އަފްޣާނިސްތާނުގެ ރައްޔިތެއް ކަމަށްވާ މީރު ސަލާމް ޚާންގެ އަންހެނުންނާއި ތިން ދަރިން ވަނީ އެ ޤައުމުގެ ފަރުބަދަމަތީ ސަރަޙައްދެއް ކަމަށްވާ ކުނާރަށް އައި ބިންހެލުމެއްގައި މި ދުނިޔެ ދޫކޮށްފައެވެ. ރެކްޓަރ މިންގަނޑުން 6އެއްގެ ބާރުމިނުގައި އައި އެ ބިންހެލުމުގެ ސަބަބުން އެ ސަރަޙައްދުގެ އެތައް ގެއެއް ވަނީ ހަލާކުވެ ގޮސްފައެވެ.
ކުނާރުގެ މަޒަރު ދާރާ އަވަށުގައި ދިރިއުޅޭ އުމުރުން 65 އަހަރުގެ މީރު ސަލާމް ބުނީ އޭނާގެ ލޯބިވާ ޢާއިލާ މެންބަރުން ވަޅުލާފައި ވަނީ އެ މީހުންގެ ހަށިތަކުގެ މަތީގައި ފިލާގަނޑެއް ބާއްވައި ސަތަރިއަޅައިގެން ކަމަށެވެ. ބިންހެލުމުގައި މުޅި ސަރަޙައްދަށް ބޮޑެތި ގެއްލުންތައް ލިބުނުއިރު، މީރު ސަލާމުގެ ޢާއިލާގެ މެންބަރުންގެ ހަށިތަކުގެ މައްޗަށް ސީދާ ފަސް އަޅައި ވަޅުލުން ނޫން ގޮތެއް ހޯދުމަށް އޭނާއަށް ފެނުނު ހަމައެކަނި މަގަކީ އެއީއެވެ. އޭނާގެ ދެ ދަރިންގެ ހަށިތައް އަދިވެސް ވަނީ އޭނާ ދިރިއުޅެމުން ދިޔަ ގޭގެ ދަށުގައި ތާށިވެފައެވެ. އެ ކުދިންގެ ހަށިތައް ނެގޭނެ ގޮތެއް ނެތެވެ. މީރު ސަލާމް ހުރީ ގޮތްހުސްވެފައެވެ.
އޮގަސްޓު މަހުގެ 31ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި ބިމުގެ ސަތަހައާ ކައިރިން އައި މި ބިންހެލުމަކީ ފާއިތުވި އަހަރުތަކުގައި އަފްޣާނިސްތާނަށް އައިސްފައިވާ އެންމެ ބާރުގަދަ ބިންހެލުމެވެ. އެ ބިންހެލުމުގައި 1،400އަށްވުރެ ގިނަ މީހުން މަރުވެ، 5،000 ގެއެއް ވަނީ ބިމާ ހަމަވެފައެވެ. މި ޙާލަތުގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމުގައި އަފްޣާސްނިތާނުގައި ވެރިކަންކުރާ ޠާލިބާނު ސަރުކާރަށް ވަނީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައެވެ. އެއީ މޫސުން ގޯސްވުމުގެ ސަބަބުންނާއި ބިންހެލުން އައި ސަރަޙައްދުގެ ފަސްގަނޑު އޮންނަ ގޮތުންނެވެ.
އަފްޣާނިސްތާނަކީ މުސްލިމު އާބާދީ ބޮޑު ޤައުމަކަށްވިއިރު، އެ ޤައުމުގައި މައްޔިތުން އާއްމުކޮށް ވަޅުލަނީ ކަފުން ލައި ކަށްވަޅަށް ތިރިކުރުމަށްފަހު އޭގެ މަތީގައި ސިމެންތި އައްޓެއް އަޅައިގެންނެވެ. ބިންހެލުން އައި ސަރަޙައްދުގައި ތަކެތި ލިބުމުގައި ބޮޑެތި ދަތިތައް ހުރުމުގެ އިތުރުން ގިނަ ޢަދަދެއް ގެދޮރު ސުންނާފަތިވެފައި ވާތީ ހާދިޘާގައި މަރުވި ގާތްތިމާގެ މީހުން ވަޅުލުމަށް އަތުޖެހުނު ކޮންމެ އެއްޗެއް ބޭނުން ކުރުމަށް މީރު ސަލާމް ފަދަ ސަލާމަތްވި މީހުންނަށް ވަނީ މަޖުބޫރުވެފައެވެ.
އަފްޣާނިސްތާނުގެ އުމުރުން 45 އަހަރުގެ ރައްޔިތެއް ކަަމަށްވާ ޔޫނުސް ޚާން ބުނީ އޭނާގެ ޙަޔާތުގައި ވެސް އެހާ ބާރުގަދަ ބިންހެލުމެއް އަފްޣާނިސްތާނަށް އައިސްފައި ނުވާ ކަމަށެވެ. ބިންހެލުމުގައި އޭނާގެ ޢާއިލާގެ 12 މެންބަރުން މަރުވެފައިވާއިރު، އޭގެ ތެރޭގައި އޭނާގެ ތިން ދަރިން ވެސް ހިމެނެއެވެ. ބިންހެލުމުގެ ހާދިޘާގައި ސަލާމަތްވީ ދެ ދަރިންނެވެ. އޭނާއާއި އޭނާގެ ދެ ދަރިން ވެސް ތިބީ އެ މީހުން ދިރިއުޅޭ ފަރުބަދަމަތީ ގޭގައި ތާށިވެފައެވެ. ގެ ވަނީ ސުންނާފަތިވެފައެވެ.
