައްދެއްގައެވެ. އެއީ ޢުދުވާނުގެ ކުރިން މީހުން ދިރިއުޅެމުންދިޔަ ސަރަޙައްދުގެ އެންމެ 32 އިންސައްތައެވެ.
ޢުދުވާން ފެށި ދުވަސްވަރު ޔަހޫދީން ވަނީ ޒައިތޫންގެ އެތެރޭގައި އަދި ވަށައިގެންވާ ބައެއް ސަރަޙައްދުތަކުގައި ހަންދަގުތައް ކޮނެ، އެއީ ބަފަރު ޒޯންތަކުގެ ގޮތުގައި ކަނޑައަޅައިފައެވެ. ޣައްޒާ ދެ ޒޯނަކަށް ބައިކޮށްލި ނެތުރާޒިމް ކޮރިޑޯ ވެސް ޤާއިމުކޮށްފައި ވަނީ އެ ސަރައްޙައްދުގައެވެ.
ޒައިތޫނަށް މިހާރު ދެމުންދާ ޙަމަލާތަކުގެ ސަބަބުން އެ ސަރަޙައްދުގައި ތިބި އާއްމުން ދެކުނުގެ ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރުވެފައިވިއިރު، ޣައްޒާގައި ހުރި މީހުންނަށް ދިރިއުޅެވޭފަދަ އެންމެހާ އިމާރާތްތަައް ޔަހޫދީން ސުންނާފަތިކުރަމުން ދިޔުމަކީ ޣައްޒާގެ ރައްޔިތުން ނަސްލުހޭދުކުރުން ކަމަށް ބުނެވިދާނެއެވެ. ސީދާ ގޭބިސީއަކަށް އަމާޒުކޮށް ޔަހޫދީން ޒައިތޫންގައި ރޮކެޓު ޙަމަލާދޭ މަންޒަރު ފެންނަ ފޮޓޮއާއި ވީޑިޔޯ ވެސް ފެންނަން އެބަހުއްޓެވެ. އެ ޙަމަލާގެ ސަބަބުން އެ އިމާރާތް ވަނީ ބިމާ ހަމަވެފައެވެ. އެއީ އެ އިމާރާތުގައި ދެން މީހަކަށް ހިޔާވަހިކަން ނުހޯދޭނެކަން ޔަޤީން ކުރުމަށް ދީފައިވާ ޙަމަލާއެއް ކަމަށް ބެލެވެއެވެ.
ޒައިތޫންގެ އެހެން އިމާރާތްތަކަށް ވެސް ޔަހޫދީން ދަނީ މި ފަދަ ޙަމަލާތައް ދެމުންނެވެ. އެ ގޮތުން އޮގަސްޓު މަހުގެ 11ވަނަ ދުވަހާއި 16ވަނަ ދުވަހާ ދެމެދު އެ އަަވަށުގައި ހުންނަ އަލް-ފަލާޙް މަދަރުސާއާއި އަލް-ލަބަބީދީ ސްޓްރީޓްގައި ހުންނަ ފޭލިގެ ކޭމްޕަކަށް ވެސް މި ފަދަ ޙަމަލާތައް ދީފައިވެއެވެ. އޭގެ އިތުރުން ނަޞްރު އަވަށުގައި ހުންނަ މާޖިދާ އަލް-ވާސިލާ މަދަރުސާއާއި ޝައިޚް އަޖިލިން އަވަށުގައި ހުންނަ ފޭލިގެ ކޭމްޕުތަކަށް ވެސް ޔަހޫދީން ޙަމަލާ ދީފައިވެއެވެ. މި ފަދަ ތަންތަނަކީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކުގެ ދަށުން ހިމާޔަތް ލިބޭ އިމާރާތްތަކަށްވިއިރު، އަދި އެ ތަންތަނަކީ ޣައްޒާގެ އެތައް ހާސް ރައްޔިތުންނަށް އޮތް ފަހު ހިޔާވަހިކަމަށްވިއިރު، މި ތަންތަނަށް ޙަމަލާ ދިނުމަކީ ހަނގުރާމައިގެ ޖަރީމާއަކަށް އަދި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާއެއްގެ ގޮތުގައި ބެލިދާނެއެވެ.