ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ ހަތަރު ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އެ ޤައުމުގެ ކޯޓަކުން މުއްދަތު ޖަހައިފިއެވެ. ކޯޓުން ވަނީ އޮގަސްޓު މަހުގެ 26ވަނަ ދުވަހާ ހަމައަށް އޭނާ ޖަލުގައި ބަންދުކުރުމަށް އަމުރުކޮށްފައެވެ. މިއީ ސްރީ ލަންކާގައި ރައީސްކަން ކުރެއްވި ބޭފުޅެއް ހައްޔަރު ކުރި ފުރަތަމަ ފަހަރެވެ.
ވިކްރަމަސިންހަ ހައްޔަރުކޮށްފައި ވަނީ ސްރީ ލަންކާގެ ފުލުހުންގެ މައި ތަޙުޤީޤީ އިދާރާ، ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ)ން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. ސްރީ ލަންކާގެ ނޫސްތަކުން ބުނީ، ވިކްރަމަސިންހަ ހައްޔަރުކޮށްފައި ވަނީ، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރެއްވުމުގެ ކުށުގެ ތުހުމަތުގައި ކަމުގައެވެ.
ސީއައިޑީން ތަޙުޤީޤު ކުރަމުން ދަނީ، ރައީސް ކަމުގެ މަޤާމުގެ ދައުރުގައި އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް ކުރެއްވި އަމިއްލަ ދަތުރުފުޅަކާ ގުޅޭ މައްސަލައެއް ކަމުގައި ރިޕޯޓުތައް ބުނެއެވެ. މިއަދު ހެނދުނުގެ ވަގުތެއްގައި ވިކްރަމަސިންހަ ވަނީ ސްރީ ލަންކާގެ ފައިނޭންޝަލް ކްރައިމްސް އިންވެސްޓިގޭޝަން ޑިވިޜަން (އެފްސީއައިޑީ)އަށް ހާޒިރުވެ ވަޑައިގަންނަވައި، ތަޙުޤީޤަށް ބޭނުންވާ ބަޔާނެއް ދެއްވާފައެވެ.
ސީއައިޑީގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ރިޕޯޓުގައިވާ ގޮތުން، ވިކްރަމަސިންހަ ލަންޑަނަށް ވަޑައިގަންނަވާފައި ވަނީ، އޭނާގެ އަނބިކަނބަލުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ. އެ ދަތުރުފުޅަށް ވިކްރަމަސިންހަ ދައުލަތުގެ ފައިސާއިން 16.9 މިލިޔަން ސްރީ ލަންކަން ރުޕީސް، ނުވަތަ ގާތްގަނޑަކަށް 58,176 އެމެރިކާ ޑޮލަރު ޚަރަދު ކުރައްވާފައިވާ ކަމުގައި ވެސް އެ ރިޕޯޓުގައި ތުހުމަތު ކޮށްފައިވެއެވެ.
އެއީ، 2023ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ވިކްރަމަސިންހަ ކުރައްވާފައިވާ ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގައި އޭނާގެ އަރިހުގައި އިތުރު 10 ބޭފުޅަކު ވަޑާއިގަންނަވާފައިވާ ކަމުގައި ވެސް ސީއައިޑީގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ. ވިކްރަމަސިންހަ ލަންޑަނަށް ވަޑައިގަންނަވާފައި ވަނީ ކިޔުބާއާއި އެމެރިކާއަށް ކުރައްވަމުން ގެންދެވި ދަތުރުފުޅެއްގެ މެދުތެރެއިން ކަމުގައި ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.