“އަހަރެމެންގެ ހުރިހާ މުދަލެއް ގެެއްލިއްޖެ، ދަރިންތައް ޝަހީދުވެއްޖެ. މި އައި ބިންހެލުމުގައި އަހަރެމެންނަށް ސަލާމަތްވާން މަސައްކަތްކުރާނެ ފުރުޞަތެއް ނުލިބޭ. ފުރަތަމަ ހެލުމާއެކު ވެސް މުޅި އަވަށް ވަނީ ސުންނާފަތިވެފައި،” ޔޫނުސް ބުންޏެވެ.
އެ ސަރަޙައްދުގައި ފަރުބަދަ މަތީގައި ޖަހާފައިވާ އެންމެ ފޭލިގެއެއްގައި ހަ ޢާއިލާއެއް ދަނީ ދިރިއުޅެމުންނެވެ. ބޯވާރޭގެ ސަބަބުން ފޭލިގެތައް ވަނީ އަރިއަޅާލައިފައެވެ.
“ރޭގައި މި ސަރަޙައްދަށް ވަރަށް ބޯކޮށް ވާރޭ ވެހުން. މި ސަރަޙައްދަށް އެއްވެސް ހިޔާވަހިކަމެއް ނުލިބޭ. ހައެއްކަ ޢާއިލާ ތިބީ އެއް ފޭލިގޭގެ ތެރޭގައި. ބޭނުންކުރާނެ އެއްވެސް އެއްޗެއް ނެތް. ވަޅުނުލެވި ހުރި މައްޔިތުންގެ ހަށިތައް ވެސް ހުރީ ބޯ ވާރޭގެ ތެރޭގައި،” ޔޫނުސް ބުންޏެވެ.
އެ ސަރަޙައްދުގައި ދިރިއުޅޭ މީހުން ދަނީ ގޭގޭގެ ދަށުވެފައިވާ މީހުން ހޯދުމަށް އެއްވެސް އިތުރު އާލާތެއް ބޭނުން ނުކޮށް އަމިއްލަ އަަތުން ގާތައް އުފުލައި މީހެއްގެ ހިލަމެއް ވޭތޯ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތުގައި ޙަރަކާތްތެރިވާ މީހަކު ބުނީ ގިނަ ޢަދަދެއްގެ ހަށިތައް އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށެވެ. އެތައް ބަޔަކަަށް އަނިޔާތައް ލިބިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. އިތުރު ލޮޅުންތައް އިރުއިރު ކޮޅައި އަންނަމުންދާއިރު، އެ ސަރަޙައްދުގެ މީހުން ގެދޮރު ދޫކޮށްލައި، މިހާރު ދިރިއުޅެމުންދަނީ އެ ސަރަޙައްދުގެ ދަނޑުތަކާއި ބަގީޗާތަކުގައި ކަމަށް އޭނާ ބުންޏެވެ.
ބިންހެލުމަށް ފަހު މި އެކަހެރި ސަރަޙައްދަށް އެހީތެރިން ފޯރަން ފަށާފައި ވަނީ އަދިކިރިޔާއެވެ. އަނިޔާވެފައިވާ މީހުން އުފުލުމަށް އެ ސަރަޙައްދުގައި ހެލިކޮޕްޓަރުތައް ދަނީ ޙަރަކާތްތެރިވަމުންނެވެ.
އަފްޣާނިސްތާނުގެ ދިފާޢީ ވުޒާރާއިން ބުނީ ފާއިތުވި ދެ ދުވަހުގެ ތެރޭގައި އެ ޤައުމުގެ ވައިގެ އަސްކަރިއްޔާއިން 1،900އަށްވުރެ ގިނަ މީހުން 155 ދަތުރެއްގެ މަތިން އެހެން ސަރަޙައްދުތަކަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އަނިޔާވެފައިވާ އެތައް ސަތޭކަ މީހުން ހިމެނެއެވެ. ވައިގެ އަސްކަރިއްޔާއިން ވަނީ 10،000 ކިލޯގެ އެހީގެ ސާމާނު އެ ސަރަޙައްދަށް ފޯރުކޮށްދީފައެވެ.
ދެ ޓެކްޓޯނިކް ޕްލޭޓް އޮންނަ ސަރަޙައްދެއްގައި އޮންނަ އަފްޣާނިސްތާނަކީ ދޭތެރެދޭތެރެއިން ބިންހެލުންތަކާ ކުރިމަތިލާން ޖެހޭ ޤައުމެކެވެ. 2022ވަނަ އަހަރު އައި ބާރުގަދަ ބިންހެލުމެއްގައި ހާހެއްހާ މީހުން މަރުވެފައިވެއެވެ. އޭގެ ފަހުން 2023ވަނަ އަހަރު އައި ލޮޅުންތަކެއްގައި އެ ޤައުމުގެ ހިރާތުގެ ބައެއްް އަވަށްތައް ވަނީ ސުންނާފަތިވެފައެވެ. މި އަހަރު ވެސް ހަތަރު ލޮޅުމެއް އެ ޤައުމަށް އައިސްފައިވެއެވެ.
ފަޤީރުކަމާއި ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ އަފްޣާނިސްތާނަށް ކުރިމަތިވާ މި ފަދަ ޤުދުރަތީ ކާރިޘާތަކުގެ ސަބަބުން އެ ޤައުމުގެ ޙާލަތު ދަނީ އިތުރަށް ގޯސްވަމުންނެވެ. އދން ބުނީ ފަހުގެ ބިންހެލުން އައުމުގެ ކުރިން ވެސް އަފްޣަނިސްތާނުގެ އާބާދީގެ ދެބައިކުޅަ އެއްބައި، ނުވަތަ 40 މިލިޔަނަށްވުރެ ގިނަ މީހުންނަކީ އެހީތެރިކަމަށް ބޭނުން ޖެހިފައިވާ މީހުން ކަމަށެވެ.