ޚަބަރު

އައިޓީއެފް ޓެނިސް މުބާރާތަކީ ރާއްޖޭގެ ޓެނިސް ކުރިއެރުވުމަށް ލިބޭ ބޮޑު ފުރުސަތެއް: ވަޒީރު ރާފިޢު


‎ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ އައިޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަން މުބާރާތަކީ ރާއްޖޭގެ ޓެނިސް ކުރިއެރުވުމަށް ލިބޭ ބޮޑު ފުރުސަތެއްކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

‎މި މުބާރާތުގެ މުހިންމުކަން ފާހަގަކުރަމުން ކުޅިވަރު ވަޒީރު ވަނީ ފުރަތަމަ ފަހަރަށް އައިޓީއެފް އެޕްރޫވްޑް މުބާރާތެއް ރާއްޖޭގައި ބޭއްވޭތީ އެކަމުގެ ހިތްހަމަ ޖެހުން ފާޅުކުރައްވާފައެވެ. އަދި މި މުބާރާތަކީ ދިވެހިރާއްޖޭގެ ޓެނިހުގެ ކުރިއެރުމަށް ބޮޑު ފުރުސަތެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

‎އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް)ގެ އެފިލިއޭޝަންއާއެކު ރާއްޖޭގައި ބާއްވާ ފުރަތަމަ މުބާރާތުގައި 26 ގައުމަކުން 104 ކުޅުންތެރިން އަންނަނީ ވާދަކުރަމުންނެވެ.

‎އައިޓީއެފްގެ މޯލްޑިވްސް އޯޕަން ޖޭ 30ގައި ފިރިހެން ޑިވިޝަނުގައި 20 ގައުމަކުން 57 ކުޅުންތެރިން ވާދަކުރާއިރު އަންހެން ޑިވިޝަނުގައި 15 ގައުމެއްގެ 47 ކުޅުންތެރިން އަންނަނީ ވާދަކުރަމުންނެވެ.

‎މުބާރާތުގައި މިހާތަނަށް ދިވެހި ކުޅުންތެރިން ނެރެފައިވާ ނަތީޖާތަކަށް ބަލާއިރު، އަންހެން ޑިވިޝަންގެ ގަދަ 16 އިން ރާއްޖޭގެ ތިން ކުޅުންތެރިއަކުވަނީ ޖާގަ ހޯދާފައެވެ. މި ތިން ކުޅުންތެރިންގެ ތެރެއިން މަންހާ މުޙައްމަދު އަލީ ގަދަ 16 އިން ޖާގަ ހޯދީ މުބާރާތުގެ އެންމެ ރޭންކިން ރަނގަޅު ކުޅުންތެރިޔާ ކަޒަކިސްތާންގެ ޓަމާރާ އަމަކޯވާ ބަލިކުރުމަށްފަހުގައެވެ.

‎ރާއްޖޭގެ ނަބާ ނިޝާން ވަނީ އިންޑިއާގެ ޖާންވީ ޗޯދަރީ ބަލިކޮށް ގަދަ 16
އިން ޖާގަ ހޯދާފައެވެ. މަންހާ އާއި ނަބާގެ އިތުރުން ދެން ގަދަ 16 އިން ޖާގަ ހޯދި ދިވެހި ކުޅުންތެރިޔަކީ ނަޔާރާ އުސާމާ އަލީއެވެ. އޭނާ ވަނި ރަޝިޔާގެ ވެރޮނިކާ ބަލިކޮށްފައެވެ.

މުބާރާތް ފެއްޓުމުގެ ކުރިން ހުރިހާ ކުޅުންތެރިންނަށް މަރުހަބާ ކިއުމަށް ބޭއްވި ހަފްލާ ކުޅިވަރު ވަޒީރު ވަނީ ޝަރަފުވެރިކޮށްދެއްވާފައެވެ. އަދި ރާއްޖޭގެ ކުޅުންތެރިންނަށް ވަޒީރު ވަނީ ހިތްވަރު ދެއްވާފައެވެ.