ޚަބަރު

ފުލުހުންގެ ކޮމާންޑަރަކު ފުލުހަކަށް ޤާނޫނާޚިލާފު އަމުރެއް ނުކުރާނެ


މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތްކުރައްވާ އެއްވެސް ކޮމާންޑަރަކު އެއްވެސް ފުލުހަކަށް ޤާނޫނާ ޚިލާފު އަމުރެއް ނުކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އަބަދުވެސް އޮންނަކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ މެނޭޖްމަންޓް ބޯޑުގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ވިދާޅުވީ ފުލުހުންނަކީ ޤާނޫނީ މަސައްކަތްތަކަކާއި ޤައުމީ ޚިދުމަތުގެ ވަރަށް ފުރިހަމަ ވާޖިބެއް އަދާކުރަމުންދާ ބައެއް ކަމަށެވެ. އެހެންކަމުން ކޮންމެ ފުލުހަކުވެސް މަސައްކަތް ކުރަމުންދާނީ ޤާނޫނީ އިމުގެ ތެރެއިން އަދި ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި ކޮންމެ ކޮމާންޑަރަކުވެސް ފުލުހުންގެ މަސައްކަތްތައް އެގޮތުގެމަތީން ކަށަވަރު ކުރައްވަންވާނެ ކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވެފައިވެއެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ފުލުހުންގެ ތެރޭގައި އޮންނަ އެއްބައިވަންތަކަމާއި ވަރުގަދަ ގުޅުމަކީ ކޮންމެ ކޮމާންޑަރަކުވެސް އުފާކުރައްވަންޖެހޭ ކަމެއް ކަމަށާއި، ފުލުހުންގެ މަސައްކަތުގެ އެންމެ ބޮޑު ކާމިޔާބީއަކީވެސް ހުރިހާ ފުލުހުންނާއި މުވައްޒަފުން އެކަތިގަނޑަކަށްވެ، އެއް ރޫޙެއްގައި މަސައްކަތްކުރުން ކަމަށެވެ. އަދި އެގޮތުގައި އެކަން ދަމަހައްޓަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމަށެވެ. ޚާއްޞަ ގޮތެއްގައި ފުލުހުންގެ ސަފުތަކުގެ ބަދަހިކަން ނަގާލައި ބައިބައިވުން އުފެދޭ ގޮތަށް މުޖުތަމަޢުގައި ކުރެވެމުންދާ މަސައްކަތްތަކަށް ބަލައި، އެކަންކަން ހުއްޓުވަން ކުރަންޖެހޭ މަސައްކަތްތައް ކޮންމެ ކޮމާންޑަރަކުވެސް އަދި ކޮންމެ ވެރިޔަކުވެސް މަސައްކަތް ކުރައްވަން ޖެހޭނެކަމަށް ވިދާޅުވިއެވެ. މިގޮތުން ކޮންމެ ކޮމާންޑަރަކީވެސް ފުލުހުންނާއި މުވައްޒަފުންނާ ގާތުން މަސައްކަތްކޮށް، މުވައްޒަފުންގެ މަސައްކަތްތައް ބައްލަވައި މޮނިޓަރ ކުރައްވަންޖެހޭ ބޭފުޅެއް ކަމަށާއި އެއްވެސް ކޮމާންޑަރަކަށް އެނގިވަޑައިނުގެން ހަމަ އެއްކަމެއްވެސް ކުރެވިގެން ނުވާނެ ކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ވިދާޅުވެފައިވެއެވެ.