ސޫރިޔާއާއި ޒަޔަނިސްޓު ދައުލަތް ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮތް ސޫރިޔާގެ ބިމަކަށް ޔަހޫދީން އަތްގަދަ ކޮށްފިއެވެ. ސޫރިޔާއިން ބުނީ، ޙަރްމޫން ފަރުބަދަ ކައިރީގައި އޮތް ބިމަކަށް ޔަހޫދީ ފައުޖުގެ ނިރުބަވެރި 60އެއްހާ ސިފައިން ފޮނުވައި، އެ ސަރަޙައްދު ޔަހޫދީންގެ އަތްދަށަށް ގެންގޮސްފައިވާ ކަމުގައެވެ. އަދި، އެއީ ސޫރިޔާގެ ސިޔާދަތީ މިނިވަން ކަމާއި އިސްތިޤުލާލަށް އަރައިގަނެ، ހިންގާފައިވާ ޖަރީމާއެއްގެ ގޮތުގައި ސޫރިޔާގެ ސަރުކާރުން ސިފަ ކުރިއެވެ.
ނިރުބަވެރި ޖަމާޢަތެއް ކަމުގައިވާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސު)ން ސޫރިޔާގައި ޤާއިމު ކޮށްފައިވާ ސަރުކާރުން ބުނީ، ޔަހޫދީން ޙަރްމޫން ފަރުބަދަ ކައިރީގައި އޮތް ސަރަޙައްދެއް ފޭރިގަތުމާ އެކު، ސަރަޙައްދީ ސުލްޙައާއި ސަލާމަތަށް ނުރައްކާވެފައިވާ ކަމުގައެވެ. ނަމަވެސް، ޔަހޫދީ ފައުޖުން ވަނީ އެ ސަރަޙައްދަށް އަތްގަދަ ކޮށްފައިވާ ކަން ދޮގު ކޮށްފައެވެ. ޔަހޫދީން ބުނީ، ސޫރިޔާގެ ދެކުނުގައި އޮތް ބަޔިތު ޖިން ސަރަޙައްދަށް ސިފައިން ފޮނުވާފައި ނުވާނެ ކަމުގައެވެ. އަދި، ޔަހޫދީ ސިފައިން އޮޕަރޭޝަނެއް ހިންގުމަށް ފޮނުވާފައި ވަނީ ލުބްނާންގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮތް ސަރަޙައްދަކަށް ކަމުގައި ވެސް ޔަހޫދީ ފައުޖުން ބުންޏެވެ.
ސޫރިޔާގެ އިތުރު ބިމަކަށް ޔަހޫދީން އަތްގަދަ ކޮށްފައި މި ވަނީ، އެޗްޓީއެސްގެ ސަރުކާރާއި ޔަހޫދީންނާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަން ޙައްލު ކުރުމަށް އެމެރިކާއިން އިސްނަގައިގެން ދެ ފަރާތުގެ ދެމެދުގައި މަޝްވަރާތަކެއް ބާއްވަމުންދާ ދަނޑިވަޅެއްގައެވެ. ސޫރިޔާގެ ދެކުނުގެ ބައެއް ސަރަޙައްދުތަކުގައި ޔަހޫދީ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. އެއީ، ސޫރިޔާ ސިޔާދަތީ މިނިވަންކަމަށް ބެލުމެއް ނެތި ހިންގަމުންދާ ޖަރީމާއެކެވެ.
ޔަހޫދީ ސިފައިން ސޫރިޔާގެ ބައެއް ސަރަޙައްދުތަކަށް އަރައިގަނެފައި ވަނީ، އެޗްޓީއެސުން ހިންގި އަސްކަރީ ބަޣާވާތެއްގައި ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދުގެ ވެރިކަން ވައްޓައިލުމާ ގުޅިގެން، އެ ދަނޑިވަޅުގެ ބޭނުން ހިފައިގެންނެވެ. އެއީ، 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ. ސޫރިޔާގެ ދެކުނުގެ ބިންތަކުން ފޭބުމަށް ޔަހޫދީ ސިފައިން ދަނީ އިންކާރު ކުރަމުންނެވެ.
ސޫރިޔާގެ ޚާރިޖީ ވުޒާރާއިން ބުނީ، ބަޔިތު ޖިން ކައިރީގައި އޮތް އުސް ބިމަކަށް ޔަހޫދީ ސިފައިން އަރައި، ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ ކަމުގައެވެ. އަދި، އެ ސަރަޙައްދުން ސޫރިޔާގެ ހަ ރައްޔިތަކު ހައްޔަރު ކޮށްގެން ގެންގޮސްފައިވާ ކަމުގައި، އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން ބުންޏެވެ. ނަމަވެސް، ޔަހޫދީ ފައުޖުން ވަނީ އެ ކަން ވެސް ދޮގު ކޮށްފައެވެ. "މިއީ ސީދާ އަސްކަރީ ހަރަކާތެއްގެ ގޮތުގައި ދެކެން، އަދި މި ކަމުގެ ސަބަބުން ސަރަޙައްދީ ސުލްޙައާއި ސަލާމަތަށް ނުރައްކާވެއްޖެ،" ސޫރިޔާގެ ޚާރިޖީ ވުޒާރާއިން ބުންޏެވެ.
އެޗްޓީއެސްގެ ސަރުކާރާއި ޔަހޫދީންނާ ދެމެދު ބާއްވަމުންދާ ނުރަސްމީ މަޝްވަރާތައް ވިލަރެސް ކުރަނީ އެމެރިކާއިންނެވެ. މި ހަފުތާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްޞަ މަންދޫބު ތޮމަސް ބަރާކް ވަނީ ދިމިޝްޤަށް ދަތުރު ކުރައްވައި، އެޗްޓީއެސް ސަރުކާރުގެ ރައީސް އަޙްމަދު އަލް-ޝަރާޢާ ބައްދަލު ކުރައްވައި، މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ. އޭގެ ކުރިން އޭނާ ވަނީ ޒަޔަނިސްޓު ދައުލަތަށް ވެސް ވަޑައިގަންނަވާފައެވެ.