ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ އިސްވެރިންނަށް އަމާޒުކޮށް ޔަހޫދީން ޤަޠަރުގެ ދައުޙާއަށް ވައިގެ ޙަމަލާތަކެއް ދީފިއެވެ.
އެނގިފައިވާ ގޮތުގައި ޔަހޫދީން އެ ޙަމަލާ ދީފައި ވަނީ ޣައްޒާ ޢުދުވާން ހުއްޓައިލުމާ ގުޅޭގޮތުން އެމެރިކާއިން އެންމެ ފަހުން ހުށަހަޅާފައިވާ ހުށަހެޅުމާމެދު ޙަމާސްގެ އިސްވެރިން މަޝްވަރާތައް ކުރައްވަމުން ދަނިކޮށެވެ. ޙަމާސްގެ އިސްެވެރިންނަށް ޙަމަލާ ދީފައިވާކަން ޔަހޫދީ އަސްކަރިއްޔާއިން ވަނީ ކަށަވަރުކޮށްދީފައެވެ. އެ ޙަމަލާތައް ދީފައި ވަނީ ފައިޓަރު ޖެޓު ބޭނުންކޮށްގެންނެވެ.
ޔަހޫދީން މަސައްކަތްކޮށްފައި ވަނީ ޙަމާސްގެ ފަރާތުން މަޝްވަރާތަކުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވެވަޑައިގަންނަވާ ޚަލީލް އަލް-ޙައްޔަ ޝަހީދުކޮށްލުމަށެވެ. އޭނާއަކީ އީރާނާ ގާތް ގުޅުމެއް ބާއްވަވައި ބޭފުޅެކެވެ. އަދި ޙަމާސްގެ ވެރިކަންކުރާ މަޖިލީހުގެ މެންބަރެކެވެ. ނަމަވެސް ޙަމަލާގައި އޭނާ ސަލާމަތްވެވަޑައިގަންނަވާފައިވާ ކަން ޙަމާސްގެ މަސްދަރަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
ޤަޠަރުގެ ޚާރިޖީ ވުޒާރާއިން ވަނީ ޔަހޫދީންގެ ޙަމަލާއަކީ ފިނޑި ޙަމަލާއެއްގެ ގޮތުގައި ސިފަކޮށް އެ ޙަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އެ ޙަމަލާއަކީ އެންމެހާ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޢަމަލެއް ކަމަށާއި، އެއީ ޤަތަރުގައި ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. އަދި ޔަހޫދީންގެ އެ ފަދަ ޢަމަލުތަކަށް ޤަތަރުން ބަލައިނުގަންނާނެ ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
ޤަޠަރުން މިހާރު ވަނީ ޒަޔަނިސްޓު އިސްރާއީލާއި ޙަމާސްއާ ދެމެދު ކުރަމުންދާ މަޝްވަރާތައް ވިލަރެސް ކުރުމުގައި އެ ޤައުމުން ޢަދާކުރަމުން ދިޔަ ދައުރު މެދުކަނޑާލާފައިވާ ކަމަށް ބުނެފައެވެ.