ޚަބަރު

އެމްސީޖީއެޗް އޮޕްޓިކަލްސް: މިހާތަނަށް 800 އަށްވުރެ ގިނަ މީހުންނަށް އައިނު ދޫކޮށްފި


  • އައިނު ނަންބަރު ނެގުމަށް 1691 މީހުން ނަން ނޯޓުކޮށްފައި

  • 1105 އައިނު ތައްޔާރުކުރަމުންދަނީ

އައިޖީއެމްއެޗްގައި ޤާއިމުކުރި އެމްސީޖީއެޗް އޮޕްޓިކަލްސްއިން މިހާތަނަށް 800 އަށްވުރެ ގިނަ މީހުންނަށް އައިނު ދޫކޮށްފައިވާކަމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްއިން ވިދާޅުވެއްޖެއެވެ.

އެމްސީޖީއެޗް އޮޕްޓިކަލްސްގެ ޚިދުމަތަކީ، އާސަންދައިގެ ދަށުން ހިލޭ އައިނު ހެއްދުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ސަރުކާރުން ޤާއިމްކުރި އައިނު ފިހާރައެކެވެ.

އެމްސީޖީއެޗް އޮޕްޓިކަލްސްގެ ޚިދުމަތަކީ، އާސަންދައިގެ ދަށުން އަގުހެޔޮކޮށް އައިނު ހެއްދުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންވާ ވަޢުދުފުޅުގެ ދަށުން ފެށި ޚިދުމަތެކެވެ. މި ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ފައްޓަވައިދެއްވީ ޖުލައި މަހުގެ 27 ވަނަ ދުވަހުއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައިޖީއެމްއެޗްއިން ވިދާޅުވީ އައިނު ފިހާރަ ހުޅުވި ފަހުން މިހާތަނަށް 2994 މީހުން ޚިދުމަތް ހޯދާފައިވާކަމަށެވެ. އަދި 1899 އައިނު ތައްޔާރުކޮށްފައިވާކަމަށާއި މިހާތަނަށް 810 ފަރާތަކަށް އައިނު ދޫކޮށްފައިވާކަމަށް އައިޖީއެމްއެޗްއިން ވިދާޅުވިއެވެ. މީގެ އިތުރުން 1105 އައިނު ތައްޔާރު ކުރަމުންދާކަމަށާއި، އައިނު ނަންބަރު ނެގުމަށް 1691 މީހުން ނަން ނޯޓުކޮށްފައިވާކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.

އައިނަކީ އާންމު ދިރިއުޅުމަށް މުހިންމު އެއްޗަކަށްވާއިރު އައިނު ހެއްދުން ވެފައިވަނީ ރާއްޖޭގައި ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަކަށެވެ.

ރައްޔިތުންގެ މިތަކުލީފަށް ލުޔެއް ހޯދައިދެއްވުމުގެ ގޮތުން އައިޖީއެމްއެޗްގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލުގައިވެސް އައިނު ފިހާރައެއް މިހާރު ވަނީ ހުޅުވާފައެވެ. މި ޚިދުމަތް ކުރިއަށް އޮތްތަނުގައި އަތޮޅުތަކުގެ ރީޖަނަލް ހޮސްޕިޓަލްތަކާއި ހަމައަށް ގެންދިޔުމަށް އަންނަނީ މަސައްކަތް ކުރަމުންނެއެވެ.

ސަރުކާރުގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުން މިހާތަނަށް އައިނު ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދީފައިނުވެއެވެ. އެހެންނަމަވެސް ހެލްތު އިންޝުއަރެންސްގެ ތެރެއިން ރައްޔިތުންނަށް އައިނު ހެއްދުމަށް އިންޝުއަރެންސެއް ދެމުންދެއެވެ. އެގޮތުން ފުރަތަމަ ދެމުން ގެންދިޔައީ ކޮންމެ ދެއަހަރުން އެއް އަހަރު 1000 ރުފިޔާގެ އެހީތެރިކަމެކެވެ. އެހެންނަމަވެސް މިހާރު 2000 ރުފިޔާގެ އިންޝުއަރެންސެއް ދެއްވުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.

އާސަންދައިގެ ތަފާސްހިސާބުތަކަށް ބަލާއިރު ނިމިދިޔަ 2024 ވަނަ އަހަރުގެ ތެރޭގައި އައިނު ހެއްދުމަށް 36000 އަށްވުރެ ގިނަ މީހުންނަށް އާސަންދައިގެ ތެރެއިން 36 މިލިޔަނަށްވުރެ ގިނަ ރުފިޔާވަނީ ދޫކޮށްފައެވެ.